އެމެރިކާއިން ޔޫކްރެއިނަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ފޮނުވަން ނިންމާފައިވާ ކަން އިޢުލާނުކޮށްފިއެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ.
ނަން ހާމަކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ ތިން އޮފިޝަލަކު މީޑިޔާއަށް މަޢުލޫމާތު ދެމުން ބުނީ ޔޫކްރެއިނަށް ފޮނުވަން ނިންމާފައިވާ އަސްކަރީ އެހީގެ ޕެކޭޖުގައި އާޓިލަރީ ބަޑިއާއި، އާޓިލަރީ ބަޑިއަށް ބޭނުންވާ "ޝެލް"ގެ އިތުރުން ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ މިސައިލާއި އަސްކަރީ އުޅަނދުފަހަރު ހިމެނޭ ކަމުގައެވެ. ނަމަވެސް، މި ފަހަރު ފޮނުވާ ޕެކޭޖުގައި ކްލަސްޓަރ ބޮން ނުހިމެނޭ ކަމަށް އެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.
ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުން ގިނަ ޤައުމުތަކުން މަނާކޮށްފައިވާ ހަތިޔާރެއް ކަމުގައިވާ ކްލަސްޓަރ މިޔުނިޝަންސް ނުވަތަ ކްލަސްޓަރ ބޮން ޔޫކްރެއިނަށް ފޯރުކޮށްދޭން އެމެރިކާއިން ނިންމާފައި ވަނީ މި މަހުގެ ކުރީކޮޅެވެ. އެ ކަމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް އެމެރިކާއާއި ޔޫކްރެއިނަށް ކުރިމަތިވިއެވެ. ނަމަވެސް، އެމެރިކާއިން ވަނީ މި މަހުގެ ތެރޭގައި "ޑުއަލް-ޕަރޕަސް އިމްޕްރޫވްޑް ކޮންވެންޝަނަލް މިޔުނިޝަންސް" (ޑީ.ޕީ.އައި.ސީ.އެމް) ވައްތަރުގެ ކްލަސްޓަރ ބޮން ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ. އެއީ، ހޮވިޓްޒަރ ބަޑި ބޭނުންކޮށްގެން ހަމަލަދިނުމަށް ބޭނުން ކުރެވޭ ބޮމެކެވެ.
އެމެރިކާއިން މި ފަހަރު ޔޫކްރެއިނަށް ފޯރުކޮށްދޭ އަސްކަރީ އުޅަނދުފަހަރުގެ ތެރޭގައި "ސްޓްރައިކަރ" މަރުކާގެ އާމަރޑް އުޅަނދާއި، މައިންކޮށްފައިވާ ބިން ސާފުކުރާ ސާމާނާއި، "ނޭޝަނަލް އެޑްވާންސްޑް ސަރފެސް-ޓު-އެއަރ މިސައިލް ސިސްޓަމް (އެން.އޭ.އެސް.އޭ.އެމް.އެސް) މަރުކާގެ މިސައިލް ހިމެނެއެވެ. އަދި، ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހައިމާރސް) ސިސްޓަމަށް ބޭނުންވާ ރޮކެޓާއި، އަސްކަރީ ޓޭންކުފަހަރަށް ހަމަލަދޭން ބޭނުންކުރާ ހަތިޔާރު ވެސް ހިމެނެއެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެމެރިކާއަށް ފޮނުވަން ނިންމާފައިވާ އަސްކަރީ އެހީގެ ޕެކޭޖާ އެކު، އެ ޤައުމުން މިހާތަނަށް ޔޫކްރެއިނަށް ފޮނުވާފައިވާ އަސްކަރީ އެހީގެ ޕެކޭޖުގެ ޢަދަދު 43 އަށް އަރާނެއެވެ. އެމެރިކާއިން މިހާތަނަށް ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އަސްކަރީ އެހީގެ އަގު 41 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.
ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގެ ފައުޖުތަކުން ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. މި ކެމްޕޭނުގެ ދަށުން އެ ޤައުމުގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތަކުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަން އެ ޤައުމުން އިޢުލާނުކޮށްފައިވާއިރު، ކައުންޓަރއޮފެންސިވް ކާމިޔާބު ކުރުމަށް އެމެރިކާގެ އަސްކަރީ އެހީތެރިކަން ޔޫކްރެއިނަށް ބޭނުންވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.