ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާގެ ހުޅަނގުއުތުރުގައިވާ އިދްލިބަށް ދިން ވަރުގަދަ ބޮމުގެ ޙަމަލާތަކެއްގައި 11 މީހުން މަރުވެއްޖެއެވެ. ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން އިދްލިބްގެ ކާރޫބާރޫ ބޮޑު މާރުކޭޓަކަށް ދިން މި ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޢާންމުންގެ ހަތް މީހުން ހިމެނެއެވެ. ޙަމަލާދީފައިވާ މާރުކޭޓު އޮންނަނީ އިދްލިބްގެ އިރުމަތީގައިވާ ޖިސްރު އަލް-ޝުޣޫރީގައެވެ. އެއީ ތަރުކާރީ ވިއްކާ މާރުކޭޓެކެވެ.
އިދްލިބްގެ އިތުރުން ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ބެނިން އަދި އަލް-އަރުބީން ފަރުބަދަ އޮންނަ ސަރަޙައްދަށް ވެސް ފަސް ފަހަރެއްގެ މަތިން ބޮން އަޅާފައިވާ ކަމަށް ސޫރިޔާގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ޙަމަލާތައް ދިނުމަށް ބޭނުންކޮށްފައި ވަނީ ރަޝިޔާގެ އަސްކަރިއްޔާގެ އެސް.ޔޫ-24 އަދި އެސް.ޔޫ-34 މަރުކާގެ މަތިންދާބޯޓުތަކެވެ. މި ޙަމަލާތަކުގައި 34 މީހުން ޒަޚަމުވިއެވެ.
"ރައީސް ބައްޝާރް ހާފިޛް އަލް-އަސަދުގެ އަސްކަރިއްޔާއާއި ރަޝިޔާ ގުޅިގެންދޭ މި ފަދަ ޙަމަލާތަކުގެ ޢަދަދު ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވަނީ އިތުރުކޮށްފައި. މި ފަދަ ޙަމަލާތަކުގައި ޒަޚަމުވާ މީހުންނަށް ފަރުވާ ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ސަބަބަކީ، ޙަމަލާއެއްގައި ޒަޚަމުވާ މީހުންނަށް ފަރުވާދޭން މަސައްކަތް ކުރަން ތިއްބާ އަސަދާއި ރަޝިޔާގެ ފައުޖުތަކުން ދެވަނަ ފަހަރަކަށް އެއް ސަރަޙައްދަކަށް ޙަމަލާދިނުން،" ސޫރިޔާގެ ސިވިލް ޑިފެންސްގެ ބޯޑުގެ އިސްވެރިއެއް ކަމުގައިވާ އަޙްމަދު ޔަޒީޖީ ބުންޏެވެ.
ރަޝިޔާއިން ބޮމުގެ ޙަމަލާތައް ދީފައިވާ ތަރުކާރީ މާރުކޭޓަކީ އަލް-ޝުޣޫރީ ސަރަޙައްދުގައި އޮންނަ އެންމެ ބޮޑު އަދި އެންމެ ކާރޫބާރޫ ބޮޑު މާރުކޭޓު ކަމުގައި އެ ރަށުގެ ރައްޔިތުން ބުނެއެވެ. ސޫރިޔާގެ ފައުޖުތަކުން އިދްލިބްގެ ދެކުނުގައި އޮންނަ ސާރްޖާއާއި އަލް-ރަވާހާއަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށާއި، އެ ޙަމަލާތައް ދިނުމުގައި ވެސް ރަޝިޔާއިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިދްލިބަކީ އަސަދުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެކެވެ.
2011 ވަނަ އަހަރުގެ މާރިޗު މަހު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައިގައި ރައީސް އަސަދުގެ އަސްކަރިއްޔާގެ އެންމެ މުހިންމު ބައިވެރިޔަކީ ރަޝިޔާއެވެ. އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަސަދުގެ އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން ދަނީ ޢަމަލީ ގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ގަސްދުގައި ޙަމަލާތައް ދެމުންދާ ކަމަށް ކުރާ ތުހުމަތުތައް ސޫރިޔާއާއި ރަޝިޔާއިން ވެސް ދަނީ ދޮގުކުރަމުންނެވެ.