ވިޔަފާރި

އިމާރާތްކުރުމުގެ ސިނާއަތާއި ހޯލްސޭލް ރީޓެއިލް ދާއިރާއަށް ކުރިއެރުން


ރާއްޖޭގެ އިޤްތިޟާދުގައި ހިމެނޭ މައިގަނޑު ސިނާއަތްތަކުގެ ތެރެއިން 2 ވަނަ ކުއާޓަރގައި ކުރިއެރުން ހޯދާފައިވަނީ އިމާރާތްކުރުމުގެ ސިނާއަތާއި އަދި ހޯލްސޭލް ރީޓެއިލް ސިނާއަތްކަމަށް އެމްއެމްއޭގެ ރިޕޯޓަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން ނެރެފައިވާ ބިޒްނަސް ސާވޭ ރިޕޯޓުގައި 197 ކުންފުންޏަކުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އިމާރާތްކުރުމުގެ ސިނާއަތައް ބަލާއިރު ސަރވޭގައި ބައިވެރިވި %63 ކުންފުނިން ބުނެފައިވަނީ އިމާރާތްކުރުމުގެ ސިނާއަތުގެ ހަރަކާތްތައް އިތުރުވެފައިވާކަމަށެވެ. އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދުވެސް %57 އިތުރުވެފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އިމާރާތްކުރުމުގެ ސިނާއަތުގެ މަސައްކަތްތައް ޖެހިޖެހިގެން ތިން ކުއާޓަރުގައި މައްޗަށް ގޮސްފައިވާއިރު ކުރިއަށް އޮތް ކުއާޓަރުގައިވެސް އެ ދާއިރާ ކުރިއަށް ދާނެކަމަށް ލަފާކޮށްފައިވެއެވެ. މި ސިނާއަތް ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތުގެ ހަރަކާތްތަކާއި މުވައްޒަފުންގެ އަދަދު އިތުރުވެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވާނެތީއެވެ.

އިމާރާތްކުރުމުގެ ސިނާއަތުގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިވެސް 2 ވަނަ ކުއާޓަރގައި ވަނީ ކުރިއަރާފައެވެ. މި ދާއިރާގެ 90 ޕަސެންޓަށް ވުރެ ގިނަ ވިޔަފާރިތަކުން ރިޕޯޓުކުރީ ހަރަދުތައް ދަށްވެ، އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތުގެ އަގުތައް ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

އެމްއެމްއޭގެ ސާވޭގެ ރިޕޯޓުން ދައްކާގޮތުން ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ވަނީ މަޑުޖެހިފައެވެ. މީގެ މައިގަނޑު ސަބަބެއްކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ޓޫރިޒަމްގެ އޮފް ސީޒަނާ ދިމާވުމުން ފަތުރުވެރިން އައި އަދަދު މަދުވުމެވެ. އެހެންވެ، އެ މުއްދަތުގައި ފަތުރުވެރިކަމުގެ ދާއިރާ އިން އުފެދުނު ވަޒީފާގެ ފުރުސަތުތަކުގެ އަދަދުވެސް ވަނީ މަދުވެފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގެ 91 ޕަސެންޓު ވިޔަފާރިތަކުން ބުނެފައިވަނީ އާމްދަނީ އާއި ރޫމް ރޭޓުވެސް 2 ވަނަ ކުއާޓަރގައި ދަށްވެފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ކުރިއެރުން ވެސް ދެވަނަ ކުއާޓަރުގައި މަޑުޖެހިފައިވާ ކަމަށް ސާވޭ ރިޕޯޓުން ދައްކަ އެވެ. ނަމަވެސް، އެ ދެ ދާއިރާ އިން ވަޒީފާގެ ފުރުސަތުތައް އިތުރުވެފައި ވާއިރު، ކުރިއަށް އޮތް ކުއާޓަރުގައި ދާއިރާގެ ވިޔަފާރިތައް ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.