ޚަބަރު

އީދު ބަންދަށް ފުރުމުގެ ކުރިން ގޯތި ގެދޮރާއި އަގުބޮޑު މުދަލަށް ސަމާލުވޭ: ފުލުހުން


  • ޗުއްޓީއަށް ފުރުމުގެ ކުރިން ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުން

  • ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެެހޭ ގައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ޚާއްސަ ސަމާލުކަމެއްދިނުން

ސްކޫލް ބަންދާއި އީދު ބަންދު ޗުއްޓީއަށް ފުރައިގެންދާއިރު ގޯތި ގެދޮރާއި ގެންގުޅޭ އަގުބޮޑު މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. ފުލުުހުން މިކަމަށް އިލްތިމާސްކުރެއްވީ އީދު ބަންދާއި ސްކޫލް ޗުއްޓީއަށް ގިނަ ބަޔަކު އެކިތަންތަނަށް ދަތުރުކުރާނެތީ ރައްކާތެރިކަމަށް ސަމާލުކަން ދޭންވި ކަންތައްތަކަށް އިރުޝާދުދެއްވަމުންނެވެ.

އެގޮތުން ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯއާއި ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަގީންކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ދުވާލަކު އެއްފަހަރު ނަމަވެސް ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމާ އަދި ގޭގައި އަލިކަން ބެހެއްޓުމުގެ ގޮތުން ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި، ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ޒިންމާދާރު ކޮންމެވެސް މީހަކާ ހަވާލުކުރުމަށްވެސްވަނީ އެދިވަޑައިގެންފައެވެ.

ފުލުހުން ވިދާޅުވީ ގޭގައި ހުންނަ ލެޕްޓޮޕް، އައިޕެޑް، ޓެބްލެޓް، ގަހަނާ އާއި އެހެނިހެން ތަކެތިވެސް ތަޅުލެވޭ ތަނެއްގައި ރައްކާކުރުމަކީވެސް މުދަލުގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.. ޗުއްޓީއަށް ފުރުމުގެ ކުރިން ގޭތެރޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކުރުން މުހިންމުކަމެއްކަން ފާހަގަކޮށް ފުލުހުން ވިދާޅުވީ ޗުއްޓީއަށް ފުރަންދިއުމަށް ގެއިން ނުކުތުމުގެ ކުރިން، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށްވެސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ގޭސް ލީކުވާގޮތަށް ހުރިނަމަ އެކަން ރަނގަޅުކޮށްލުމުގެ އިތުރުން ގޭސްފުޅި ރެގިއުލޭޓަރ ނައްޓައިލުމަށްވެސް ވަނީ އިރުޝާދުދެއްވާފައެވެ.

މީގެ އިތުރުން ގޭތެރޭގެ ކަރަންޓުގެ ހާލަތު ރަނގަޅުތޯ ކަށަވަރުކުރުމާއެކު ކަރަންޓު ޝޯޓޭޖެއް އައިސްގެން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަސް އަލިފާނުގެ ހަދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ގޭތެރޭގެ ކަންކަން ހަމަޖެއްސުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ބޭނުންނުކުރާ ހުރިހާ ތަންތަނުގެ ކަރަންޓު ސުވިޗް އޮފްކޮށް ކަރަންޓުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ކަމެއް ދިއުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، ފެން ލީކުނުވާނޭހެން އިސްކުރުތައް ރަނގަޅަށް ބަންދުކުރުމަށްވެސްވަނީ ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ދުއްވާ ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކުރުމުގެ މުހިންމުކަން ފުލުހުންވަނީ ފާހަގަކުރައްވާފއެވެ.

މިދުވަސްވަރަކީ ކަނޑުމަގުންވެސް ގިނަބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ އޮޕަރޭޝަނެއް ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން މިހާރުވަނީ ފަށްޓަވާފައެވެ.

ކަނޑުމަގުން އެއްތަނުން އަނެއް ތަނެއް ދަތުރުކުރާ ފަރާތްތަކުން ސަމާލުވާންވީ ކަންތައްތައްވެސް ފުލުުންވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުންނާއި އުޅަނދު ދުއްވާ ފަރާތްތަކުންވެސް އެދަތުރުކުރާ އުޅަނދަކީ ދަތުރަށް އެންމެ އެކަށޭނަ އުޅަނދުތޯ ޔަގީންކުރުމަށް ފުލުހުންވަނީ ހަނދާންކޮށްދެއްވާފައެވެ. އެގޮތުން ފުރުމުގެ ކުރިން ލައިފްޖެކެޓް، އަލިފާންނިވި، ފަސްޓްއެއިޑް ބޮކްސް، ދިޔަހިއްކުމަށް ބޭނުންކުރާ އާލާތްތައް، ނެވިގޭޝަން އާލާތްތައް އަދި މުވާސަލާތީ ވަސީލަތްތައް ހަމައަށްހުރިތޯއާއި އެ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ އުޅަނދު ދުއްވާ ފަރާތުން ބެލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ކުރިއަތް އޮތީ މޫސުންގޯސް ދުވަސްވަރަކަށް ވުމުން މޫސުމާ ބެެހޭ ގައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ޚާއްސަ ސަމާލުކަމެއްދީ ރީނދޫ، އޮރެންޖު އަދި ރަތް ސަމާލު ނެރެފައިވާނަމަ އެ ސަރަހައްދަކަށް ދަތުރަށް ނުފުރުން ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި މި ކުލަތަކުގެ ސަމާލުތައް ނެރެފައިވާނަމަ، ނުވަ މީޓަރަށްވުރެ ކުދި އުޅަނދުގައި މީހުން އުފުލުމާއި އެ ފަދަ އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޗުއްޓީ ދުވަސްވަރަކީ ދަތުރު ދިއުމާއި މޫދަށް އެރުންވެސް އިތުރުވާނެ ދުވަސްވަރެކަމުން ދަތުރު ދިއުމާއި މޫދަށްއެރި އުޅުމުގައި ތިމާއާއި އަނެއްކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދީ މިކަންކަމަށް ރައްކާތެތިވުމަށް ފިޔަވަޅުތައް އެޅުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.