ޚަބަރު

ރަޝިޔާއިން ޔޫކްރެއިންގެ ބަނދަރުތަކަށް ހަމަލަދީ ގޮވާން އެކްސްޕޯޓުކުރަން ހުރަސްއަޅަނީ


ބްލެކް ސީ ނުވަތަ ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޔޫކްރެއިންގެ ބަނދަރުމަތީ ރަށްތަކާއި ބަނދަރުތަކަށް ރަޝިޔާގެ އަސްކަރިއްޔާއިން ހަމަލަދޭން ފަށާފައިވާ ކަމުގައި ޔޫކްރެއިނުން ބުނެފިއެވެ. ރަޝިޔާއިން ޔޫކްރެއިންގެ ބަނދަރުތަކަށް ހަމަލަދޭން ފަށާފައި މި ވަނީ، ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ރަޝިޔާއާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓައިލާފައިވާ ދަނޑިވަޅެއްގައެވެ.

އެއްބަސްވުމަށް އަމަލުކުރުން ހުއްޓައިލުމަށް ފަހު ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބަނދަރުތަކުން ފުރާ އާގުބޯޓުފަހަރަކީ އަސްކަރީ އަމާޒެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އަދި، ޔޫކްރެއިނުގައި ބަނދަރުކުރާ އެހެން ޤައުމުތަކުގެ އާގުބޯޓުފަހަރަކީ ހަނގުރާމައިގައި ޔޫކްރެއިނަށް ވާގިވެރިވާ އުޅަނދުފަހަރު ކަމުގައި ދެކޭނެ ކަމުގައި ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވަނީ ބުނެފައެވެ.

އެއަށްފަހު ރަޝިޔާއިން ޔޫކްރެއިންގެ މިކޮލައިފާއި އަދިއްސާގައި އޮންނަ ބަނދަރުތަކަށް ހަމަލަދޭން ފަށާފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އެ ހަމަލަތަކުގައި 20 މީހަކު ޒަޚަމުވެފައިވެއެވެ. ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޔޫކްރެއިންގެ މައި ތިން ބަނދަރަކަށް ރަޝިޔާއިން ހަމަލަދީފައިވާ ކަމަށާއި، މި ހަމަލަތަކުގައި ގޮވާން ރައްކާކުރާ ގުދަންތަކާއި، ބަނދަރުތައް ކައިރީގައިވާ ފިހާރަބަރިތަކާއި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

އޮދިއްސާ ބަނދަރަށް ހަމަލަދޭން ރަޝިޔާއިން ބޭނުންކޮށްފައި ވަނީ "ކޭ.އެޗް-22" މަރުކާގެ ސުޕަރސޮނިކް މިސައިލްތަކެއް ކަމުގައި ޔޫކްރެއިނުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އެއީ، މަތިންދާބޯޓާއި ވައިގެ އަމާޒުތަކަށް ހަމަލަދޭން ފަރުމާކޮށްފައިވާ މިސައިލެކެވެ. ރަޝިޔާއިން ހަމަލަދީފައިވާ ބަނދަރުތަކުގައި މިލިޔަނެއްހާ ޓަނުގެ ގޮވާމުގެ ބާވަތްތައް ރައްކާކޮށްފައި ހުރި ކަމަށާއި، އެއީ އޭޝިޔާއާއި އެފްރިކާ ބައްރުގެ ޤައުމުތަކަށް އެކްސްޕޯޓު ކުރަން ތައްޔާރުކޮށްފައި ހުރި ތަކެތި ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ.

މިކޮލައިފަށް ރަޝިޔާއިން ދިން ހަމަލަތަކުގައި ޢާންމުންގެ 18 މީހުން ޒަޚަމުވި ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު ވިދާޅުވިއެވެ. އަދި، އޮދިއްސާއަށް ދިން ހަމަލަތަކުގައި ދެ މީހަކު ޒަޚަމުވެފައިވާއިރު، އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ. ޔޫކްރެއިންގެ ބަނދަރުތަކަށް ހަމަލަދިނުމުގެ އިތުރުން އެ ބަނދަރުތަކުގެ އައްސޭރިފަށަށް ރަޝިޔާއިން މައިން އަޅަމުންދާ ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދޭ ޤައުމެވެ. ނަމަވެސް، ހަނގުރާމައާ އެކު އެ ކަމަށް ހުރަސްއެޅި، ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އެތަކެއް މިލިޔަން މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުރަސްތައް ކުރިމަތިވިއެވެ.

ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުން އަލުން ފެށުމަށް ރަޝިޔާއިން ހުއްދަ ދީފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ ކަމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ތުރުކީވިލާތުގެ ބައިވެރިވުމާ އެކު އ.ދއިންނެވެ. އެ އެއްބަސްވުމުގެ މުއްދަތު މި ޖުލައި މަހު ހަމަވެފައިވާއިރު، ރަޝިޔާއިން ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފައެވެ.

އެ ކަމާ ގުޅިގެން ޔޫކްރެއިނުން ވަނީ އެ ޤައުމުގައި އުފައްދާ ގޮވާމުގެ ބާވަތްތައް ބޭރުކުރާނެ އިތުރު ގޮތްތައް ހޯދަމުންދާ ކަން އިޢުލާނުކޮށްފައެވެ. މި ގޮތުން، އެ ޤައުމާ އިންވެގެން އޮންނަ ރޮމޭނިޔާ މަގުން އެ ތަކެތި ބޭރުކުރަން ވިސްނަމުންދާ ކަމުގައި ޔޫކްރެއިނުން ވަނީ ބުނެފައެވެ. ރޮމޭނިޔާއަކީ ވެސް ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޤައުމެކެވެ.