ގަވާއިދާ ޚިލާފަށް ރާއްޖޭގައ އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން އަނެއްކާވެސް ފައްޓަވައިފިއެވެ.
މިމަސައްކަތް ފައްޓަވާފައިވަނީ މިކަމަށްޓަކައި ސަރުކާރުން ތަރައްޤީކުރެއްވި، ޑިޓެންޝަން ސެންޓަރުގައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރައްވަމުން އަންނަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިވަޑައިގެންނެވެ. މެދުކެނޑުމަކަށްފަހު އަލުން މިމަސައްކަތް ފަށްޓަވާފައިވަނީ ބުދަދުވަހުއެވެ. މިމަސައްކަތް އަލުން ފަށްޓަވާފައިވަނީ މިކަމަށްޓަކައި ސަރުކާރުން ތަރައްޤީކުރައްވާފައިވާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފެށުމާއެކީގައެވެ.
ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް 250 ހާއި 300 މީހުންގެ ޖާގައިގެ މިޑިޓެންޝަން ސެންޓަރު ޤާއިމުކޮށްފައިވަނީ ހުޅުމާލޭގައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިޕްރޮގްރާމް އަލަށް ފަށައިގަތުމާއެކު ބުދަ އަދި ބުރާސްފަތި ދުވަހުވެސް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން މާލޭގައި ބިދޭސީން ޢާއްމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކުގައި ތިބ ބިދޭސީންނާއި ސުވާލުކޮށް އެމީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި ބިދޭސީންވަނީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ގަވާއިދާ ޚިލާފަށް ތިބި މީހުން ވީހާވެސް އަވަހަކަށް ޤައުމަށް އަނބުރާ ފޮނުވުމަށް މަސައްކަތްކުރާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވުމަކީ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުންވެސް ގިނަ މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ. ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް 2019 ވަނަ އަހަރު ފެށި މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް މަޖުބޫރު ވެގެންދިޔައީ ކޯވިޑް-19އާއެކުގައެވެ. އެފަހަރުގެ ޕްރޮގްރާމްގެ ތެރެއިން 13000 މީހުން ގަވާއިދުގެ ތެރެއަށް ފައްތާ އަލުން ރާއްޖޭގައި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. އަދި 24000 ބިދޭސީއަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަން ފާހަގަކުރެވެއެވެ.