ޗައިނާގެ ހެއިލޮންގްޖިއަންގް ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ޗީޗީހާރް ސިޓީގެ ސްކޫލެއްގެ ޖިމްގެ ފުރާޅު ވެއްޓި 11 މީހުން މަރުވެއްޖެއެވެ. ކޮންކުރީޓުން ބިނާކޮށްފައިވާ ފުރާޅު ވެއްޓުނު މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އެ ސްކޫލްގެ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގާފައި ވަނީ ފަރިތަކުރުންތަކެއް ކުރިއަށް ދިޔަ ވަގުތެއްގައެވެ.
މި ހާދިސާ ހިނގާފައި ވަނީ ޗީޗީހާރްގެ ލޮންގްޝާ އަވަށުގައި ހުންނަ ނަންބަރ 34 މިޑްލް ސްކޫލުގައެވެ. މި ހާދިސާ ހިނގި ވަގުތު އެ ތަނުގެ ތެރޭގައި 19 މީހުން ތިބި ކަމަށް ބެލެވެއެވެ. އަދި، އެ ތަނުގެ ފުރާޅުގެ ބައިތަކުގެ ދަށުގައި 15 މީހުން ތާށިވި ކަމަށް ބެލެވޭއިރު، އެ އެންމެންގެ ހަށިތައް މިހާރު ހޯދިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ފުރާޅުގެ ބައިތައް ވެއްޓުނު ކުޑަ ވަގުތުކޮޅެއް ކުރިން ހަތަރު މީހަކު ވަނީ ސަލާމަތްކަމާ އެކު އެ ތަނުން ނުކުމެފައެވެ.
މި ހާދިސާ ހިނގި ވަގުތު ވޮލީބޯޅަ ޓީމުގެ ކޯޗު ވެސް ހުރީ ޖިމްގެ ތެރޭގައެވެ. މި ހާދިސާގައި މަރުވި ކުދިންނާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރަން ފުލުހުން ދެކޮޅު ހަދަމުންދާތީ، އެ ކުދިންގެ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި، މަރުވި ކުދިންގެ ހަށިތައް އެ ކުދިންގެ ޢާއިލާތަކާ ހަވާލުކޮށްފައި ނުވާ ކަމުގައި ބުނެ، އެ ސްކޫލްގެ ބައެއް ބެލެނިވެރިން ވަނީ މީޑިޔާއަށް މަޢުލޫމާތު ހިއްސާކޮށްފައެވެ.
ނަންބަރ 34 މިޑްލްސް ސްކޫލްގެ ޖިމްގެ ފުރާޅު ވެއްޓިފައި މި ވަނީ، ޗީޗީހާރް ސިޓީއަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ދުވަސްވަރެއްގައި ކަން ފާހަގަކުރެވެއެވެ. މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން އެ ސަރަޙައްދުގައި އޮތީ ފެންބޮޑުވެފައެވެ. އަދި، ބައެއް ސަރަޙައްދުތަކުގައި ޢިމާރާތްތަކާއި ޢުމްރާނީ ވަސީލަތްތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ކުރަން ފަށާފައިވާއިރު، ފުރާޅު ވެއްޓުނު އެއް ސަބަބަކީ ފުރާޅުގައި "ޕަރލައިޓް" ކިޔާ މައުދަނެއް ބޭނުން ކުރުން ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. ޗައިނާގެ ވެރިކަން ކުރާ ކޮމިޔުނިސްޓު ޕާޓީން ހިންގާ ނޫހެއް ކަމުގައިވާ "ދަ ބެއިޖިންގ ނޫހުން" ވަނީ ސްކޫލް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރި ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
އެ ނޫހުން ބުނީ، ސްކޫލްގައި ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ބަލަންވާ މިންވަރަށް ނުބަލާ ކަމުގައެވެ. ސްކޫލްގެ ޖިމްގެ ފުރާޅު ވެއްޓުނު ހާދިސާއާ ގުޅިގެން އެ ތަނުގައި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރި ކުންފުނީގެ އިސްވެރިންތަކެއް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.