ސައިޕްރަސްގެ ކަނޑުގެ ސަރަޙައްދުގައި ހާލުގައި ޖެހިފައި އޮތް ދެ އުޅަނދެއްގައި ތިބި ސޫރިޔާގެ 45 ރެފިޔުޖީންތަކެއް ސަލާމަތްކޮށްފިއެވެ. ކާވޯ ގްރޭކޯގެ އައްސޭރިފަށުގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ރިސޯޓެއްގެ އައްސޭރިފަށުން ދަތުރުކުރަނިކޮށް ހާލުގައި ޖެހުނު ދެ އުޅަނދު ތިބި ރެފިއުޖީން ސަލާމަތްކޮށްފައި ވަނީ ސައިޕްރަސްގެ ޖޮއިންޓް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުންނެވެ.
ސަލާމަތްކޮށްގެން ސައިޕްރަސްއަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 29 ފިރިހެނުންނާއި ފަސް އަންހެނުންގެ އިތުރުން 11 ކުޑަކުދިންނެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށާއި، ވެރިރަށް ލެފްކޯސިޔާގައި ހުންނަ ރެފިއުޖީން ބައިތިއްބާ މަރުކަޒަކަށް އެ މީހުން ބަދަލުކޮށްފައިވާ ކަމުގައި ސައިޕްރަސްގެ އޮފިޝަލުން ވިދާޅުވެއެވެ. ހާލުގައި ޖެހުނު މީހުންގެ ތެރެއިން 18 މީހުން ތިބީ އެއް ބޯޓުގައެވެ. އަދި، އަނެއް ބޯޓުގައި 27 މީހުން ތިބި ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
އެ ދެ ބޯޓުގައި ތިބީ ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތްކުރި ބަޔެކެވެ. އެ މީހުންގެ ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ހަރަކާތްތެރިވި ދެ މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ސައިޕްރަސްއަކީ އެފްރިކާ ބައްރުގެ ޤައުމުތައް ދޫކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރާ ގިނަ ޢަދަދެއްގެ ރެފިއުޖީންގެ މަންޒިލެކެވެ. ހުސްވި އަހަރު ރެކޯޑު ޢަދަދެއްގެ ރެފިއުޖީން އެ ޤައުމަށް އެތެރެވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
ޖޫން 21 ވަނަ ދުވަހު ރެފިއުޖީންނާ އެކު ދަތުރުކުރަމުންދިޔަ އެހެން އުޅަނދެއް ހާލުގައި ޖެހުމުން އެ ބޯޓުގައި ތިބި 37 މީހުން ވެސް ގްރީސްއިން ވަނީ ސަލާމަތްކޮށްފައެވެ. އެ އުޅަނދުގައި ވެސް ދަތުރުކޮށްފައި ވަނީ ސޫރިޔާގެ ރެފިއުޖީންނެވެ. އެ އުޅަނދު ވެސް ހާލުގައި ޖެހިފައި ވަނީ ކާވޯ ގްރޭކޯގެ އައްސޭރިފަށުން ދަތުރުކުރަނިކޮށެވެ.
ހުސްވި އަހަރުގެ ފުރަތަމަ ފަސް މަހާ އަޅައިބަލާއިރު، އެ ޤައުމަށް ކަނޑުމަގުން ހިޖުރަކޮށްފައިވާ ރެފިއުޖީންގެ ޢަދަދު މި އަހަރު 60 އިންސައްތަ އިތުރުވެފައިވާ ކަމުގައި ސައިޕްރަސްއިން ބުނެއެވެ. އޭގެ ތެރެއިން ގިނަ މީހުން ފުރާފައި ވަނީ ސޫރިޔާގެ ތަރްތޫސުން ކަމަށް ބެލެވެއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރެފިއުޖީން މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.