ޚަބަރު

ރަޝިޔާގެ ވަރޯނިޝަށް ޑްރޯން ޙަމަލާއެއްދީ ދެ މީހުން ޒަޚަމުކޮށްލައިފި


ރަޝިޔާގެ ދެކުނުގައިވާ ވަރޯނިޝަށް ދިން ޑްރޯން ޙަމަލާއެއްގައި ޢާންމުންގެ ދެ މީހުން ޒަޚަމުވެއްޖެއެވެ. ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށްދޭ މި ފަދަ ޑްރޯން ޙަމަލާތަކުގެ ޢަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ދާދިފަހުން ވެރިރަށް މޮސްކޯއަށް ވެސް މި ފަދަ ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަން ފާހަގަކުރެވެއެވެ.

ވަރޯނިޝަށް ޑްރޯން ޙަމަލާތަކެއް ދީފައި މި ވަނީ ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ރަޝިޔާއިން ފަށާފައިވާ ހަނގުރާމައިގައި އަތްގަދަކޮށްފައިވާ ސަރަޙައްދުތައް މިނިވަންކުރަން ޔޫކްރެއިނުން އަސްކަރީ ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މިއީ އެ ރަށަށް މި ފަދަ ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކުރެވެއެވެ.

މިލިޔަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ވަރޯނިޝްއަކީ ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ބެލްގޮރޮޑާ ތަންކޮޅެއް ދުރުގައި އޮންނަ ރަށެކެވެ. ބެލްގޮރޮޑަށް މީގެ ކުރިން ވެސް އެތަކެއް ފަހަރަކު ޙަމަލާތައް ދީފައިވެއެވެ. ވޮރޯނިޝްގެ ގަވަރުނަރު އެލެގްޒެންޑަރ ގުސޭފް ވިދާޅުވީ ޑްރޯން ވެއްޓިފައި ވަނީ އެ ރަށުގެ ބެލިންސްކީ ސްޓްރީޓަށް ކަމުގައެވެ. އެއީ، އެ ރަށުގެ މެދުތެރޭގައި އޮންނަ މަގެކެވެ.

ޑްރޯން ޙަމަލާ އަރާފައި ވަނީ ވަރޯނިޝް ސްޓޭޓް ޔުނިވަރސިޓީ ހުންނަ ސަރަޙައްދަށެވެ. ޔޫކްރެއިންގެ ސަރަޙައްދީ ރޮނގާ 200 ކިލޯމީޓަރު ދުރުގައި އޮންނަ އެ ރަށަށް ދިން ޙަމަލާތަކުގައި ދެ މީހަކު ޒަޚަމުވި ކަމުގައި ވެސް ގުސޭފް ވިދާޅުވިއެވެ. ޑްރޯން ވެއްޓުނު ސަރަޙައްދުގައި ރަޝިޔާގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"ވަރޯނިޝަށް ދީފައިވާ ޑްރޯން ޙަމަލާގެ ފަހަތުގައި އޮތީ ޔޫކްރެއިން. ކީވުން އެ ދަނީ ރަޝިޔާގައި ޢާންމުން ދިރިއުޅޭ ހިސާބުތަކުގެ އިތުރުން ޢާންމުންނަށް ޚިދުމަތްދިނުމަށް ބޭނުންކުރާ ޢުމްރާނީ ވަސީލަތްތަކަށް ޙަމަލާދެމުން. މި ފަދަ ޙަމަލާތަކަށް ރަޝިޔާއެއް ނުސިހޭނެ. ޔޫކްރެއިންގައި ހިންގަމުންދާ ޚާއްޞަ އަސްކަރީ އޮޕަރޭޝަން ވެސް ހުއްޓުމަކަށް ނާންނާނެ،" ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޮފް ވިދާޅުވިއެވެ.

މި ޙަމަލާގައި ބެލިންސްކީ ސްޓްރީޓްގައި ހުންނަ ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވަރޯނިޝަށް ޙަމަލާދީފައި މި ވަނީ، ބެލްގޮރޮޑަށް ވެސް އާޓިލަރީ ބަޑީގެ ވަރުގަދަ ޙަމަލާތަކެއް ދެމުންދިޔަ ދަނޑިވަޅެއްގައެވެ. އެ ސަރަޙައްދުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ބެލްގޮރޮޑުގެ ގަވަރުނަރު ވްޔަޗެސްލާވް ގްލެޑްކޮފް ވިދާޅުވީ ޖޫން 8 ވަނަ ދުވަހު އެކަނިވެސް އެ ސަރަޙައްދަށް ތަފާތު 195 ޙަމަލާއެއް ދީފައިވާ ކަމުގައެވެ. މީގެ ތެރޭގައި އާޓިލަރީ ބަޑީގެ ޙަމަލާތައް ހިމެނެއެވެ. އެންމެ ގިނަ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޝެބެކީނޯއަށެވެ. ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ކަމުގައި ގްލެޑްކޮފް ވިދާޅުވިއެވެ. ޝެބެކީނޯގެ އިތުރުން ނޮވާޔާ ޓަވޮލްޜަންކާއަށް ވެސް 10 ރޮކެޓް ޙަމަލާދީފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މޭ މަހުގެ ތެރޭގައި މޮސްކޯގައި ހުންނަ ރިޔާސީ ގަނޑުވަރު – ކްރެމްލިނަށް އަމާޒުކޮށް ވެސް ޑްރޯން ޙަމަލާތަކެއް ދީފައިވެއެވެ. ދެ ޑްރޯން ބޭނުންކޮށްގެން ދީފައިވާ ޙަމަލާތައް ރަޝިޔާއިން ވަނީ ދިފާޢުކޮށްފައެވެ. އެއީ ޔޫކްރެއިނުން އަޑީގައި އޮވެގެން، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އަވަހާރަކޮށްލަން ދިން ޙަމަލާއެއްގެ ގޮތުގައި އެ ޤައުމުން ސިފަކުރެއެވެ. ނަމަވެސް، ކީވުން މި ތުހުމަތުތައް ދޮގު ކުރެއެވެ. އަދި، ސަރަޙައްދީ ރޮނގު ހުރަސްކޮށް، ރަޝިޔާގެ އެއްވެސް ސަރަޙައްދަކަށް ޙަމަލާދީފައި ނުވާނެ ކަމުގައި ކީވުން ދަނީ ބުނަމުންނެވެ.