ޚަބަރު

ޔަހޫދީން ސުންނާފަތިކޮށްލި ޖިނީން ރެފިއުޖީ ކޭމްޕު އަލުން އާރާސްތު ކޮށްދޭނަން: އައްބާސް


ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ސުންނާފަތިކޮށްލާފައިވާ ހުޅަނގު އައްސޭރީގެ ޖިނީންގައި އޮންނަ ޖިނީން ރެފިއުޖީ ކޭމްޕު އަލުން އާރާސްތު ކޮށްދެއްވާނެ ކަމުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެއެވެ. އޭނާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ޔަހޫދީ ސިފައިން އަރައި ސުންނާފަތިކޮށްލާފައިވާ ޖިނީން ރެފިއުޖީ ކޭމްޕަށް ކުރެއްވި ޒިޔާރަތަކަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި 87 އަހަރުގެ އައްބާސް ޖިނީން ރެފިއުޖީ ކޭމްޕަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަސްކަރީ ޑްރޯނާއި ހެލިކޮޕްޓަރުތަކުގެ އިތުރުން ބުލްޑޯޒަރުތައް ބޭނުންކޮށްގެން ޖިނީނަށް އަރައި ޔަހޫދީ އަސްކަރިއްޔާގެ ޓެރެރިސްޓު ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލިއެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.

ޖިނީން ރެފިއުޖީ ކޭމްޕުގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ އެ ރެފިއުޖީ ކޭމްޕަކީ ފަލަސްޠީނުގެ މިނިވަންކަމަށް އެ ޤައުމުގެ މުޖާހިދުން ކުރަމުންދާ މަތިވެރި ޖިހާދުގެ މުހިންމު ރަމްޒެއް ކަމުގައެވެ. ޖިނީން ރެފިއުޖީ ކޭމްޕުގައި ފަލަސްޠީނުގެ މުޖާހިދުންގެ ގިނަ ޖަމާޢަތްތަކުން ހަރަކާތްތެރިވެއެވެ. އެއީ، ޓެރެރިސްޓުންގެ ހާއްޔެއްގެ ގޮތުގައި ޔަހޫދީ އިސްރާޢީލުން ސިފަކުރެއެވެ.

ހުޅަނގު އައްސޭރީގެ ސުލްޙަމަސަލަސް ކަން ދެމެހެއްޓުމުގެ ޒިންމާ އަދާކުރަނީ އައްބާސްގެ ފަތަޙަ ޕާޓީގެ ސަރުކާރުންނެވެ. ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީ.އޭ)އިން އެ ކަން ކުރަނީ ޔަހޫދީ އިސްރާޢީލުގެ ސިފައިންގެ އެހީތެރިކަމާ އެކުގައެވެ. ނަމަވެސް، ޕީ.އޭއާ މެދު ފަލަސްޠީނުގެ ޢާންމުންނާއި މުޖާހިދުންގެ ޖަމާޢަތްތަކުން ދެކޭ ގޮތް ބަދަލުވެ، ރުޅިވެރިކަމާއި ނަފްރަތު އުފެދިފައިވާ ކަން ފާހަގަކުރެވެއެވެ. ފަތަޙަ ޖަމާޢަތުގެ ޗެއަރމަންގެ ނައިބު މަޙްމޫދު އަލް-ޢާލޫލް ދާދިފަހުން ޖިނީނަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުން ޕީ.އޭއާ މެދު ނުރުހުން ފާޅުކޮށް، އޭނާއަށް ފުރައްސާރަކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

"މިއީ އެއް ދަޢުލަތެއް. އެއް ޤާނޫނެއް ހިނގާ ބަޔެއް. އެއް ބަޔެއް. އަޅުގަނޑުމެން މިއައީ އެ ކަން ސާފުކޮށްދޭން. އަޅުގަނޑުމެން ޖިނީން އަލުން ބިނާކޮށް އާރާސްތުކޮށްދޭނަން. މި ތަން އިހުނަށްވުރެ ފުރިހަމަކޮށްދޭނަން. އަދި، އަޅުގަނޑުމެންގެ ސުލްޙައަށް ހުރަސްއަޅާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅާނަން،" ޖިނީން ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވިއެވެ.

"އައްބާސް ޖިނީން ރެފިއުޖީ ކޭމްޕަށް ވަޑައިގަންނަވައި ވަރަށް މުހިންމު މެސެޖެއް މި ވަނީ ދެއްވާފައި. އެއީ، ފަލަސްޠީނުގެ ރައްޔިތުންނާ އެކު އޭނާ ސާބިތުވެ ހުންނެވި ކަން. އަދި، ޔަހޫދީންގެ އަޅުވެތިކަމުން ސަލާމަތްވެ، މިނިވަން ކަން ހޯދަން ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދަށް އޭނާ ތާޢީދުކުރައްވާ ކަން،" އައްބާސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާގެ ފަތަޙަ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައްތާ އަބޫ ރުމައިލާ ވިދާޅުވިއެވެ.

ޖިނީނަށް ކުރެއްވި ދަތުރުފުޅުގައި އައްބާސް ވަނީ ޔަހޫދީ ޓެރެރިސްޓު ސިފައިން ހިންގި ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ މީހުން ވަޅުލާފައިވާ ގަބުރުސްތާނަށް ޒިޔާރަތްކުރައްވައި، އެ މީހުންގެ މަހާނަތަކަށް ޒިޔާރަތް ކުރައްވާފައެވެ. އޭނާގެ ދަތުރުފުޅާ ގުޅިގެން ޖިނީންގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އޭނާ ޖިނީނަށް ވަޑައިގަންނަވާފައި މި ވަނީ، އެ ރަށް އަލުން އާރާސްތުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ބައެއް ޢަރަބި ޤައުމުތަކުން ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ.

ޔަހޫދީ އިސްރާޢީލުން ޖިނީން ރެފިއުޖީ ކޭމްޕަށް އަރައި ހިންގާފައިވާ ލާއިންސާނީ އުދުވާންތައް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކުށްވެރި ކުރަމުންނެވެ. އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ އިތުރުން ވިލާތުގެ އިއްތިހާދު (އީ.ޔޫ)ން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސްވެން ކޫން ފޮން ބޯގްސްޑޯފް ވެސް ވަނީ ޔަހޫދީންގެ ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ޖިނީނަށް އަރައި ޔަހޫދީ އިސްރާޢީލުގެ ސިފައިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމުގައެވެ. އަސްކަރީ ޑްރޯންތަކާއި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ޔަހޫދީ އަސްކަރިއްޔާގެ ޓެރެރިސްޓު ސިފައިން ހިންގި ޖަރީމާތަކުގައި ފަލަސްޠީނުގެ 140 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލިއެވެ. އޭގެ ތެރެއިން 30 މީހެއްގެ ހާލު ސީރިޔަސް ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.