ޚަބަރު

ފަތުވެރިޔާ ރޭޕްކުރިކަމަށް ބުނާ މައްސަލަ ދަނީ ތަހުޤީޤްކުރަމުން


ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިޔަކު ރޭޕްކުރިކަމަށް ބުނާ މައްސަލައެއް ތަޙުގީގުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގެ ރިޕޯޓު މިމަހުގެ 11 ވަނަ ދުވަހު ލިބުމާއި ގުޅިގެން ވަގުތުން މިމައްސަލައިގައި ޝާމިލުވާ ދެމީހުންގެ ފޮރެންސިކް ސާމްޕަލްތައް ނަގާފައިވާކަމަށާއި، އަދި އޭގެ ނަތީޖާ ލިބުމުން މައްސަލައިގައި ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ނޫސްބަޔާނެއް ނެރެފައި މިވަނީ، މިމައްސަލައާއި ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި މިފަދަ ކޭސްތަކުގައި ފުލުހުންގެ ފަރާތުން ސީރިއަސްކަން ނުފެންނަކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަވަމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް، މިމައްސަލައިގައި ހިމެނޭ ފަތުރުވެރިޔާއާއި އޭނާއާއި ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިނގިކަމަށް ބުނާ މީހާއާއި ސުވާލުކޮށް އެމީހުންގެ ބަޔާން ނަގާފައިވާކަމަށެވެ. އަދި މިމައްސަލައިގައި ހިމެނޭ ފަތުރުވެރިޔާއަށް ބޭނުންވާ ސިއްޙީ އެހީތެރިކަމާއި ބޭނުންވާ އެހެނިހެން އެހީތެރިކަން ފުލުހުންގެ ފަރާތުން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ރޭޕްއާއި ގުޅުންހުރި މިފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކަމާއި ޕްރޮފެޝަނަލްކަމާއެކު ބަލާ ފިޔަވަޅު އަޅާނެ މައްސަލަތައްކަމަށް ފުލުހުން ވިދާޅުވެއެވެ. ހަމައެއާއެކު ދިވެހި ޤާނޫނު ހިނގާ ސަރަޙައްދުގައި ހިމެނޭ ކޮންމެ ފަރުދެއްގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އިންސާފު ޤާއިމުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ. އެހެންކަމުން މިހާރު ބަލަމުން އަންނަ ފަތުރުވެރިޔާ ރޭޕްކުރި މައްސަލައަށްވެސް އިންސާފު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.