ޚަބަރު

ޢަލީ އަބްދުﷲގެ މަރާއިގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ފެނިއްޖެ


އައްޑޫ ސިޓީގައި މަރުވެފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ ޢަލީ ޢަބްދުﷲ (47އ)ގެ މަރާއިގުޅިގެން ފުލުހުން މިރޭ ފާސްކުރި ގެއެއްގެ އެތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފިއެވެ.

މި ފައިސާ ފުލުހުން ހޯދާފައި މިވަނީ، މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ. ފުލުހުންގެ ތަޙުޤީޤު ޓީމުން މިހާތަނަށް ބެލި ބެލުމުން މި ފައިސާއަކީ ޢަލީ ޢަބްދުﷲ މަރާލުމަށްފަހު، އޭނަގެ ފިހާރައިން ވަގަށް ނަގައިގެން ގެނެސް ވަޅުލާފައިވާ ފައިސާކަމަށް ބެލެވޭކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ހުއްޓުމެއް ނެތި ކުރިޔަށް ގެންދަވާނެ ކަމަށެވެ. ޢަލީ ޢަބްދުﷲ ގެ މަރުގެ ޙާދިސާ ތަޙުޤީޤު ކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޚާއްޞަ ތަޙުޤީޤު ޓީމެއް އައްޑޫ ސިޓީގައި ދަނީ ޙަރަކާތްތެރި ވަމުންނެވެ.

އައްޑޫ ސިޓީ، ހިތަދޫ، ބުރުނީގެ، ޢަލީ ޢަބްދުﷲ މަރުވެފައި އޮއްވާ ފެނިފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ. ޢަލީ ޢަބްދުﷲގެ މަރުގެ ޙާދިސާގައި މިހާތަނަށް 2 މީހުން ހައްޔަރުކޮށް އެ 2 މީހުން ދިރިއުޅޭ ތަންތަނާއި އެ ދެ މީހުންނަށް ނިސްބަތްވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އިއްޔެ ހަވީރުން ފެށިގެން އައްޑޫސިޓީގައި ފުލުހުންކުރަމުންދާ މިމަސައްކަތުގެ ދަށުން ބައެއް ގޭގެއާއި ބައެއް ސަރަޙައްދުތައްވެސް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.