ޚަބަރު

ޔޫކްރެއިނުން މޮސްކޯއަށް ޓެރެރިސްޓު ހަމަލަތަކެއް ދީފައިވާ ކަމުގައި ތުހުމަތު


ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ އެ ޤައުމުގެ އަސްކަރިއްޔާގެ މައި މަރުކަޒަށް ޑްރޯން ހަމަލަތަކެއް ދީފިއެވެ. މި ހަމަލަތަކުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާ ކައިރީގައި ހުންނަ ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، މިއީ ޔޫކްރެއިނުން ދީފައިވާ ޓެރެރިސްޓް ހަމަލައެއްގެ ގޮތުގައި ރަޝިޔާއިން ވަނީ ސިފަކޮށްފައެވެ. މޮސްކޯއަށް ހަމަލަދީފައި ވަނީ ދެ ޑްރޯން ބޭނުންކޮށްގެން ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

މޮސްކޯގައި ހުންނަ އަސްކަރީ މައި މަރުކަޒަށް ޑްރޯން ހަމަލަތަކެއް ދީފައި މި ވަނީ، ޔޫކްރެއިންގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ އަދިއްސާއަށް ރަޝިޔާއިން ދެމުންދާ ހަމަލަތަކުގެ ބަދަލުހިފާނެ ކަމަށް ޔޫކްރެއިނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ އަސްކަރިއްޔާއިން އަދިއްސާގެ އިތުރުން މިކޮއިލަފަށް ވަރުގަދަ ހަމަލަތަކެއް ދޭން ފަށާފައި ވަނީ ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ޑްރޯން ހަމަލާގައި ގެއްލުންވެފައިވާ އެއް ޢިމާރާތަކީ، ރަޝިޔާއިން ޔޫކްރެއިންގައި ފަށާފައިވާ ހަނގުރާމައާ ގުޅޭ މުހިންމު މަޝްވަރާތަކެއް ރަޝިޔާގެ ދިފާޢީ ވުޒާރާއާއި އަސްކަރިއްޔާއިން ބާއްވާ ޢިމާރާތެއް ކައިރީގައި ހުންނަ ޢިމާރާތެކެވެ. މި ހަމަލައަކީ ރަޝިޔާގެ އަސްކަރިއްޔާއަށް ލިބުނު ބޮޑު ސިހުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ޑްރޯން ހަމަލަތަކާ ގުޅިގެން އެ ސަރަޙައްދުގައި ހުންނަ މަގުތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެއް ހަމަލާގައި އޮފީސް ޢިމާރާތެއްގެ އެންމެ މަތީ ދެ ފަންގިފިލައަށް ގެއްލުންވެފައިވާ ކަމަށާއި، ދެވަނަ ހަމަލާގައި އެހެން ޢިމާރާތަކަށް ގެއްލުންވި ކަމުގައި މަންޒަރު ފެނުނު ފަރާތްތަކުން ރިޕޯޓު ކުރެއެވެ. ނަމަވެސް، މި ހަމަލަތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

މޮސްކޯއަށް ޑްރޯން ހަމަލަތަކެއް ދީފައިވާ ވަގުތުގައި ރަޝިޔާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިންގެ ކްރައިމިޔާއަށް ވެސް ވަރުގަދަ ޑްރޯން ހަމަލަތަކެއް ދީފައިވެއެވެ. އެ ހަމަލަތަކުގައި 17 ޑްރޯން ބޭނުންކޮށްފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އެ ޑްރޯންތައް ވަނީ ދިފާޢުކޮށް ވައްޓައިލާފައެވެ. ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާއިން އަތްގަދަކޮށްފައިވާ ސަރަޙައްދެކެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށްދޭ ހަމަލަތަކާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ މީގެ ކުރިން ވާހަކަފުޅު ދައްކަވާފައި ނުވާ ކަން ފާހަގަކުރެވެއެވެ. ނަމަވެސް، މޮސްކޯއަށް އެންމެ ފަހުން ދިން ޑްރޯން ހަމަލަތަކާ ގުޅިގެން ޒެލެންސްކީ ވަނީ އެއީ އަދިއްސާއަށް ދިން ހަމަލަތަކުގެ ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލަތަކެއް ކަމުގައި ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ބޮޑުވަޒީރުގެ ނައިބު މިޚައީލް ފެދެރޮފް ވެސް ވަނީ ދެ ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ ވެރިރަށަށް ހަމަލަދީފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި، ކްރައިމިޔާއަށް ހަމަލަދީފައިވާ ކަން ވެސް އޭނާ ކަށަވަރު ކޮށްދެއްވިއެވެ. ހުރިހާ ހަމަލަތައް ދިފާޢުކުރުމުގެ ގާބިލުކަން ރަޝިޔާއަށް ލިބިފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ފަދަ ހަމަލަތައް އިތުރުކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލަތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަރިޔާ ޒަޚަރްވާ ވިދާޅުވީ އެއީ ޓެރެރިސްޓު ހަމަލަތަކެއްގެ ގޮތުގައި ރަޝިޔާއިން ސިފަކުރާ ކަމުގައެވެ. މޮސްކޯގެ މޭޔަރު ސިރްގިޔޭ ސައިބްޔަނިން ވިދާޅުވީ ޑްރޯން ހަމަލަތަކުގައި ގެއްލުންވެފައި ވަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ނޫން ކަމުގައެވެ.

ޑްރޯން ހަމަލަތައް އަރާފައި ވަނީ ރަޝިޔާގެ ދިފާޢީ ވުޒާރާގެ ޢިމާރާތާ ދެ ކިލޯމީޓަރު ކައިރީގައި ހުރި އެހެން ޢިމާރާތަކަށެވެ. މޭ މަހުގެ ތެރޭގައި ވެސް މޮސްކޯއަށް ޑްރޯން ހަމަލަތަކެއް ދީފައިވާ ކަން ފާހަގަކުރެވެއެވެ. އެ ހަމަލަތައް އަމާޒުކޮށްފައި ވަނީ ރިޔާސީ ގަނޑުވަރު – ކްރެމްލިނަށެވެ. އެ ހަމަލާގައި ކްރެމްލިންގެ ޢިމާރާތެއްގެ ފުރާޅަށް ގެއްލުންވެފައިވާއިރު، އެ ހަމަލަތަކުގެ ފަހަތުގައި ވެސް އޮތީ ޔޫކްރެއިން ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ.