ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުން އަނިޔާއަށް ހުށަހެޅޭ މިންވަރު އިތުރުކަމަށާއި، ވަކިން ޚާއްޞަކޮށް ޖިންސީ އަނިޔާއަށް ހުށަހެޅޭ މިންވަރު ގިނަކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރް.ސީ.އެމް އިން ހާމަކުރައްވާފައިއެވެ.
އެކޮމިޝަނުން މިކަން ހާމަކުރައްވާފައިވަނީ އެކޮމިޝަނުން ނެރުނު ހިއުމަން ރައިޓްސް ރިޕޯޓް 2022 ގައެވެ. މި ރިޕޯޓުގައި ފާއިތުވި 10 އަހަރުގެ ތެރޭގައި ނުކުޅެދުންތެރިން ހުންނަ ކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ގިނައީ 5 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންކަން ފާހަގަކޮށްފައިވެއެވެ.
އެޗް.އާރް.ސީ.އެމްއިންގެ ރިޕޯޓުގައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށް އަނިޔާކޮށްގެން، ދިވެހި ފުލުހުންގެ ޚިދުމަތަށް 28 މައްސަލައެއް ހުށަހަޅާފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެތެރެއިން ގިނަ މައްސަލަތަކަކީ އަންހެން ކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި ޖިންސީ އަނިޔާގެ މައްސަލަތައް ގިނަކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، މީގެތެރެއިން ގިނައީ 5 އަހަރާއި 15 އަހަރާއި ދެމެމުގެ ކުދިންކަން ކޮށްފައިވާ އަނިޔާކަމަށް އެޗްއާރްސީއެމްއިން ވިދާޅުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި ޖިންސީ އަނިޔާގެ އިތުރުން، ގެވެށި އަނިޔާ، ހަށި ވިއްކުމަށް މަޖުބޫރުކުރުވުން، ނޮން-ކޮންސެންޝުއަލް ޕޯނޯގްރަފީ، ސައިބަރ ކްރައިމްސް އާއި ސްކޭމްކުރުން ފަދަ މައްސަލަތައްވެސް ހިމެނެއެވެ.
މި ރިޕޯޓުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަނިޔާކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތަށް 2014 އާއި 2021 އާ ދެމެދު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި %55.6 އަކީ ޖިންސީ އަނިޔާގެ މައްސަލަތައްކަން ވަނީ ފާހަގަކޮށްފައެވެ. އަދި %24.6 އަކީ ޖިސްމާނީ ހާނިކާގެ މައްސަލަތައްކަމަށާއި ނަފްސާނީ އަނިޔާގެ %13.3 މައްސަލަ އަދި އެހެނިހެން މައްސަލަތަކިގެ ގޮތުގައި %18.7 މައްސަލަވަނީ ހުށައަޅާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ އަންހެނުން އަނިޔާއަށް ހުށަހެޅޭ މިންވަރު ގިނަކަމާއި ވަކިން ޚާއްޞަކޮށް ޖިންސީ އަނިޔާއަށް ހުށަހެޅޭ މިންވަރު ގިނަކަން އެޗް.އާރް.ސީ.އެމްގެ މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
2021 ޖަނަވަރީ މަހުން ފެށިގެން 2022 އޮގަސްޓު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގެވެށި އަނިޔާކޮށްގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް 37 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން %62 އަކީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ގެވެށި އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތައް ބެލުމުގައި ގިނަގުނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރެވިފައިވާކަމަށް އެޗް.އާރް.ސީއެމްއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު މަސައްކަތްކުރަން ތަމްރީން ލިބިފައިވާ މީހުން ތަންފީޒީ އިދާރާތަކުގައި ނުތިބޭކަން ފާހަގަކުރެވިފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން އަނިޔާގެ މައްސަލަ ރިޕޯޓުކުރާ މިންވަރު މަދުކަމުގައި ފާހަގަކުރެވޭއިރު އޭގެ ސަބަބުތަކުގެ ތެރޭގައި މުއާމަލާތުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މައްސަލަ ހުށަހަޅަން ދަތިވުމާއި ރިޕޯޓުކުރަން ޖެހޭ މަގުތައް ނޭނގުމާއި ގިނަ ފަހަރަށް އަނިޔާ ލިބެނީ ގޭތެރެއިން ކަމުގައި ވުމުން ރިޕޯޓު ކުރާނެ މަގު އަނިޔާ ލިބޭ މީހުންނަށް ތަނަވަސް ވެފައި ނެތުމުންކަންވެސް އެޗްއާރްސީއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.