ޚަބަރު

ހުޅަނގު އައްސޭރިއަށް ޑްރޯން ޙަމަލާތަކެއްދީ ތިން މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުން ހުޅަނގު އައްސޭރިއަށް ނުރައްކާތެރި ޑްރޯން ޙަމަލާތަކެއް ދީ ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައިފިއެވެ. މިއާ އެކު މި ހަފުތާގެ ތެރޭގައި ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ ޖަރީމަތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މި ވަނީ 13 އަށް އަރާފައެވެ.

ޔަހޫދީ ޓެރެރިސްޓު އަސްކަރިއްޔާއިން ޑްރޯން ޙަމަލާ ދީފައި ވަނީ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖިނީން ރެފިއުޖީ ކޭމްޕު ކައިރީގައިވާ ސަރަޙައްދެއްގައި ދުއްވާފައި ދިޔަ ކާރަކަށެވެ. މި ޙަމަލާގައި އެ ކާރުގައި ތިބި ތިން ޓެރެރިސްޓުން މަރައިލާފައިވާނެ ކަމަށާއި، އެ މީހުން ތިބި އުޅަނދަށް ޙަމަލާދިނީ، ޖިނީން ކައިރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނަށް ދިން ޙަމަލާތަކަކާ ގުޅިގެން ކަމުގައި ޔަހޫދީ ޖައްބާރު އަސްކަރިއްޔާއިން ބުނެއެވެ.

މިއީ، 2006 ވަނަ އަހަރުގެ އޮގަސްޓު މަހަށް ފަހު ހުޅަނގު އައްސޭރީގެ އަމާޒަކަށް ޙަމަލާދޭން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޑްރޯނެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ ޙަމަލާގައި ވެސް ޔަހޫދީ ޓެރެރިސްޓު އިސްރާޢީލުން ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ދެ މީހަކު ޝަހީދުކޮށްލާފައެވެ. ޑްރޯން ޙަމަލާދީފައި މި ވަނީ، ޔަހޫދީން ޢާންމުންގެ ބަޔަކު ދިން އެހެން ޙަމަލާއެއްގައި ފަލަސްޠީނުގެ އިތުރު މީހަކު ޝަހީދުކޮށްލިތާ ގިނަ އިރުތަކެއް ނުވެއެވެ. އެ ޙަމަލާ ވެސް ދީފައި ވަނީ ހުޅަނގު އައްސޭރީގައެވެ.

ހުސްވި ހަފުތާގައި ޔަހޫދީން ޢާންމުންގެ 300 އެއްހާ މީހުން ވަނީ ހުޅަނގު އައްސޭރީގެ އަވަށެއް ކަމުގައިވާ ތަރްމިސީ އާޔަތަށް އަރައި ފަލަސްޠީން ރައްޔިތުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، ފަލަސްޠީން ރައްޔިތުންނަށް ޙަމަލާދީ ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުކޮށްލާފައެވެ.

ފަލަސްޠީނުގެ ބިމެއް ކަމުގައިވާ ހުޅަނގު އައްސޭރިއަށް ޔަހޫދީ އިސްރާޢީލުން ވެރިވެގަނެ، އެ ރަށުގެ މުސްލިމުން އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އަދި، ބައިތުލްމަޤްދިސް ނުހިމަނައި ހުޅަނގު އައްސޭރީގައި 490,000 އަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކުރުވާފައެވެ.

ފަލަސްޠީނުގެ ބިންތަކަށް އަރައި ޔަހޫދީ އިސްރާޢީލުން މި އަހަރުގެ ތެރޭގައި ހިންގާފައިވާ ލާއިންސާނީ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 174 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުށެއް ނެތް ކުޑަކުދިން ވެސް ހިމެނެއެވެ. އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން 30 އަށްވުރެ ގިނަ މީހުންނަކީ މޭ މަހުގެ ތެރޭގައި ޔަހޫދީ ޖައްބާރު ސިފައިން ޢައްޒާގައި ހިންގާފައިވާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.