ޗައިނާގެ ވެރިރަށް ބެއިޖިންގެ ފިނިހޫނުމިން ރެކޯޑު ޢަދަދަކަށް އުފުލުމާ ގުޅިގެން އިންޒާރުގެ ރަތް ސަމާލު އިޢުލާނުކޮށްފިއެވެ. އެއީ އިންޒާރުގެ ސަމާލުގެ އެންމެ މަތީ އަދި ނުރައްކާތެރި ދަރަޖައެވެ. ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލުމާ ގުޅިގެން 22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބެއިޖިންގެ ރައްޔިތުންނަށް ވަނީ ޞިއްޙީ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައެވެ.
ޖޫން 22 ވަނަ ދުވަހު ބެއިޖިންގެ ފިނިހޫނުމިން ވަނީ 41 ޑިގްރީ ސެލްސިއެސްއަށް އަރާފައެވެ. އެއީ، ފަހުގެ ތާރީޚެއްގައި ޖޫން މަހެއްގެ ތެރޭގައި އެ ރަށުގެ ފިނިހޫނުމިން މި ފަދަ އާދަޔާ ޚިލާފު މަތީ ދަރަޖައަކަށް އުފުލުނު ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް 10 ވަރަކަށް ދުވަހު ވެސް ބެއިޖިންގެ ފިނިހޫނިމިން 40 ޑިގްރީ ސެލްސިއެސް ނުވަތަ އެއަށްވުރެ މައްޗަށް އުފުލޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރު ކޮށްފައެވެ.
ބެއިޖިންގެ ފިނިހޫނުމިން 41.1 ޑިގްރީ ސެލްސިއެސްގައި ރެކޯޑު ކުރެވިފައި ވަނީ އެ ރަށުގެ ދެކުނުގައިވާ ސަރަޙައްދަކުންނެވެ. ޖޫން މަހެއްގެ ތެރޭގައި ބެއިޖިންގައި ފިނިހޫނުމިން މިހާ މަތީ ޢަދަދަކަށް އެންމެ ފަހުން އުފުލިފައި ވަނީ 1961 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް، ބެއިޖިންގެ ފިނިހޫނުމިން މީގެ ކުރިން ވެސް 41.9 ޑިގްރީ ސެލްސިއެސްގައި ރެކޯޑު ކުރެވިފައިވެއެވެ. އެއީ، 1999 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ބެއިޖިންގެ އިތުރުން ޓިއާންޖިން، ހެބޭއީ، ޝެންޑޮންގ، ހެނާން، އަދި އިނަރ މޮންގޯލިޔާގައި ވެސް ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ޗައިނާގެ އުތުރުގައި އޮންނަ ބަނދަރުމަތީ ރަށެއް ކަމުގައިވާ ޓިއާންޖިންގެ ފިނިހޫނުމިން ވެސް ވަނީ 41.2 ޑިގްރީ ސެލްސިއެސްއަށް އުފުލިފައެވެ. އެއީ، 19 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ.
ޗައިނާގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލުމާ ގުޅިގެން ރައްކާތެރި ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ޢާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ފިނިހޫނުމިން އުފުލުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަމެއް ކަން ފާހަގަކޮށް، ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް އެ ޤައުމުގެ ޞިއްޙީ އޮފިޝަލުން ވެސް ވަނީ އިރުޝާދުދީފައެވެ. އަދި، ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.