ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން 14 ތަނެއް ބަލާފާސްކޮށް، 66 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ކުރިން ބޭތިއްބުމަށް މިދިުަ މަހު ވަނީ ޑިޓެންޝަނަށް ސެންޓަރެއް ހުލުމާލޭގައި ޤާއިމްކޮށްފައެވެ.
ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮއްސުންލައިގެންގޮސްފައިވާ ޒަމާންވީ މައްސަލައެކެވެ. ހަމައެއް ލަމައެއް ނެތި އެތެރެވަމުންދިޔަ ބިދޭސީންގެ ސަބަބުން އިޖުތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލައެއްވަނީ ކުރިމަތިވެފައެވެ. އެމައްސަލަތައް ޙައްލުކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރިނަމަވެސް އެތައް ބައެއްގެ އިހުމާލުވުން އޮތް މިމައްސަލަ، ޙައްލުކުރުމަށް ހުރި ދަތިތައްވެސް ވަކި މަދެއް ނޫނެވެ.
ބިދޭސީން ރާއްޖެ ގެނައުމަށް ދިވެހިންނާއި ގުޅިގެން ހިންގާ އެކިއެކި އޭޖެންސީތައް މެދުވެރިވެގެން، ބިދޭސީން ރާއްޖެ އައުމަށްފަހު އެމީހުންގެ ޕާސްޕޯޓާއި، ވޯކްޕާރމިޓާއި އެނޫންވެސް ލިޔެކިޔުމެއް އެމީހުން ގެންނަ ފަރާތްތަކުން ބިދޭސީންގެ އަތުން އަތުލައި މައްސަލަތައްވެސް ވަކި މަދެއް ނޫނެވެ. އެފަދަ އެއްވެސް ޤާނޫނީ ލިޔެކިޔުމެއް ނެތް ބަޔަކު އަނބުރާ ޤައުމަށް ފޮނުވާލުމުގައި އެމީހެއްގެ ޤައުމު ކަށަވަރުކުރުންވެސް ވަނީ ބޮޑު ގޮންޖެހުމަކަށްވެފައެވެ. އަދި އެމީހުންގެ މަޢުލޫމާތު ހޯދައި ލިޔެކިޔުންތައް ހަމަކުރުމަށްވެސް ދިގު މުއްދަތެއް ނަގައެވެ. މިމުއްދަތުގައި އެމީހުން ރަށުތެރެއަށް ދޫކޮށްނުލާ، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެ އިންތިޒާމެއްވެސް ހުންނަންޖެހެއެވެ. އެހެންނަމަވެސް 30 އަހަށްވުރެ ގިނަ ދުވަސްވީ އެމައްސަލައަށް ޙައްލު ގެނައުމަށް އެފަދަ ޑިޓެންޝަން ސެންޓަރެއް ސަރުކާރުން ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހުޅުމާލޭގައި ޤާއިމްކޮށްފައެވެ.
Our teams continue to monitor and identify irregular expats living in the Maldives.@MariyaDidi @faya_i @hanafymv pic.twitter.com/yg8Pq2znsx
— Maldives Immigration (@ImmigrationMV) June 22, 2023
މިސެންޓަރު ހުޅުވާ މާލޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ފަށްޓަވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ބިދޭސީން ހޯދުމުގެ 14 ތަނެއްގައި ރެއިޑް އޮޕަރޭޝަންވަނީ ކުރިއަށްގެންގޮސްފައެވެ. މިރެއިޑުތަކުގައި މިހާތަނަށް 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެނެސްފައެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ 65 މީހަކާއި އިންޑިއާއަށް ނިސްބަތްވާ މީހެއްކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ. މިމީހުން އަނބުރާ ޤައުމަށް ފޮނުވޭނެ ވަކި ތާރީޚެއް އިމިގްރޭޝަނުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އިމިގްރޭޝަން ޤަވައިދު ބުނާގޮތުން، ވަކި މަސައްކަތެއް ކުރުމަށް ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީއަކު އެނޫން މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.
އެހެންކަމުން މިއޮޕަރޭޝަންތަކުގައި އިމިގްރޭޝަނުން ރެއިޑު ކުރަމުންދަނީ ބިދޭސީން މަސައްކަތްކުރާ އެކި ސައިޓުތަކެވެ. މިގޮތުން ބިދޭސީންނަށް ކައްކާ، ކޭޓަރިންގެ ޚިދުމަތްދެމުންދާ ބައެއް ބޮޑެތި ތަންތަން ބެލުމަށް އިމިގްރޭޝަނުންވަނީ މާލެއާއި ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިހެން ހުރިތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭކަންވެސް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.
މިދުވަސްވަރު އިމިގްރޭޝަނުން ޤަވައިދާއި ޚިލާފަށް އުޅެމުންދާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ، ކޮންމެ ބިދޭސީއަކުވެސް އެމީހެއްގެ ވޯކްޕަރމިޓް ބޭރުގައި އުޅޭއިރުވެސް ހިފައިގެން އުޅުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދާ ޤަވާއިދުގެތެރެއަށް ފެއްތުމަށް ކުރަމުންދާ މަސައްކަތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އޮޕަރޭޝަން އަލުން ފެށުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޑިޓެންޝެން ސެންޓަރަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، 250އާއި 300 މީހުންގެ ޖާގައިގެ ޑިޓެންޝަން ސެންޓަރެކެވެ. މީގެކުރިން ކުރިއަށްގެންދިޔަ މިފަދަ ޕްރޮގްރާމްގެ ދަށުންވަނީ 13،000 މީހުން ގަވާއިދުގެ ތެރެއަށް ފައްތާ 24،000 މީހުން އަނބުރާ ޤައުމަށް ފޮނުވާފައެވެ.