ޚަބަރު

ގަދަ ހޫނާއެކު ޑެންގީ ކޭސްތަކުގެ ޢަދަދު އިތުރުވަނީ: ޑަބްލިޔު.އެޗް.އޯ


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން ޑެންގީ ހުމުގެ ކޭސްތަކުގެ ޢަދަދު މި އަހަރު ރެކޯޑު މިންވަރަކަށް އިތުރުވާނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ – ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން އިންޒާރުކޮށްފިއެވެ. ފިނިހޫނުމިން މަތިވުމާ ގުޅިގެން ޑެންގީ ހުން ފަތުރާ މަދިރި އާލާވުމުގެ ފުރުޞަތު އިތުރުވާ ކަމުގައި މާހިރުން ބުނެއެވެ.

2000 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާ ކަމަށް ދިރާސާތަކުން ހާމަވެއެވެ. 2000އާއި 2022 ވަނަ އަހަރާ ދެމެދު އެ ޢަދަދު އަށްގުނައަށް އިތުރުވެފައިވާ ކަމުގައި ޑަބްލިޔު.އެޗް.އޯއިން ބުނެއެވެ. 2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޖެހުނު މީހުންގެ ޢަދަދު 4.2 މިލިޔަނަށް އަރާއިއިރު، އެމެރިކާ ބައްރުގައި އެކަނިވެސް މި ބަލި ޖެހުނު މީހުންގެ ޢަދަދު 2.8 މިލިޔަނަށް އެރިއެވެ. އަދި، އެ އަހަރު އެމެރިކާ ބައްރުން މި ބަލީގައި މަރުވި މީހުންގެ ޢަދަދު 1,290 އަށް އެރިއެވެ.

އެފްރިކާ ބައްރަށް ބަލައިލާއިރު، ސޫދާނުގެ ވެރިރަށް ޚަރްތޫމުން މި ބަލި ފުރަތަމަ ފަހަރަށް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މާރިޗު މަހުގެ ތެރޭގައެވެ. ވިލާތުގެ ގިނަ ޤައުމުތަކެއްގައި ވެސް ޑެންގީ ހުން ހަލުވިކަމާ އެކު ފެތުރެމުންދާއިރު، ޕެރޫން ވަނި ހަލުވިކަމާ އެކު މި ބަލި ފެތުރެން ފެށުމާ އެކު ކުއްލި ހާލަތު ވެސް އިޢުލާނުކޮށްފައެވެ.
ޑެންގީ ހުމަކީ މި ވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ ބަލި ކަމަށް ބުނެ ޑަބްލިޔު.އެޗް.އޯއިން ވަނީ ޖަނަވަރީ މަހު އިންޒާރުކޮށްފައެވެ. އަދި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވައިލާ، ޑެންގީއަކީ ޢާންމު ބަލިމަޑުކަމަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ވެސް ކޮށްފައެވެ. ޑަބްލިޔު.އެޗް.އޯގެ މާހިރެއް ކަމުގައިވާ ޑރ ރަމަން ވެލާޔުދަން ވިދާޅުވީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މި ވަގުތު މި ނުރައްކާތެރި ބައްޔަށް ހުށަހެޅިފައިވާ ކަމުގައެވެ.

2019 ވަނަ އަހަރު ޑެންގީ ހުން ޖެހުނު މީހުންގެ ޢަދަދު 5.2 މިލިޔަނަށް އަރާއިރު، މި އަހަރު އެ ޢަދަދު 4 މިލިޔަނަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އޭޝިޔާގެ ޤައުމުތަކަށް ވާރޭ ވެހޭ މޫސުމުގައި ހަލުވިކަމާ އެކު ބަލި ފެތުރިގެންދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާ ބައްރުގައި މިހާރު ވެސް 3 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، ކޭސްތައް އެންމެ ގިނައީ ބޮލީވިޔާ، ޕެރެގުއޭ އަދި ޕެރޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން ޤައުމުތަކުގެ ޞިއްޙީ ނިޒާމުތަކަށް ބާރު ބޮޑުވެ، ނޭދެވޭ އަސަރު ކުރަމުންދާ ކަމުގައި ވެސް ޑަބްލިޔު.އެޗް.އޯއިން ބުނެއެވެ. އެ ޖަމުޢިއްޔާއިން ބުނީ ފިނިހޫނުމިން އުފުލުމާ ގުޅިގެން ޞިއްޙީ ގިނަ މައްސަލަތަކެއް އިތުރަށް ގޯސްވާ ކަމުގައެވެ. އަދި، ހޫނުގެ ނުރައްކާ އެންމެ ބޮޑުވާ މީހުންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނޭ ކަމަށާއި، އެ ބަލިތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި، ހަކުރު ބައްޔާއި އަދި ނޭވާހިއްލުން ފަދަ ބަލިތައް ހިމެނޭ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ. ހޫނުގެ ތޫފާނުގެ އަސަރު ކުރަމުންދާ ޤައުމުތަކުގައި ދިރިއުޅޭ މި ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ އެތަކެއް މިލިޔަން މީހުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމުގައި ވެސް ޞިއްޙީ މާހިރުން ބުނެއެވެ.

ޑެންގީއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އިންސާނުންނަށް މި ބަލި ފަތުރަނީ އީޑީސް ޢާއިލާގެ މަދިރިއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުން ހިމެނެއެވެ. އަދި، ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައިވާ "ޑެންގީ ހެމޮރެޖިކް ފީވަރ"ގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތަކުން ލޭއައުމާއި، ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވުން ހިމެނެއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ މަދިރި އާލާވާ ތަންތައް ނައްތައިލުމެވެ. އަދި، މަދިރި ހެފުމުން ދުރުކޮށްދޭނެ ފިޔަވަޅުތައް އެޅުމެވެ.