ޚަބަރު

އަލްހާން އެމް.ޑީޕީގެ އިސް ފަރާތްތަކަށް ފާޑު ވިދާޅުވެއްޖެ


އެމް.ޑީޕީގެ ބައެއް މެންބަރުން އަލްހާން އެޕާޓީގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުން މައްސަލަ ޖައްސަނީ، ރައީސް ނަޝީދު ނޫން ކެނޑިޑޭޓަކު 2018 އިންތިޚާބަށް ނެރުމާއި ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގަތުމުގެ ޝައުޤުވެރިކަން އޭނާ ފާޅުކުރައްވާފައިވާތީ ކަމަށް އެމް.ޑީ.ޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ. އެމް.ޑީ.ޕީން ބޭއްވި ޙަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް އަލްހާން ވަޑައިގަތުމުން އެނާއަށް އުނަގޫކޮށް ހަޅޭލަވާ ނޭދެވޭ ކަންތައްތަކެއް ކުރުމުން އެކަން ކުއްވެރިކުރައްވައި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، އެފަދަ ނޭދެވޭކަންކަން ޕާޓީގެ ބައެއް އެކްޓިވިސްޓުން ކުރަނީ ޕާޓީގެ ލީޑަރޝިޕުން އެކަމަށް ހިތްވަރުދޭތީކަމަށެވެ. އަދި އެކަން ހާމަވަނީ އަލްހާން އެމް.ޑީ.ޕީގެ މެންބަރަކަށްވާއިރު، އެ ޕާޓީގެ ލީޑަރޝިޕްގެ އެއްވެސް ފަރާތަކުން އެކަމާމެދު އެއްޗެއް ނުބުނުމުންކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

އަލްހާނު ވިދާޅުވީ ނަޝީދަކީ މިހާރު އެޕާޓީގެ ރައީސް ނޫންކަމަށާއި، ޖަލުޙުކުމް މަޢާފްވެ، ނޫންނަމަ ތަންފީޒްކޮށް ނިމުނަސް އަލުން އިންތިޚާބުކޮށްގެން ނޫނީ ޕާޓީގެ ރައީސްގެ ގޮތުގައި ނަޝީދަށް ނުހުންނެވޭނެކަމަށެވެ. އެހެންކަމުން އެމް.ޑީ.ޕީގެ އެތެރޭގައި އިދިކޮޅު ޚިޔާލުތަކަށްވެސް ޖާގަދޭންޖެހޭކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާންގެ ވާހަކައިގައި ކުރިން އެޕާޓީގެ އިސް ސަފުގައި ތިބި ބައެއް ފަރާތަކުން ޕާޓީއާ ދުރަށް ދާންޖެހުނީވެސް ވަކި މީހަކު ޕާޓީގެ ހުރިހާ ކަމެއްގައި އިސްކަންދޭން މަސައްކަތްކުރާތީކަމުގައި ވަނީ ތުހުމަތުކުރައްވާފައެވެ. ސަރުކާރުގެ ތެރެއިން ނޭދެވޭ ކަމެއް ހިނގައިފިނަމަ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެކަމެއް ބަލަންޖެހޭކަމަށާއި، ނަމަވެސް އެފަދަ މައްސަލައެއް ޤާނޫނުގައިވާ ގޮތަށް މިނިވަން މުއައްސަސާތަކުން ބަލަމުންދާނަމަ މަގުމައްޗަށް ނުކުމު ހަޅޭލަވަން ނުޖެހޭކަން އަލްހާން ވިދާޅުވިއެވެ.