ޚަބަރު

އިރާޤުގެ ބޮޑުވަޒީރު ސޫރިޔާގައި، ޓެރެރިޒަމާ ދެކޮޅަށް މަސައްކަތް ކުރަނީ


ޓެރެރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން އިރާޤާއި ސޫރިޔާއިން އެއްބަސްވެއްޖެއެވެ. އެ ދެ ޤައުމުން މި ކަމަށް އެއްބަސްވެފައި ވަނީ އިރާޤުގެ ބޮޑުވަޒީރު ޝިޢާ އަލް-ސުދާނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ބައްޝާރު ހާފިޛް އަލް-އަސަދާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް، އައު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެ ވަޑައިގެންނެވިއެވެ.

އަލް-ސުދާނީ ދިމިޝްޤަށް ވަޑައިގަންނަވާފައި މި ވަނީ، ޢަރަބި ލީގާ އަލުން ގުޅުމުގެ ފުރުޞަތު އެ އިއްތިހާދުން ސޫރިޔާއަށް ދީފައިވާ ދަނޑިވަޅެއްގައެވެ. އެއީ މޭ މަހުގެ ތެރޭގައެވެ. ޢަރަބި ލީގުން ސޫރިޔާގެ ސަރުކާރާ ގުޅުން ކަނޑައިލާފައި ވަނީ 2011 ވަނަ އަހަރު އެ ޤައުމުގައި ފެށި ދާޚިލީ ހަނގުރާމާ ގުޅިގެންނެވެ. ޢަރަބި ލީގުން ސޫރިޔާ ބޭރުކޮށްފައި ވަނީ ޑިމޮކުރަސީއަށް ވަކާލާތުކޮށް އެ ޤައުމުގައި ކުރި މުޒާހަރާތަކެއްގެ ބައިވެރިންނާ ދެކޮޅަށް އަސަދުގެ ސަރުކާރުން ބާރުގެ ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތައް ހޫނުވެ، އެ ޤައުމުގެ ހާލަތު ދާޚިލީ ހަނގުރާމައަކަށް ބަދަލުވެގެން ދިޔައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ޢަރަބި ލީގުން އެ ޤައުމާ ގުޅުން ކަނޑައިލި ނަމަވެސް އިރާޤުން ވަނީ ސޫރިޔާއާ އެކު ދޭދޭ ގުޅުންތައް ދަމަހައްޓާފައެވެ. އަދި، ސިޔާސީ ގުޅުން ކަނޑައިލާފައެއް ނުވެއެވެ. ސޫރިޔާއަށް ޢަރަބި ލީގާ ގުޅުމުގެ ފުރުޞަތު އަލުން ދިނުމަށް އިރާޤުން ވަކާލާތުކޮށް، ގިނަ މަސައްކަތްތަކެއް ކުރި ކަމުގައި އަލް-ސުދާނީ ވިދާޅުވިއެވެ. އޭނާއާއި އަސަދާ އެކު ބޭއްވެވި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ޓެރެރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ހަރުދަނާކުރުން ކަމުގައި ސޫރިޔާގެ ސަރުކާރުން ބުނެއެވެ.

ސޫރިޔާއާއި އިރާޤުން 600 ކިލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް ހިއްސާ ކުރެއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ދެ ޤައުމަށް ވެސް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލަކީ އިސްލާމިކް ސްޓޭޓް (އައި.އެސް) ޖަމާޢަތެވެ. އެ ޖަމާޢަތުން އެ ދެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކުރި ނަމަވެސް، އެމެރިކާއިން އިސްވެ އެކުލަވައިލި ބައިނަލްއަޤުވާމީ ގުޅިފައިވާ ލަޝްކަރުން ވަނީ އެ ޖަމާޢަތުގެ ޓެރެރިސްޓުން ބަލިކޮށްފައެވެ. ނަމަވެސް، ސޫރިޔާއާއި އިރާޤުގެ ބައެއް ސަރަޙައްދުތަކުގައި އައި.އެސްގެ ޓެރެރިސްޓުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޓެރެރިޒަމްގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިއަކީ ވެސް ދެ ޤައުމަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ޚާއްޞަކޮށް ސޫރިޔާއަށް އޮތް ނުރައްކާ ބޮޑެވެ. އެ ޤައުމުގެ ދާޚިލީ ހަނގުރާމައަށް ފަހު މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސޫރިޔާއިން އަލުން ޢަރަބި ލީގާ ގުޅުމާ އެކު އެ އިއްތިހާދުގެ ޤައުމުތަކުން ދަނީ އެ ޤައުމާ އެކު ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރަމުންނެވެ. ގުޅުންތައް ފުޅާ ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުން ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.