ރަޝިޔާގެ ކްރަސްނަދަރު ސަރަޙައްދާއި ޔޫކްރެއިންގެ ކްރައިމިޔާ ގުޅައިދޭ "ކިއެރްޗް ބުރިޖަށް" އަމާޒުކޮށް ދިން ހަމަލައަކާ ގުޅިގެން ވަގުތީ ގޮތުން ބުރިޖު ބަންދު ކުރުމަށް ފަހު، ބުރިޖުގެ ބައެއް މަގުތައް ނުވަތަ ލޭންތައް އަލުން ހުޅުވައިލައިފިއެވެ. ރަޝިޔާގެ އޮފިޝަލުން ވިދާޅުވީ ކްރައިމިޔާ ބުރިޖުގެ ނަމުން މަޝްހޫރު ބުރިޖުގެ އެއް ލޭން މިހާރު ދަތުރުވެރިންނަށް ހުޅުވައިލާފައިވާ ކަމުގައެވެ. ބުރިޖަށް އަމާޒުކޮށް ދިން ހަމަލާގައި ދެ މީހުން މަރުވިއެވެ.
ރަޝިޔާއިން ބުނީ މި ހަމަލާގައި މަރުވެފައި ވަނީ ދެމަފިރިން ކަމަށާއި އެއީ ދެ ފަތުރުވެރިން ކަމުގައެވެ. އަދި، އެ ދެމަފިރިންގެ އަންހެން ދަރިފުޅަށް ހަމަލާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ކަމުގައި ވެސް ރަޝިޔާގެ އޮފިޝަލުން ވިދާޅުވިއެވެ. ކިއެރްޗް ބުރިޖަށް ދިން ހަމަލާގެ ފަހަތުގައި އޮތީ ޔޫކްރެއިން ކަމަށް ތުހުމަތުކޮށް، ބުރިޖަށް ހަމަލަދޭން ބޭނުންކޮށްފައި ވަނީ ކަނޑުގައި ދުއްވާ ޑްރޯނެއް ކަމުގައި ވެސް ރަޝިޔާއިން ބުންޏެވެ.
ބުރިޖަށް ދީފައި ވަނީ ޓެރެރިސްޓު ހަމަލާއެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ސިފަ ކުރައްވާފައެވެ. އަދި، އެ ކަމުގެ ފަހަތުގައިވާ ފަރާތްތައް ހޯދައި، އެ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު މަރަތް ހުސްނޫލިން ވިދާޅުވީ، މަރާމާތަށް ފަހު ބުރިޖުގެ ހުރިހާ ލޭނެއް އަލުން ހުޅުވައިލެވޭނެ ކަމަށް ބެލެވެނީ ސެޕްޓެންބަރު މަހުގެ ތެރޭގައި ކަމުގައެވެ.
ހަމަލާގައި ބުރިޖުގެ ސްޓްރަކްޗަރަށް އެއްވެސް ވަރެއްގެ ގެއްލުމެއް ނުލިބޭ ކަމުގައި ރަޝިޔާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ކްރައިމިޔާ ބުރިޖަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ރަޝިޔާއިން ވަނީ ޔޫކްރެއިނާ އެކު ހަދާފައިވާ ގޮވާން އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ދެކޮޅު ހަދާފައެވެ. ނަމަވެސް، ބުރިޖަށް ހަމަލަދިނުމުގައި ބައިވެރިވެފައި ނުވާނެ ކަމުގައި ޔޫކްރެއިނުން ވަނީ ބުނެފައެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަރިޔާ ޒަޚަރްވާ ވިދާޅުވީ، ކިއެރްޗް ބުރިޖަށް ހަމަލަދީފައި ވަނީ ޔޫކްރެއިނުން ކަމަށާއި، އެ ކަމުގައި އިނގިރޭސިވިލާތާއި އެމެރިކާއިން އެހީތެރިވެދީފައިވާ ކަމުގައެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް އޭނާ ނުދައްކަވައެވެ. ހަމަލައާ ގުޅިގެން ގޮވާން އެކްސްޕޯޓު ކުރުމާ ގުޅޭ އެއްބަސްވުން ރަޝިޔާއިން އުވައިލާފައިވީ ނަމަވެސް، ކްރެމްލިންގެ ތަރުޖަމާނު ދްމީތްރީ ޕިސްކޯފް ވިދާޅުވީ އެ ދެ ކަމާ އެއްވެސް ގުޅުމެއް ނުވާ ކަމުގައެވެ.
ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމާ ގުޅޭ ގޮތުން އެ ޤައުމާއި ރަޝިޔާއާ ދެމެދު ހަދާފައިވާ އެއްބަސްވުމުން ރަޝިޔާ ވަކިވުމުން އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް ސަތޭކަ މިލިޔަން ބަޔަކު ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އެ އެއްބަސްވުން އަލުން ރުޖޫއަކުރަން މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ގުތެރޭޝް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ހުޅުވާފައިވާ ކިއެރްޗް ބުރިޖަކީ ރަޝިޔާއާއި ކްރައިމިޔާއާ ދެމެދު އެއްގަމާއި ރޭލު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ބުރިޖެކެއެވެ. ހުސްވި 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ބުރިޖަށް އަމާޒުކޮށް ނުރައްކާތެރި ބޮމުގެ ހަމަލައެއް ދީފައިވެއެވެ. އެ ހަމަލާގައި ބުރިޖަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ފަހު މި އަހަރުގެ ފެބުރުވަރީ މަހު އެ ތަން ވަނީ އަލުން ހުޅުވާފައެވެ. ކިއެރްޗް ބުރިޖަކީ ޔޫކްރެއިންގައި ހަރަކާތްތެރިވާ ރަޝިޔާގެ ފައުޖުތަކަށް ހަތިޔާރާއި އެހެނިހެން ސާމާނު ފޯރުށްދޭން ބޭނުން ކުރާ މައި އެއް މަގެވެ.