ހުޅުމާލޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ދަތުގެ ޚިދުމަތުގެ ޑިމާންޑު ބޮޑުވެ، އެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް 19 އަހަރު ވެފައިވާއިރު، އެ ހޮސްޕިޓަލަކީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބުތަކެއް ހޯދާ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ހޮސްޕިޓަލެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރައްވަމުންނެވެ. ޚާއްޞަކޮށް ގިނަ ސްޕެޝަލިސްޓް ޚިދުމަތްތަކެއް ފޯރުކޯށްދެމުން އަންނަކަންވެސް އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުލުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް މޫސާ ޙަލީމް ވިދާޅުވީ، އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޑެންޓަލް ޚިދުމަތް ނުވަތަ ދަތުގެ ފަރުވާގެ ޚިދުމަތަށް އޮތް ޑިމާންޑް އިތުވަމުން އަންނަކަމަށެވެ. އެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާކަން ފާހަގަކުރައްވަމުން މޫސާ ޙަލީމް ވިދާޅުވީ، މިހާރު ދަތުގެ ފަރުވާ ދެމުން އަންނަނީ ދެ ޑެންޓަލް ޗެއަރ ބޭނުންކޮށްގެންކަމަށެވެ. ނަމަވެސް އެ ޚިދުމަތަށް އެދޭ މީހުންގެ ޢަދަދު އިތުވަމުން ދިއުމުން، ޑެންޓަލް ޑިޕާޓްމަންޓެއް އުފައްދަވައި، އެ ޚިދުމަތް ފުޅާކުރައްވަމުން އަންނަކަމަށް މޫސާ ޙަލީމް ވިދާޅުވިއެވެ. މިއާއެކު އެ ޚިދުމަތްދޭ ޑެންޓަލް ޗެއަރގެ ޢަދަދު 6އަކަށް އިތުރުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑުމެން ހޮސްޕިޓަލުންދޭ ޚިދުމަތް ތަކުގެ ތެރޭގަ އެންމެ ޑިމާންޑް ބޮޑު އެއް އޭރިޔާއަކަށްވާނެ ޑެންޓަލް ޚިދުމަތް. ނަމަވެސް ޑެންޓަލް ޚިދުމަތްތައް ދިނުމަށް އަޅުގަނޑުމެން މިހާރު ބޭނުން ކުރަމުން މި އަންނަނީ އެންމެ 2 ޑެންޓަލް ޗެއާ. އަދި މިހާރު އައު ޑެންޓަލް ޑިޕާޓްމަންޓެއްގެ މަސައްކަތް މިދަނީކުރަމުން. މި މަސައްކަތް ނިމޭއިރު 6 ޑެންޓަލް ޗެއަރ ހުންނާނެ." މޫސާ ހަލީމް ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން އަންނަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޑޮކްތަރަށް ދެއްކުމަށް އޮންލައިންކޮށް މެމޯ ނެގޭނެ އިންތިޒާމް ވަނީ ތަޢާރަފްކޮށްފައެވެ. މީގެއިތުރުން މި ހޮސްޕިޓަލުގެ ލޮލުގެ ޑިޕާރޓްމެންޓާއި ކެންސަރު ޑިޕާޓްމެންޓްގެ އިތުރުން ފިޒިޔޮތެރެޕީ ޑިޕާޓްމަންޓްގެ ޚިދުމަތަކީވެސް އާންމުންގެ މެދުގައި އިތުބާރު ބޮޑު ޚިދުމަތްތަކެއްކަން އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ހުޅުމަލޭ ހޮސްޕިޓަލްގައި އޮޕަރޭޝަން ތިއޭޓަރެއް އެޅުމަށްވެސް ވަނީ މަސައްކަތް ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން އެ ހޮސްޕިޓަލްގައި އައު އައިސީޔޫ އަކާއި އެންއައިސީޔޫއެއް ޤާއިމްކުރާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.