މާފަރު އެއަރޕޯޓު ސަރަޙައްދުން ގޮތް ނޭނގޭ ޖަނަވާރެއް ފެނުނުކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެން އިތުރަށް ބެލިބެލުމުންވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
ނ.މާފަރު އެއަރޕޯޓުގެ ފެންސު ޖަހާފައިވާ ސަރަހައްދުގެ ތެރެއިން ގޮތްނޭނގޭ ޖަނަވާރެއް ހިނގާފައިދާ ވީޑިއޯއެއް އިއްޔެ ޢާއްމުވުމާއި ގުޅިގެން ސިފައިން ވަނީ އިއްޔެއާއި ރޭ އެސަރަޙައްދު ބަލާފައެވެ.
އެމްއެންޑީއެފްއިން މިހާތަނަށް ބެލިބެލުމުން ބުޅަލެއް ފިޔަވައި އެހެން އެއްވެސް ޖަނަވާރެއް ފެނިފައިނުވާކަމަށެވެ.
އެހެންކަމުން ވީޑިއޯއިން މިނިކާވަގެއް ފެނުނުކަމަށް ލަފާކުރެވެނީ ވީޑިއޯކުރި ދުރުމިނާއި އޭންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ބުޅާ ފެންނާތީކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.