އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ ކެމަރޫންގެ ވިޔަފާރީގެ މަރުކަޒީ ރަށް ދުވަލާގައި ޢާންމުން ދިރިއުޅޭ ޢިމާރާތެއް ވެއްޓި 16 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ތިން އަހަރުގެ ތުއްތުކުއްޖެއް ހިމެނެއެވެ. އަދި، ޒަޚަމުވި އިތުރު ތިން ކުދިންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. އެ ކުދިންގެ ހާލު ސީރިޔަސް ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ވެއްޓިފައި ވަނީ ހަތަރު ބުރިއަށް ބިނާކޮށްފައިވާ އެޕާޓްމަންޓް ޢިމާރާތެކެވެ. މި ހާދިސާގައި އިތުރު ބަޔަކު ޢިމާރާތުގެ ދަށުގައި ތާށިވި ކަމަށް ބެލެވޭއިރު، ދިރިތިއްބާ އެ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. އަދި، މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ދަވަލާގެ ލިޓޮޣާލް ސަރަޙައްދުގައެވެ. އެ ތަނުގެ ގަވަރުނަރު ސެމުއޭލް ޖުދުނޭ އިވާ ދިބުއާ ވިދާޅުވީ ޢިމާރާތުގެ ދަށުގައި ތާށިވި ކަމަށް ބެލެވޭ މީހުންގެ ހަށިތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އޮފިޝަލުން ވަނީ ތަހުޤީޤު ފަށާފައެވެ.
ދުވަލާގެ ލަކޮންޓިނީ ހޮސްޕިޓަލުން ބުނީ މި ހާދިސާއާ ގުޅިގެން 13 މީހަކު އެ ތަނަށް ގެންގޮސްފައިވާ ކަމަށާއި، މަރުވި މީހުންގެ ތެރޭގައި ތިން އަހަރުގެ ތުއްތުކުއްޖަކާއި 19 އަހަރުގެ އަންހެނެއް ހިމެނޭ ކަމުގައެވެ. ޒުވާން އުމުރުގެ ދެ އަންހެން ކުދިންނާއި 28 އަހަރުގެ އަންހެނަކާއި ފަސް ފިރިހެނުންނަށް ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.
ދުވަލާގައި 2016 ވަނަ އަހަރު ހިނގި މި ފަދަ އެހެން ހާދިސާއެއްގައި ފަސް މީހުން މަރުވިއެވެ. އެ ހާދިސާ ހިނގާފައި ވަނީ ވެއްޓުނު ޢިމާރާތުގައި ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައްކަތްތަކަކަށް ފަހު ކަމަށާއި، އެ ތަނުގައި ޢިމާރާތްކުރުމުގެ ޤަވާޢިދާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް، އެ ހާދިސާއަށް ފަހު ނެރުނު ތަހުޤީޤީ ރިޕޯޓުން ހާމަވިއެވެ. ދުވަލާގައި ވެއްޓުމުގެ ބިރު ހީވެފައިވާ އިތުރު 500 އެއްހާ ޢިމާރާތް ހުރި ކަމަށް ޖޫން މަހު އެ ރަށުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.