ޚަބަރު

ކީވަށް ދިން ޑްރޯން ހަމަލަތަކެއްގައި ޢާންމުންގެ އެކަކު މަރުވެއްޖެ


ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ދިން ވަރުގަދަ ޑްރޯން ހަމަލަތަކެއްގައި ޢާންމުންގެ އެކަކު މަރުވެއްޖެއެވެ. ކީވަށް ހަމަލަދޭން ރަޝިޔާއިން ބޭނުންކޮށްފައި ވަނީ އީރާނުގައި އުފައްދާ "ޝާހިދު" މަރުކާގެ "ކަމިކާޒީ" ޑްރޯންތަކެވެ. ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ސިރްގޭ ޕަޕްކޯ ވިދާޅުވީ ކީވް ވަށައިގެންވާ ހުރިހާ ދިމާލަކުން ޑްރޯންތައް އެ ރަށަށް އެތެރެވެފައިވާ ކަމުގައެވެ.

ރަޝިޔާގެ ޑްރޯންތައް ދިފާޢުކުރަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން ވަނީ މަސައްކަތް ކޮށްފައެވެ. އަދި، ރަޝިޔާއިން ފޮނުވައިލި ޑްރޯންތަކުގެ ތެރެއިން 20 ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެއެވެ. މި ހަމަލަތަކުގައި އެކަކު މަރުވީ ޑްރޯނެއްގެ ބައިތަކެއް ވެއްޓުމާ ގުޅިގެންނެވެ.

ޑްރޯންތައް ވެއްޓުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަމުގައި ވެސް ޕަޕްކޯ ވިދާޅުވިއެވެ. ވެރިރަށް ކީވްގެ އިތުރުން ހުޅަނގުގައިވާ ޚްމީލްނުޔިޓްސްކީއާއި ދެކުނުގައިވާ ޒަޕޮރީޜިޔާގެ މިކޮލައިފަށް ވެސް ރަޝިޔާއިން ވަނީ ވަރުގަދަ ޑްރޯން ހަމަލަތަކެއް ދީފައެވެ. މި ހަމަލަތަކުގައި އިތުރު ދެ މީހަކު ޒަޚަމުވި ކަމުގައި ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވެއެވެ.

މިއީ، ރަޝިޔާއިން ވިދިވިދިގެން ކީވަށް ޑްރޯން ހަމަލަތަކެއް ދިން ތިންވަނަ ދުވަސް ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ކަޅު ކަނޑުގައި އޮތް ރަޝިޔާގެ އަސްކަރީ މަނަވަރަކުން ޔޫކްރެއިނަށް ކްރޫޒް މިސައިލް ހަމަލަތަކެއް ދީފައިވާ ކަމުގައި ވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެއެވެ. "ކެލީބަރް" މަރުކާގެ ކްރޫޒް މިސައިލް ހަމަލަތައް ދިފާޢުކޮށްފައިވާ ކަމުގައި ވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެއެވެ.

ކްރައިމިޔާއިން "އިސްކަންދަރް-އެމް" މަރުކާގެ ބެލިސްޓިކް މިސައިލެއް ވެސް އުދުއްސައިލި ކަމުގައި ޔޫކްރެއިނުން ބުނި ނަމަވެސް، އެ ހަމަލާގެ އިތުރު ތަފުސީލެއް ޔޫކްރެއިންގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ. އެ ހަމަލާ އަމާޒުކޮށްފައި ވަނީ ކޮން ރަށަކަށް ކަން ވެސް އަދި ސާފެއް ނޫނެވެ.

ރަޝިޔާއިން މެދުކެނޑުމެއް ނެތި ކީވަށް ހަމަލަދޭން ފަށާފައި މި ވަނީ ލިތުއޭނިޔާގެ ވެރިރަށް ވިލްނިޔަސްގައި ނޭޓޯގެ މެންބަރު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމެއް ފެށުމާ ގުޅުވައިގެން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެ ބައްދަލުވުމުގައި ނޭޓޯގެ މެންބަރުކަން ހޯދަން މަސައްކަތް ކުރަމުންދާ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ނޭޓޯއިން އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ހޯދުމެވެ. އަދި، ޔޫކްރެއިންގެ މެންބަރު ކަމުގެ މައްސަލައެވެ. ނޭޓޯގެ އިސްވެރިން ވަނީ ޔޫކްރެއިނަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ޒެލެންސްކީއަށް އަރުވާފައެވެ.