ވިޔަފާރި

ކުރިއަރ ޚިދުމަތް އަވަސްކުރުމަށް ވަކި ޓާމިނަލެއް ޤާއިމްކުރަނީ


  • ކްރިއަރ މެދުވެރިކޮށް ގެންނަ މުދާ އަންނަނީ އިތުރުވަމުން

  • މި ހިދުމަތް އަވަސްކުރުމަށް ކަސްޓަމްސްއިން ގިނަ މަސައްކަތްތަކެއް ކުރޭ

ކްރިއަރ މެދުވެރިކޮށް ރާއްޖެ ގެންނަ މުދާ އިތުރުވަމުން އަންނައިރު މި ޚިދުމަތް ދިނުމަށް ވަކި ޓާމިނަލެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. އޮންލައިން ވިޔަފާރި އިތުރުވެ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެންނަ މުދަލުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ އީ ކޮމާސް އިތުރުވެ ރާއްޖެއަށް ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ޕެކޭޖްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ. ޖެނެރަލް ކާގޯއަށްވުރެ ކުރިއަރ މެދުވެރިކޮށް ގެންނަ ކާގޯ އިތުރުވެފައިވާކަން އަބްދުﷲ ޝަރީފް ފާހަގަކުރެއްވިއެވެ. އެއަރ ކާގޯގެ ކުޑަ ޖާގައިގައި ޖެނެރަލް ކާގޯއާއި ކުރިއަރ މެދުވެރިކޮށް އަންނަ މުދާ ކްލިއަރ ކުރުން ވެފައިވަނީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން ކުރިއަރ ޚިދުމަތް ދިނުމަށް ވަކި ޓާމިނަލެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެންފޯސްމަންޓް ދާއިރާއިންވެސް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިއްޖެ. ކުރިއަރ ސަރވިސްއަށް މިގެނެވުނު ބަދަލާއެކީ ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށްވެސް ކުޑަވެފައި ވާނީ. އަދިވެސް އެކަމުގައި ގެންނަންޖެހޭ ބަދަލުތައް އެބަހުރި ޚާއްސަކޮށް މިހާރު އަޅުގަނޑުމެންގެ ވިސްނުމަކީ ޕޯޓު އޮޕަރޭޝަނާއި އެކީގައި ވާހަކަދައްކައިގެން ކުރިއަރ ސަރވިސްއަށް ވަކި ޓާމިނަލެއް، ވަކި ގޯޑައުންއެއް، ވަކި ކާގޯ ކޮންޕްލެކްސްއެއް ހަދައިގެން އޭގެ ދަށުން ހުރިހައި ކުރިއަރ ސަރވިސްއެއް ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްތަނަކުން ދެވޭގޮތައް އެކަން ބައްޓަންކުރުން." ޝަރީފް ވިދާޅުވިއެވެ.

ކުރިއަރ މެދުވެރިކޮށް އަންނަ މުދާ ކްލިއަރ ކުރުން އަވަސްކުރުމަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެނެވިފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިއަރ ކާގޯ ވަކި ޔުނިޓެއް ޤާއިމްކޮށްގެން ވަކި އޮފިސަރުންތަކެއް އެ ޔުނިޓަށް ކަނދައަޅައިގެން މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއާއިއެކު ކުރިއާއި އަޅާބަލާއިރު ކުރިއަރ ޚިދުމަތް ބޮޑުތަނުން އަވަސްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެ ގެންނަ މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް އަވަސްކުރުމަށް ޓައިމް ރިލީޒް ސްޑަޑީޒެއް މިހާރު ހަދާފައިވާކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަނާއި ގުޅިގެން ހަދާފައިވާ މި ސްޓަޑީގެ ސަބަބުން އެހެން މުއައްސަސާއަކުން ލަސްތަކެއް އުޅޭނަމަ އެކަން އެނގި ރަނގަޅުކުރަންޖެހޭ ހިސާބުތައް ދެނެގަނެވޭނެކަން ކަސްޓަމްސްއިން ފާހަގަކުރެއެވެ.