ހަށި ވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި މާލެއިން 5 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގައި ހަށި ވިއްކަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި ބިދޭސީ ތިން އަންހެނުންނާއި، ދިވެހި ދެ ފިރިހިނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ 34 އަހަރުގެ ބިދޭސީ 2 އަންހެނުންނާއި، 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނާއި 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މީގެތެރެއިން ބައެއް މީހުން ހައްޔަރު ކޮއްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށްވެސް ފުލުހުންގެ ޚިދުމަތުންވަނީ ހާމަކޮށްފައެވެ.
މިމައްސަލައާ ގުޅިގެން މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 3 އަންހެނުންގެ ބަންދަށް 15 ދުވަސް އަދި 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް އަދި 39 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 5 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުންވަނީ ބުނެފައެވެ.
ފުލުހުން އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާދާއިރާއެއްގައި ކުރަމުން ގެންދިޔަ ބިދޭސީންތަކެއް މިދިޔަ މޭމަހުގައިވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ މައްސަލަތަކާ ގުޅިގެން 28 މީހަކު ރާއްޖެއަށް ނާދެވޭގޮތަށް މިދިޔަ އަހަރުވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.