ކީރިތި ޤުރުއާނަކީ މުސްލިމުންނަށް ހުރުމަތްތެރިވެގެންވާ ފޮތެއް ކަމުގައި ވިދާޅުވެ، ކީރިތި ޤުރުއާނުގެ މުޞްޙަފުތަކަށް ގެއްލުންދީ، ހުރުމަތް ކެނޑުމުގެ ފުރުޞަތު ދެމުންދާ ހުޅަނގުގެ ޤައުމުތަކަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ފާޑުވިދާޅުވެއްޖެއެވެ. ކީރިތި ޤުރުއާނުގެ ދިފާޢުގައި ޕުޓިން ވާހަކަފުޅު ދައްކަވާފައި މި ވަނީ ރަޝިޔާގެ ދަޖިސްތާނުގެ ރަށެއް ކަމުގައިވާ ދިރްބިޔެންތުގައި ހުންނަ ޜޫމާ މިސްކިތަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޜޫމާ މިސްކިތަށް ކުރެއްވި ދަތުރުފުޅުގައި ޕުޓިންއަށް ކީރިތި ޤުރުއާނުގެ މުޞްޙަފެއް ހަދިޔާކޮށްފައިވެއެވެ. އެ ތަނުގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ދަށުން ކީރިތި ޤުރުއާނުގެ މުޞްޙަފުތަކުގެ ހުރުމަތް ކެނޑުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމުގައެވެ.
ކީރިތި ޤުރުއާނުގެ މުޞްޙަފުތަކަށް ގެއްލުން ދިނުމަކީ ރަޝިޔާގައި ކުށެއް ކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ މުޞްޙަފުތަކުގެ ހުރުމަތް ކެނޑުމުގެ ފުރުޞަތު ހުޅަނގުގެ ބައެއް ޤައުމުތަކުންދޭތީ އެ ކަމާ ހިތްހަނުޖެހުން ފާޅުކުރައްވައި، އެ ޤައުމުތަކަށް ފާޑުވިދާޅުވެފައެވެ. ކީރިތި ޤުރުއާނުގެ މުޞްޙަފަށް ގެއްލުން ދިނުމަކީ ރަޝިޔާގައި އަދަބު ކަނޑައަޅާފައިވާ ކުށެކެވެ.
"ކީރިތި ޤުރުއާނަކީ މުސްލިމުންނަށް ހުރުމަތްތެރިވެގެންވާ އެއްޗެއް. އެހެންކަމުން، އެއީ އެންމެންނަށް ވެސް ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ދެކެން ޖެހޭނެ،" ޕުޓިން ވިދާޅުވިއެވެ. އަދި، ކީރިތި ޤުރުއާނުގެ މުޞްޙަފަކަށް ދުވަހަކު ވެސް ގެއްލުމެއް ނުދެއްވާނެ ކަމަށާއި، ރަޝިޔާގެ އެއްވެސް ރައްޔިތަކު އެ ފަދަ އަމަލެއް ހިންގުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޕުޓިންގެ ފާޑުކިޔުންތައް ހުޅަނގަށް އަމާޒު ކުރައްވާފައި މި ވަނީ ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ކީރިތި ޤުރުއާނުގެ މުޞްޙަފަކަށް ގެއްލުންދީ، އޭގައި ރޯކޮށްލި ހާދިސާއާ ގުޅިގެންނެވެ. ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހު އެ ދަށު ދަރަޖައިގެ އަމަލު ހިންގާފައި ވަނީ އެ ޤައުމަށް ހިޖުރަކޮށްފައިވާ އިރާޤުގެ ރައްޔިތެއް ކަމުގައިވާ ސުލްވާން މުމީކެވެ.
ހައްދުފަހަނަ އަޅާފައިވާ ޖައްބާރު މީހެއް ކަމުގައިވާ މުމީކު އެ އަމަލު ހިންގާފައި ވަނީ ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުން ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މުޒާހަރާ ކުރުމަށް މުމީކަށް ހުއްދަ ދީފައި ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ދަށުން ކަމުގައި ފުލުހުން ބުނެއެވެ. ނަމަވެސް، މުސްލިމް އުންމަތުގެ ރުޅިވެރިކަމާއި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ސްވިޑެންގެ ސަރުކާރުން ފަހުން ވަނީ އެ އަމަލު ކުށްވެރިކޮށްފައެވެ.
އެ ހާދިސާއާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯ.އައި.ސީ)ން ވެސް ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، އެއީ ދީނީ ނަފުރަތު އިތުރުކުރުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެ ފަދަ އަމަލުތައް ތަކުރާރު ކުރުމުގެ ފުރުޞަތު ދިނުން ހުއްޓައިލުމަށް ސްވިޑެންގެ ސަރުކާރުން ގޮވައިލާފައެވެ.
މި ހާދިސާއާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯ.އައި.ސީގެ ކުއްލި ބައްދަލުވުމަށް ފަހު އެ ޖަމުޢިއްޔާއިން ބުނީ ބުނީ ދީނީ ނަފުރަތު ފަތުރާ އަމަލުތައް ހުއްޓުވަން ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ބޭނުން ހިފަންޖެހޭ ކަމުގައެވެ. އަދި، އެ ކަން ހާސިލުކުރެވޭނީ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމުގައެވެ. 57 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އޯ.އައި.ސީގެ ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވެ، ކީރިތި ޤުރުއާނުގެ ހުރުމަތް ކެނޑުމުގެ މުޑުދާރު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރިއެވެ.
ދިރްބިޔެންތުގައި ހުންނަ ޜޫމާ މިސްކިތަކީ ރަޝިޔާގައި ހުންނަ އެންމެ ދުވަސްވީ މިސްކިތެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލައިލާއިރު ވެސް ވަރަށް ޒަމާންވީ މިސްކިތެކެވެ. އެ މިސްކިތަށް ކުރެއްވި ޒިޔާރަތުގައި ކީރިތި ޤުރުއާނުގެ ދިފާޢުގައި ޕުޓިން ވާހަކަފުޅު ދައްކަވާފައިވީ ނަމަވެސް، މީގެ ކުރިން އެތަކެއް ފަހަރެއް މަތިން އޭނާ މުސްލިމުންނާ ދެކޮޅަށް އަޑުއުފުއްލަވާފައިވާ ކަން ފާހަގަކުރެވެއެވެ.
މި ގޮތުން ދެވަނަ ޗެޗިޔަން ހަނގުރާމައިގެ ދުވަސްވަރު އޭނާ ވަނީ އިސްލާމް ދީނަކީ ހަލުވިކަމާ އެކު ފެތުރޭ ބައްޔެއްގެ ގޮތުގައި ސިފަކުރައްވައި، ރަޝިޔާގައި އެ ބަލި ފެތުރުމުގެ ފުރުޞަތު ނުދިނުމަށް ގޮވައިލައްވާފައެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ 2000 ވަނަ އަހަރުއެވެ.
ނަމަވެސް، ރަޝިޔާއަކީ ގިނަ ޢަދަދެއްގެ މުސްލިމުން މިހާރު ވެސް ދިރިއުޅޭ ޤައުމެއް ކަން ފާހަގަކުރެވެއެވެ. އަދި، ވިލާތުގެ ބައްރުގެ ޤައުމުތަކުގެ ތެރެއިން މުސްލިމުންގެ އާބާދީ އެންމެ ބޮޑީ ރަޝިޔާގައެވެ. އެ ޤައުމުގެ މުސްލިމުންގެ އާބާދީ 16 މިލިޔަނަށް އަރާއިރު، އެއީ އެ ޤައުމުގެ ޖުމުލަ އާބާދީގެ ގާތްގަނޑަށް 12 އިންސައްތައެވެ. ރަޝިޔާގައި ގިނައީ ސުންނީ މަޒުހަބަށް ތަބާވާ މުސްލިމުންނެވެ.