ގްރީސްގެ އައްސޭރިފަށުގެ ސަރަޙައްދަކަށް ޖޫން މަހުގެ 14 ވަނަ ދުވަހު ފެތުނު ބޯޓުގައި ޕާކިސްތާނުގެ 350 އަށްވުރެ ގިނަ ރެފިއުޖީން ތިބި ކަމުގައި އެ ޤައުމުގެ ދާޚިލީ ވަޒީރު ރަނާ ސަނާއުالله ހާމަކުރައްވައިފިއެވެ. ގިނަ ޢަދަދެއްގެ ބަޔަކާ އެކު ދަތުރުކުރަމުން ދަނިކޮށް އެ ބޯޓު ފެތިފައި ވަނީ ގްރީސްގެ ދެކުނުގައި އޮންނަ ޕީލޯސްއާ 80 ކިލޯމީޓަރު ދުރަށެވެ.
މި ހާދިސާގައި މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 82 އަށް އަރާފައެވެ. ނަމަވެސް، ބޯޓުގެ ތެރޭގައި އިތުރު ބަޔަކު ތާށިވެ މަރުވެފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ހަށިތައް ހޯދުމަށް ގްރީސްގެ ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން 104 މީހުން ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ 12 މީހުން ހިމެނޭ ކަމަށް އެ ޤައުމުން ބުނެއެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓުގައި 400 އާއި 750 ދެމެދުގެ ޢަދަދަކަށް މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ފުރިހަމަ ޢަދަދު އަދިވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ބޯޓު ފެތިފައި ވަނީ ދަންވަރުގެ ވަގުތުގައި ވަރަށް ފުން ހިސާބަކަށެވެ. ޕާކިސްތާންގެ ރެފިއުޖީންގެ އިތުރުން ބޯޓުގައި ދެން ތިބީ މިޞްރާއި ސޫރިޔާގެ ރެފިއުޖީން ކަމަށް ބެލެވެއެވެ.
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސަނާއުالله ވިދާޅުވީ އެ ބޯޓުގައި ތިބި ކަމަށް ބެލެވޭ މީހުންގެ ޢާއިލާތަކުން ސަރުކާރަށް އެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އެ ބޯޓުގައި ޕާކިސްތާނުގެ 350 އަށްވުރެ ގިނަ ރެފިއުޖީން ތިބި ކަމަށް ބެލެވޭ ކަމުގައެވެ. އަދި، މަރުވި މީހުން ދެނެގަތުމަށް އެ މީހުންގެ ޢާއިލާތުން ޑީ.އެން.އޭ ސާމްޕަލް ދީފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"މިއީ، ޕާކިސްތާނުގެ އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މި ފަދަ ގޮތަކަށް މަރުވެފައިވާ އެންމެ ހިތާމަވެރި ހާދިސާ. ޓެރެރިސްޓު ޙަމަލާއެއްގައި ވެސް މިހާ ގިނަ މީހުން މީގެ ކުރިން އެއް ފަހަރާ މަރުވެފައެއް ނެތް،" މަޖިލީހުގެ މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަނާއުالله ވިދާޅުވިއެވެ.
ޕާކިސްތާނުގެ ތަހުޤީޤީ އިދާރާ – ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފް.އައި.އޭ)އިން ބުނީ، އެ ބޯޓުގައި ދަތުރުކުރި ކަމަށް ބެލެވޭ 209 މީހެއްގެ ޢާއިލާގެ މެންބަރުންގެ ޑީ.އެން.އޭ ސާމްޕަލް ލިބިފައިވާ ކަމަށާއި، މަރުވި މީހުންނަކީ ކޮން ބަޔެއްކަން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ޕުންޖާބާއި ކަޝްމީރުގެ ރައްޔިތުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ފެތުނު ބޯޓުގައި ތިބީ ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރި ބައެކެވެ. މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ މި ފަދަ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
ބޯޓު ފެތުމުގެ ކުރިން ގްރީސްގެ ކޯސްޓްގާޑުން ވަނީ އެ ބޯޓުގައި ދަތުރުކުރަމުންދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް، އިޓަލީވިލާތަށް ދަތުރުކުރަން ބޭނުންވާ ކަމަށް ބުނެ، އެ މީހުން ވަނީ ގްރީސްގެ ކޯސްޓްގާޑުން އެހީތެރިކަން ހޯދަން އިންކާރުކޮށްފައެވެ.
އެ ބޯޓު ފުރާފައި ވަނީ ލީބިޔާގެ ތުބްރުކުންނެވެ. އޭގެ ކުރިން އެ ބޯޓު ވަނީ މިޞްރުގައި ވެސް ބަނދަރުކޮށް ގިނަ ޢަދަދެއްގެ ރެފިއުޖީން އަރުވާފައެވެ. 2015 ވަނަ އަހަރު މިލިޔަނަކަށް ވުރެ ގިނަ މީހުން ގްރީސްއަށް ހިޖުރަކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ގިނައީ ތުރުކީވިލާތުން ފުރައިގެން ދަތުރުކުރި ރެފިއުޖީންނެވެ.
މި އަހަރުގެ ފެބުރުވަރީ މަހު ވެސް ގިނަ ޢަދަދެއްގެ ރެފިއުޖީންނާ އެކު ދަތުރު ކުރަމުންދިޔަ ބޯޓެއް އިޓަލީވިލާތުގެ އައްސޭރިފަށަށް ފެތި ގިނަ ޢަދަދެއްގެ ބަޔަކު މަރުވިއެވެ. އިޓަލީވިލާތުގެ ކަލަބްރޭޒޭގެ އައްސޭރިފަށުގައި ހިނގި އެ ހާދިސާގައި 96 މީހުން މަރުވިއެވެ. އެ ފަހަރު ބޯޓު ފެތިފައި ވަނީ ބާރުގަދަ ތޫފާނެއްގައި ޖެހިގެންނެވެ.
2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން އެތަކެއް މިލިޔަން ރެފިއުޖީން މަސައްކަތް ކޮށްފައިވާއިރު، އޭގެ ތެރެއިން 20,000 އަށްވުރެ ގިނަ މީހުން ކަނޑުވެގެން މަރުވެފައިވާ ކަމަށް އ.ދގެ ތަފާސްހިސާބުތަކުން ދައްކައެވެ. ވިލާތުގެ ޤައުމުތަކަށް މި އަހަރުގެ މިހާތަނަށް ހިޖުރަކޮށްފައިވާ މީހުންގެ ޢަދަދު ވެސް މިހާރު ވަނީ 72,000 އަށްވުރެ މައްޗަށް އަރާފައެވެ.