އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް މާދަމާ ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އުތުރާއި މެދުރާއްޖެއަށް މާދަމާ ވައިގަދަ ވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން ވިދާޅުވީ ވައިޖެހޭނެކަމަށް ލަފާކުރެވެނީ ގަޑިއަކު 18 މޭލު ބާރު މިނުގައިކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. އެހެންކަމުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ.
މިދުވަސްވަރަކީ، ޢީދު ޗުއްޓީއަށްފަހު ގިނަ ބަޔަކު ދަތުރު ކުރަމުންދާ ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވެ ދަތުރުކުރެއްވުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ. މިހަފްތާއަށް ބަލާއިރު އަންގާރަ ދުވަހަށްފަހު ދެކުނަށް ކުރަމުންދާ ވިއްސާރަ ކޮންމެވެސް ވަރަކަށް އަލިކުރާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. އެހެންނަމަވެސް އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދަށް ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުންކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.
White alert for Heavy rain and thunderstorms with gusts. pic.twitter.com/3Nwumn04fQ
— Maldives Meteorology (@MetMaldives) July 3, 2023
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މިއަދު ހަވީރު 05:30 އިން ފެށިގެން ރޭގަނޑު 22:30 އަށް މި ސަމާލު ވަނީ ދަމަހައްޓާފައެވެ.
މި ދުވަސްވަރު ދަތުރުކުރާއިރު، މޫސުމުގެ މަޢުލޫމާތު ހޯދާ، ދަތުރުކުރާ އުޅަނދުތަކުގައި ހުރި ސަލާމަތީ ވަޞީލަތްތައް ހުރިނެތްގޮތް ބަލާ ޗެކްކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.