ދުނިޔޭގެ އެންމެ ބޮޑު ދެ ޑިމޮކުރަސީ ކަމުގައިވާ އިންޑިޔާއާއި އެމެރިކާއިން ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެއެވެ. ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް އެކުލަވައިލާފައި ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޖޯ ބައިޑަންއާއި އެ ޤައުމުގެ އިސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައެވެ.
މޯދީ އެމެރިކާއަށް ވަޑައިގަންނަވާފައި މި ވަނީ އޭޝިޔާއާއި ޕެސިފިކްގެ ސަރަޙައްދުގައި ހަންފަތުރަން ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މޯދީގެ ދަތުރުފުޅާ އެކު ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އެމެރިކާއިން ގަބޫލުކުރެއެވެ.
މޯދީގެ ދަތުރުފުޅާ އެކު ދެ ޤައުމުގެ ދެމެދުގައި އެކުލަވައިލާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި އަސްކަރީ މަތިންދާބޯޓަށް ބޭނުންވާ އިންޖީނުގެ ވިޔަފާރިއާއި، ސެމީކޮންޑަކްޓަރ އުފެއްދުމާއި، ޖައްވީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މޯދީގެ ދަތުރުފުޅަކީ، ބައިޑަންގެ ރިޔާސަތުގައި އެހެން ޤައުމެއްގެ ވެރިއަކު އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ތިންވަނަ ފަހަރު ކަން ފާހަގަކޮށްލަން ޖެހެއެވެ.
ސެމީކޮންޑަކްޓަރ އުފެއްދުމުގެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ މައިކްރޯން ކުންފުނިން އިންޑިޔާގައި ކާރުޚާނާއެއް ބިނާކުރަން 800 މިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރާނެވެ. އަދި، އިންޑިޔާއިން ކުރާ ޚަރަދާ އެކު އެ މަޝްރޫޢުގެ އަގު 2.75 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ ވެސް، ޗައިނާގެ ކޮމްޕިޔުޓަރ ޗިޕް އުފެއްދުމުގެ ވިޔަފާރިއަށް ހުރަސް އެޅުމުގެ ގޮތުން އެމެރިކާއިން އިސްވެ އޮވެ ހިންގާ މަޝްރޫޢެކެވެ.
"އިންޑިޔާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަކީ 21 ވަނަ ގަރުނުގެ އެންމެ މުހިންމު ގުޅުން ކަމަށް ގަބޫލުކުރަން،" ބައިޑަން ވިދާޅުވިއެވެ. މޯދީ ވިދާޅުވީ އޭނާގެ ދަތުރުފުޅާ އެކު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވި، ގުޅުންތަކަށް އައު ބާރެއް ލިބިގެން ގޮސްފައިވާ ކަމުގައެވެ.
މި ދަތުރުފުޅުގައި މޯދީ ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް – ކޮންގްރެސްގައި ތަޤުރީރު ކުރައްވާފައެވެ. އެ ތަޤުރީރުގައި އޭނާ ވަނީ އިންޑޯ-ޕެސިފިކް ސަރަޙައްދަކީ މިނިވަން އަދި ހުރިހާ އެންމެންގެ ބައިވެރިވުން އޮންނަ ސަރަޙައްދަކަށް ހެދުމަށް އިންޑިޔާއިން ތާޢީދުކުރާ ކަމަށް ވިދާޅުވެ، ޗައިނާއަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. "އިންޑޯ-ޕެސިފިކް ސަރަޙައްދަށް މިހާރު ދަނީ ކަޅު ވިލާގަނޑެއްގެ ހިޔަނި ފެތުރެމުން،" މޯދީ ވިދާޅުވިއެވެ.
މޯދީ ތަޤުރީރު ކުރައްވަމުން ގެންދަވަނިކޮށް ކްންގްރެސްގައި ތިއްބަވާ އިންޑިޔާ ދަރިކޮޅަށް ނިސްބަތްވާ މެންބަރުން ވަނީ އޭނާއަށް ތާޢީދުކޮށް އަޑުއުފުލާފައެވެ. ނަމަވެސް، އިންޑިޔާގެ އިންސާނީ ހައްޤުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ ހަ މެންބަރުން މޯދީގެ ތަޤުރީރު ބޮއިކޮޓް ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
މޯދީގެ މި ދަތުރުފުޅުގައި އެމެރިކާގައި އުފައްދާ "އެމް.ކިޔު-9ބީ" މަރުކާގެ "ސީގާޑިއަން" އަސްކަރީ ޑްރޯންތަކެއް ގަތުމާ ގުޅޭ އެއްބަސްވުން އެކުލަވައިލައްވާނެ ކަމުގައި އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ. 2019 ވަނަ އަހަރު އިންޑިޔާއިން ވަނީ އެ ފަދަ ޑްރޯނެއް ބޭނުންކޮށްގެން ޕާކިސްތާނުގެ ސަރަޙައްދުގައިވާ އަމާޒަކަށް ޙަމަލާދީ، ޓެރެރިސްޓުން ކަމަށް އިންޑިޔާއިން ތުހުމަތު ކުރާ ބަޔަކު މަރައިލާފައެވެ. ދިފާޢީ ދާއިރާއިން އިންޑިޔާއާ އެކު ގުޅުން ބަދަހިކުރުމަކީ، އިންޑިޔާއާއި ރަޝިޔާއާ ދެމެދު އޮތް އަސްކަރީ ގުޅުންތައް ހީނަރުކުރަން މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައިޑަންގެ ސަރުކާރުން ގަބޫލު ކުރެއެވެ.
ނަމަވެސް، އިންޑިޔާއަކީ ރަޝިޔާގެ ގާތް އެކުވެރިއެކެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއިން އިސްވެ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ގިނަ ޤައުމުތަކާ ޚިލާފަށް އިންޑިޔާއިން އެ ކަމުގައި ބައިވެރިވެފައި ނުވާ ކަން ވެސް ފާހަގަކުރެވެއެވެ.