ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސިޔުލޭޓަށް ބަޑީގެ ޙަމަލާތަކެއްދީ، އެ ތަނުގެ ގާޑެއް މަރައިލައިފިއެވެ. ޖިއްދާއަކީ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް މައްކާއަށް ދަތުރުކުރާ ޙައްޖާޖީން ދަތުރުކުރަން އޮންނަ މައި މަގެވެ. މި ހާދިސާގައި ކޮންސިޔުލޭޓަށް ޙަމަލާދިން މީހާ ވަނީ މަރުވެފައެވެ. ސަޢޫދީ ޢަރަބިއްޔާއިން ބުނީ، މި ހާދިސާ ތަހުޤީޤު ކުރަމުންދާ ކަމުގައެވެ.
ސަޢޫދީ އޮފިޝަލުން ވިދާޅުވީ މި ޙަމަލާގައި މަރުވެފައި ވަނީ ކޮންސިޔުލޭޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ނޭޕާލުގެ ގާޑެއް ކަމުގައެވެ. ހަތިޔާރުއެޅި މީހާ ކޮންސިޔުލޭޓަށް ޙަމަލާދީފައިވާ ސަބަބު ދެނެގަނެވިފައި ނުވާއިރު، އެ މީހާ މަރުވެފައި ވަނީ ކޮންސިޔުލޭޓުގެ ގާޑުންނާއި ދެމެދު ހިނގި ޙަމަލާ ބަދަލުކުރުންތަކުގައެވެ.
ސަޢޫދީ ޕްރެސް އޭޖެންސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކާރެއްގައި ދުއްވާފައި ގޮސް ހަތިޔާރުއެޅި މީހާ ވަނީ ކޮންސިޔުލޭޓްގެ ކުރިމައްޗަށް މަޑުކުރުމަށް ފަހު ކާރުން ފައިބާފައެވެ. އަދި، ކޮންސިޔުލޭޓަށް ބަޑިން ޙަމަލާދީފައެވެ. އޭނާ ހުއްޓުވަން ކޮންސިޔުލޭޓްގައި ތިބި ގާޑުން ވަނީ ރައްދު ޙަމަލާދީފައެވެ. މި ހާދިސާގައި އެ ތަނުގެ ގާޑެއް މަރުވެފައި ވަނީ ޙަމަލާ ބަދަލުކުރުމުގައި ލިބުނު ޒަޚަމުތަކަށް ފަރުވާދެމުން ދަނިކޮށެވެ.
މި ހާދިސާގައި ކޮންސިޔުލޭޓްގައި މަސައްކަތް ކުރާ އެމެރިކާގެ އެއްވެސް މުވައްޒަފެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި އެމެރިކާއިން ބުނެއެވެ. އެ ތަނަށް ޙަމަލާދިން މީހާގެ ވަނަވަރު ހާމަކޮށްފައިނުވާއިރު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ މަރުވި ނޭޕާލުގެ ގާޑުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ތަހުޤީޤީ އިދާރާތަކާ ގުޅިގެން މި ހާދިސާގެ ތަހުޤީޤު ކުރަމުންދާ ކަމުގައި ވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. މިއީ، ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސިޔުލޭޓަށް މި ފަދަ ޙަމަލާއެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު، އެމެރިކާގެ މިނިވަން ދުވަހާ ދިމާކޮށް، ކޮންސިޔުލޭޓު ކުރިމަތީގައި ބޮމެއް ގޮއްވައިލާފައިވެއެވެ.
އަދި، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަތިޔާރުއެޅި ބަޔަކު ވަނީ ކޮންސިޔުލޭޓަށް ވަދެ، އެ ތަން ހިފަން މަސައްކަތް ކޮށްފައެވެ. އެ ހާދިސާގައި ކޮންސިޔުލޭޓްގައި މަސައްކަތްކުރާ ހަތަރު މުވައްޒަފުން މަރުވިއެވެ. އޭގެ ތެރޭގައި އެމެރިކާގެ އެއްވެސް ރައްޔިތެއް ނުހިމެނެއެވެ. ސަޢޫދީ ޢަރަބިއްޔާގައި ހަރަކާތްތެރިވާ އަލް-ޤައިދާއާ ގުޅިފައިވާ ޖަމާޢަތަކުން ވަނީ އެ ޙަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައެވެ.
ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސިޔުލޭޓަށް ބަޑީގެ ޙަމަލާތަކެއް ދީފައި މި ވަނީ، ދެ ޤައުމުން ގުޅިގެން ޚާރިޖީ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކުރެވެއެވެ. ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތައް ހުއްޓުވުމުގައި އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއިން ދަނީ ގުޅިގެން މެދުވެރިންގެ ދައުރު އަދާކުރަމުންނެވެ.