ޚަބަރު

ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފި


  • ފުއްޕާމެއިން ނަގާފައިވަނީ ކުޅެން ގެންގުޅޭ އެއްޗެއްގެ އަގުގޮވާ ބައި

  • އެތިކޮޅު ނެގީ ކުއްޖާގެ ފުއްޕާމޭގެ ކަނާތު ފަޅިން

  • މިކަން ހިނގާފައިވަނީ އަނގަޔަށް ލައިގެން އުޅެނިކޮން ނޭނގި ދިިރިގެން

  • ދިރުނު އެތިކޮޅުގެ ދިގުމިނުގައި 3 ސެންޓިމީޓަރު

ކުޑަކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި އިން ކުޅޭ އެއްޗެއްގެ ބައެއް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްއިން ނަގައިފިއެވެ.

އައި.ޖީ.އެމް.އެޗްގެ ނެޝަނަލް ސެންޓަރ ފޯރ ރެސްޕިރޭޓަރީ މެޑިސިން ޓީމުން މި ސަރޖަރީކޮށްފައިވަނީ މިމަހުގެ ތެރޭގައެވެ. މިކަމާގުޅޭ އިތުރު ތަފްޞީލު ހާމަކުރައްވަމުން އެ ހޮސްޕިޓިލުގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު މުޙައްމަދު ޢަލީ ވިދާޅުވީ، ކުޑަކުއްޖާގެ ފުއްޕާމެއިން ނަގާފައިވަނީ ކުޅެން ގެންގުޅޭ ސޮފްޓް ޓޯއީއެއްގެ އަޑުގޮވާ ތަންކޮޅެއްކަމަށެވެ. މި އެތިކޮޅު ނަގާފައިވަނީ އެކުއްޖާގެ ފުއްޕާމޭގެ ކަނާތު ފަޅިންނެވެ.

މިކަން ހިނގާފައިވަނީ ކުޅެން އުޅުމުގެ ތެރޭގައި އަޑުގޮވާ އެތިކޮޅު އަނގަޔަށްލައިގެން އަޑުގޮއްވާ އެ މަންޒަރު އޭނާގެ ކޮއްކޮއަށް ދައްކަން އުޅުމުގެ ތެރޭގައި ނޭނގި ދިރުވާލުމުގެ ސަބަބުންނެވެ.

"އަނގަތެރެއަށާއި ދެ ތުންފަތް މައްޗަށް މިކަހަލަ އެއްޗެހި ލައިގެން އުޅުމަކީ ނުރައްކާތެރި ކަމެއް" ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.


ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ކުއްޖާގެ ފުއްޕާމެއިން ނެގި އަގުގޮވާ އެތިކޮޅުގެ ދިގު މިނުގައި ތިން ސެންޓިމީޓަރު ހުރިކަމަށެވެ. މި ގޮތަށް އަނގަޔަށް އެއްޗެހި ލައިގެން އުޅުމުގެ ތެރެއިން ފުއްޕާމެޔަށް އެއްޗެއް ގޮސްފައިވާނަމަ ނުވަތަ ދިރިއްޖެނަމަ ވަރަށް ނުރައްކާވެދަނެކަމަށް ޑރ. މުޙައްމަދު ޢަލީ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކުޑަކުދިންނަށް ކުޅޭ އެއްޗެހި ދިނުމުގައިވެސް މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޑރ. މުޙައްމަދު ޢަލީ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި އެތިކޮޅު ނެގުމަށް ކުރި ސަރޖަރީގައި އައި.ޖީ.އެމް.އެޗްގެ ރޭޑިއޮލޮޖީ ޓީމާއި، ހޭނައްތާ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ޑޮކްޓަރުންނާއި އޮޕަރޭޝަން ތިއޭޓަރުގެ ސްޓާފުންގެ ފަރާތުން ލިބުނު އެހީތެރިކަން ޑރ. މުޙައްމަދު ޢަލީ ވަނީ ފާހަގަކުރައްވާފައެވެ.