އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އެއްގަމު އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށްޓަވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އަމީނީ މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދުތަކުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާބިނގާވާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށްވެސް ދަތިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. ފުލުހުންވަނީ ޢާއްމުންނަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފަހު ހުރި ވެހިކަލްތައް ބުރާސްފަތި ދުވަހުން ފެށިގެން ނެގުމަށް އަންގާފައެވެ. އަދި 3 ދުވަހަށް ބެލުމަށްފަހު އާދިއްތަ ދުވަހުން ފެށިގެން ގަވާއިދާ ޚިލާފަށް އެމަގުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
އަމީނީމަގުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާބިނގާވާ މީހުުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ވަނީ ފާހަގަ ކުރެވިފައި.
— Maldives Police (@PoliceMv) July 5, 2023
އަމީނީ މަގުގައި ތާރު އަޅާ ޢާއްމުނަށް ހުޅުވާލިފަހު އެމަގުގެ ދެފަރާތުގައި 4 ފުރޮޅުލީ ވެހިކަލްތައް ގިނަ ޢަދަދަކަށް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ. އަދި އޭގެ ސަބަބުން އެމަގުގައި ދުއްވާ އުޅަނދުތަކަށް ދަތިވެ އަމީނީ މަގު ތޮއްޖެހޭކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ.
އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިގޮތުން 7 ވަނަ ސެގްމަންޓާއި ހަމައަށް ހުރިހާ މަސައްކަތެއް ނިންމާ، ޢާއްމުންނަށް ވަނީ ހުޅުވާލާފައެވެ.