ޚަބަރު

ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަމަހު ފަށާނެ: އެމްޓީސީސީ


  • ބިމުގެ ދަތިކަމުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް

  • ރަށުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައި

  • 8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި

އއ.ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަމަހު ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ސަރުކާރުން ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

އެމްޓީސީސީން ބުނީ ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަމަހު ފަށާނެކަމަށެވެ. އަދި މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިދިޔަ ހޮނިހިރު ދުވަހު އެ ރަށަށް ގޮންގޮސްފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ބިމުގެ ދަތިކަމަކީ 700 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ބޮޑުފޮޅުދޫއަށް ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ބިމުގެ ދަތިކަމުގެ ސަބަބުން ގޯތި ދޭން ޖާގަ ނެތުމުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތް 150 ވަރަކަށް އާއިލާ އެ ރަށުގައި އުޅެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން، ރަށަށް ރަނގަޅު އާމްދަނީއެއް ލިބެން އޮތް ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްވެސް އޮތް ވަރަށް ބޮޑު ހުރަހަކީ ބިމުގެ ދަތިކަމުގެ މައްސަލަކަން އެ ރަށުގެ ކައުންސިލުން ފާހަގަކުރެއެވެ.

އަންނަމަހު ފެށުމަށް ތައްޔާރުވަމުންދާ ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫޢަކީ އެ ރަށު ރައްޔިތުންނާއި ކައުންސިލްގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފައްޓަވާ މަޝްރޫޢެކެވެ.

ސަރުކާރުން 74.12 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫއުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 180 މީޓަރުގެ ބޭރުތޮށްޓެއްލުމުގެ މަސައްކަތްވެސް ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.

ސަރުކާރުގެ އަމާޒަކީ ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫޢު އެއް އަހަރުދުވަހުގެ ތެރޭގައި ނިންމާލުމެވެ.

ބިން ހިއްކާ ނިމުމުން އެ ބިމުން ގޯތި އެޅުމަށް ބިން ދޫކުރުމުގެ އިތުރުން، ފްލެޓް ތަރައްޤީކޮށް ދޫކުރުމަށްވެސް ކައުންސިލުން ދަނީ ވިސްނަމުންނެވެ. އެހެންކަމުން ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމުން އެރަށަށް ދިމާވެފައިވާ އިޖްތިމާއީ އަދި އިޤްތިޞާދީ މައްސަލަތަކަށްވެސް ޖުމްލަ ހައްލެއް ލިބިގެންދާނެއެވެ.

ބޮޑުފޮޅުދޫގައި މިހާރު އޮތް ބިމުގެ ސައިޒާއި ގާތްގަނޑަކަށް އެއްވަރުގެ ބިމެއް ހިއްކުމަށް ސަރުކާރުން ފަށާ މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންނަށް މިހާތަނަށް ސަރުކާރަކުން ކޮށްދެއްވާ އެންމެ ބޮޑު ޚިދުމަތުގެ ބޮޑުފޮޅުދޫ ކައުންސިލުން ފާހަގަކުރައްވައެވެ.