އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިޞްރަށް ވަޑައިގަންނަވައި އެ ޤައުމުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއާ ބައްދަލުކުރައްވައިފިއެވެ. މިއީ، މޯދީ މިޞްރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަލް-ސީސީއާ އެކު މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވެވި ބައްދަލުވުމުގައި އޭނާ ވަނީ ގިނަ ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި އަހަރުގެ ކުރީކޮޅު އަލް-ސީސީ ވެސް ވަނީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިކުރުމަށް މުހިންމު އަދި ރޭވުންތެރި އެއްބަސްވުމެއް އެކުލަވައިލިއެވެ. އަދި، މޯދީގެ މި ދަތުރުފުޅުގައި އެ އެއްބަސްވުމުގެ ދަށުން ރާވާފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ މަޝްވަރާ ކުރައްވާފައިވާ ކަމުގައި މިޞްރުން ބުނެއެވެ.
އިންޑިޔާއަކީ ދުނިޔޭގައިވާ އެންމެ އާބާދީ ބޮޑު ޤައުމަށްވާއިރު، މިޞްރަކީ ޢަރަބި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމެވެ. މިޞްރުގެ އިޤުތިޞާދަށް ހީނަރުކަމާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓުގެ އިތުރުން އިޔާދަކުރަނިވި ހަކަތައާއި އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބޭހުގެ ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިކުރުމަށް މިޞްރުން ބޭނުންވެއެވެ.
މޯދީއާއި އަލް-ސީސީގެ ބައްދަލުވުމުގައި ދުނިޔޭގެ އެންމެ މުއްސަނދި އަދި ކުރިއަރާފައިވާ އިޤުތިޞާދުތައް ހިމެނޭ ގްރޫޕް އޮތް ޓުވެންޓީ (ޖީ20)ގެ ގުޅުން އިތުރަށް ކުރިއެރުވުމާއި، ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، މޫސުމީ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމުގެ އިތުރުން ދުނިޔޭގެ ދެކުނުގައިވާ ޤައުމުތަކުގެ ބާރުވެރިކަން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މިޞްރުން ބުނެއެވެ. މީގެ އިތުރުން ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ނިއު ދިއްލީއަށް އަލް-ސީސީ ކުރެއްވި ދަތުރުފުޅުގައި މިޞްރުގައި އިންޑިޔާގެ އިންވެސްޓްމެންޓުތައް ފުޅާ ކުރުމަށް 3.15 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން މިޞްރުގެ ސުއެޒް ކެނެލް އިޤުތިޞާދީ ސަރަޙައްދުން އިންޑިޔާގެ އިންވެސްޓްމެންޓުތަކަށް ބިން ދޫކުރާނެއެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި އިންޑިޔާގެ އޭ.ސީ.އެމް.އޭ ކުންފުނިން ހަދާ 12 ބިލިޔަން އެމެރިކާގެ ޑޮލަރުގެ އަގުހުރި ގްރީން ހައިޑްރިޖަން ޕްލާންޓު ހިމެނެއެވެ. އިންޑިޔާއަކީ މިޞްރުގެ ހަތްވަނައަށް އެންމެ ބޮޑު ވިޔަފާރީގެ އެކުވެރިޔާއެވެ. ހުސްވި 2022 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި 7 ބިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރިއެވެ.
މޯދީ މިޞްރަށް ކުރައްވާ މި ދަތުރުފުޅަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އޭނާ މިޞްރަށް ވަޑައިގަންނަވާފައި މި ވަނީ، އަލް-ސީސީ ނިއު ދިއްލީއަށް ދަތުރުފުޅެއް ކުރެއްވިތާ ހަ މަސް ދުވަސް ފަހުންނެވެ. އަލް-ސީސީއާ އެކު ބޭއްވެވި ބައްދަލުވުމުގައި މޯދީ ވަނީ ކުރިއަށް އޮތް ޖީ20ގެ ޤައުމުތަކުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު އޭނާއަށް އަރުވާފައެވެ. އެ ބައްދަލުވުން އޮންނާނީ ސެޕްޓެންބަރު މަހު ނިއު ދިއްލީގައެވެ.