ޚަބަރު

ޔަހޫދީން މުސްލިމުންނާ ދެކޮޅަށް ބަރު ހަތިޔާރު ބޭނުންކުރާތީ އދގެ ނުރުހުން


ޔަހޫދީ އިސްރާޢީލުން ފަލަސްޠީނުގެ މުސްލިމުންނަށް ޙަމަލާދޭން އަސްކަރީ ބަރު ހަތިޔާރު ބޭނުންކުރާތީ އ.ދއިން ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފިއެވެ. ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ހުޅަނގު އައްސޭރީގެ ޖިނީން ރެފިއުޖީ ކޭމްޕަށް އަރައި ދާދި ފަހުން ހިންގި ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ 13 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ކުށެއް ނެތް ކުޑަކުދިން ވެސް ހިމެނެއެވެ.

އޭގެ ތެރެއިން ތިން މީހުން ޝަހީދުކޮށްލާފައި ވަނީ އަސްކަރީ ޑްރޯނެއް ބޭނުންކޮށްގެން ދިން މިސައިލް ޙަމަލާތަކެއްގައެވެ. އަދި، އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ވަނީ ހުޅަނގު އައްސޭރިއަށް އަރައި، ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެއީ، 2006 ވަނަ އަހަރުގެ އޮގަސްޓު މަހަށް ފަހު ހުޅަނގު އައްސޭރީގެ އަމާޒަކަށް ޙަމަލާދޭން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޑްރޯނެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ހެލިކޮޕްޓަރުތަކާއި އެހެން އަސްކަރީ ބަރު ހަތިޔާރު ބޭނުންކޮށްގެން ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު އަސްކަރިއްޔާއިން ދިން ނުރައްކާތެރި ޙަމަލާތަކުގައި 91 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލާފައެވެ. އޭގެ ތެރެއިން ގިނަ ބަޔެއްގެ ހާލު ސީރިޔަސް ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވީ ހުޅަނގު އައްސޭރީގެ ހާލަތު ގޯސްވަމުންދާ ކަމުގައެވެ. އަދި، ޔަހޫދީ އިސްރާޢީލުން ބަރު ހަތިޔާރު ބޭނުންކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމުގައެވެ. އަދި، އެ ފަދަ ހަތިޔާރު ބޭނުން ކުރުން ހުއްޓައިލުމަށް ވެސް އޭނާ ވަނީ ޔަހޫދީ ޖައްބާރު އަސްކަރިއްޔާއަށް ގޮވައިލައްވާފައެވެ.

"ސިޔާސީ ކޯޅުންގަނޑެއްގެ ތެރޭގައި އިސްރާޢީލުން އެ ދަނީ އަސްކަރީ ބަރު ހަތިޔާރު ބޭނުންކުރަމުން. މި ކަމާ ގުޅިގެން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ވަނީ ވަރަށް ގޯސް ފައްތަރެއްގައި. އަސްކަރީ ބަރު ހަތިޔާރަކީ ހަނގުރާމައިގައި ބޭނުންކުރަން ޖެހޭ އެއްޗެއް. ފަލަސްޠީނުގެ ޢާންމުންނަށް ޙަމަލާދޭން، ނުވަތަ ސުލްޙަ ގާއިމުކުރަން އެ ފަދަ ހަތިޔާރު ބޭނުންކޮށްގެން ނުވާނެ،" ތުރްކު ވިދާޅުވިއެވެ.

އަދި، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަރަކާތްތެރިވުމަށް ތުރްކު ވަނީ ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސަރުކާރާއި ޖައްބާރު އަސްކަރިއްޔާއަށް ގޮވައިލައްވާފައެވެ. އަދި، އެ މަގުން ބޭރުން އަމަލުކުރަމުންދާ ނަމަ، ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ އިތުރުން ޔަހޫދީންގެ ފުރާނައަށް ވެސް ނުރައްކާވަމުންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނާ މެދު އިސްރާޢީލުން އަމަލު ކުރަމުންދާ ސިޔާސަތުތައް ވަގުތުން ބަދަލުކުރަން ޖެހޭ. އިންސާނީ ހައްޤުތައް ހިމާޔަތްކުރަން އެކަށައަޅާފައިވާ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް އިޙުތިރާމު ކުރަން ޖެހޭ. ފަލަސްޠީނުގެ ރައްޔިތުންގެ ދިރިހުރުމުގެ ހައްޤު ހިމާޔަތްކުރަން ޖެހޭ،" ތުރްކު ވިދާޅުވިއެވެ.

ފަލަސްޠީނުގެ ބިމެއް ކަމުގައިވާ ހުޅަނގު އައްސޭރިއަށް ޔަހޫދީ އިސްރާޢީލުން ވެރިވެގަނެ، އެ ރަށުގެ މުސްލިމުން އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އަދި، 700,000 އެއްހާ ޔަހޫދީން ވަޒަންވެރި ކުރުވާފައިވެއެވެ. މީގެ ތެރެއިން 210,000 އެއްހާ ޔަހޫދީން ދިރިއުޅެނީ ބައިތުލްމަޤްދިސްގައެވެ. ޔަހޫދީ ޢާންމުން ވެސް ދަނީ ފަލަސްޠީނުގެ ޢާންމުންނާ ދެކޮޅަށް ނުރައްކާތެރި ޙަމަލާތައް ދެމުންނެވެ. މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދެމުންނެވެ.

ފަލަސްޠީނުގެ ބިންތަކަށް އަރައި ޔަހޫދީ އިސްރާޢީލުން މި އަހަރުގެ ތެރޭގައި ހިންގާފައިވާ ލާއިންސާނީ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 174 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުށެއް ނެތް ކުޑަކުދިން ވެސް ހިމެނެއެވެ. އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން 30 އަށްވުރެ ގިނަ މީހުންނަކީ މޭ މަހުގެ ތެރޭގައި ޔަހޫދީ ޖައްބާރު ސިފައިން ޢައްޒާގައި ހިންގާފައިވާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.