ޚަބަރު

މެކްސިކޯގައި ބޮމެއް ގޮއްވައިލާ ހަ ފުލުހުން މަރައިލައިފި


މެކްސިކޯގެ ހުޅަނގުގައި އޮންނަ ހެލީސްކޯގައި ދިން ބޮމުގެ ހަމަލަތަކެއްގައި ފުލުހުންގެ ހަ މީހުން މަރުވެ، އިތުރު 12 މީހުން ޒަޚަމުވެއްޖެއެވެ. މި ހަމަލަތަކުގެ ފަހަތުގައި ވަނީ ކުށްކުރާ ގޭންގުތައް ކަމުގައި މެކްސިކޯގެ ސަރުކާރުން ބުނެއެވެ. އެ ޤައުމުގައި ހަރަކާތްތެރިވާ ކުށްކުރާ ގޭންގުތަކާއި ސަލާމަތީ ފައުޖުތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ.

ހެލީސްކޯގެ ގަވަރުނަރު އެންރީކޭ އަލްފަރޯ ވަނީ ފުލުހުންނަށް އަމާޒުކޮށް ދީފައިވާ ހަމަލަތަކަކީ ޓެރެރިޒަމްގެ އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެ ހަމަލަތަކުގެ ފަހަތުގައި އޮތީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގުރޫޕެއް ކަމުގައި އޭނާ ވިދާޅުވި ނަމަވެސް، ތުހުމަތު ކުރެވެނީ ކޮން ގުރޫޕަކަށް ކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. މިއީ، މެކްސިކޯގެ ސަރުކާރާ ދެކޮޅަށް ދީފައިވާ ހަމަލައެއްގެ ގޮތުގައި ދެކޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބޮންތައް ގޮއްވައިލާފައި ވަނީ، ގެއްލިގެން ހޯދަމުންދިޔަ ބަޔެއްގެ ހަށިތައް ފެނިފައިވާ ކަމަށް ބުނެ ރިޕޯޓު ކުރުމުން ހަށިތައް ވަޅުލާފައިވާ ކަމަށް ބުނި ސަރަޙައްދަށް ފުލުހުންގެ ޓީމުތަކުން ދިޔުމުން ކަމުގައި އަލްފަރޯ ވިދާޅުވިއެވެ. މި ހަމަލާ ދީފައި ވަނީ ހެލީސްކޯގެ ވެރިރަށް ގުއަޑަލަހާރާ ކައިރީގައި އޮންނަ ތްލަޚަމުލްކޯގައެވެ. އެ ސަރަޙައްދުގައި އަށް ބޮން ހަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތް ބޮން ގޮވާފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

"މިއީ ކުރިއާލައި ރާވައިގެން ދީފައިވާ ނުރައްކާތެރި ޓެރެރިސްޓު ހަމަލައެއް،" އަލްފަރޯ ވިދާޅުވިއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ އިތުރުން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ އޮފިޝަލުން ހިމެނޭ ކަމުގައި ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ހަމަލަދީފައިވާ ސަރަޙައްދަކީ "ހެލީސްކޯ ނިއު ޖެނެރޭޝަން" ކިޔާ ގުރޫޕަކުން ހަރަކާތްތެރިވާ ސަރަޙައްދެއް ކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ވެސް އެ ގުރޫޕުން އިމްޕްރޮވައިޒް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) ބޭނުންކޮށްގެން މި ފަދަ ހަމަލަތައް ދީފައިވެއެވެ.

2022 ވަނަ އަހަރު ހެލީސްކޯއާ އިންވެގެން އޮންނަ މިޗޮއަކަންގައި ބޮމެއް ގޮއްވައިލައިގެން ދިން ހަމަލައެއްގައި 10 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ސިފައިންނާއި ޢާންމުން ހިމެނެއެވެ. ހުސްވި ޖޫން މަހު ގުއަނަހުއަތޯގައި ކާރު ބޮމެއް ގޮއްވައިލައިގެން ދިން ހަމަލައެއްގައި ވެސް ސިފައިންގެ އެކަކު ވަނީ މަރައިލާފައެވެ.

މެކްސިކޯގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއިން ގަދަކަމުން ގެއްލުވައިލާފައިވާ މީހުންގެ ޢަދަދު 11,000 އަށްވުރެ މައްޗަށް އަރާ ކަމުގައި ތަފާސްހިސާބުތަކުން ދައްކައެވެ. މި ކަމުގެ ފަހަތުގައި ކުށްކުރާ ގުރޫޕުތަކުގެ އިތުރުން ސަރުކާރުގެ ފައުޖުތަކުގެ އަތެއްވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.