ޚަބަރު

ޗައިނާގެ ޚާރިޖީ ވަޒީރުގެ މަޤާމަށް އަނެއްކާ ވެސް ވޮންގް


ޗައިނާގެ ޚަރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ޗިން ގެންގް އެ މަޤާމުން ދުރުކޮށް، ކުރިން އެ މަޤާމު ފުރުއްވާފައިވާ ވޮންގް ޔީ އަލުން އެ މަޤާމަށް ޢައްޔަންކޮށްފިއެވެ. އެ މަޤާމަށް ވޮންގް އަލުން ޢައްޔަންކޮށްފައި މި ވަނީ، އެ މަޤާމުގައި ހުންނެވި ޗިން ޚާރިޖީ މައިދާނުން ނުފެންނަތާ މަހެއްހާ ދުވަސް ފަހުންނެވެ. ޗައިނާގެ ސަރުކާރުން ބުނީ ޗިން އާލާސްކަންފުޅާ އުޅުއްވާ ކަމުގައެވެ. އަދި، އެ ކަމާ ގުޅޭ ގޮތުން އިތުރު ތަފުސީލެއް ދީފައިއެއް ނުވެއެވެ.

ޗައިނާގެ ޚާރިޖިއްޔާގެ އިސްވެރިޔާގެ މަޤާމަށް ވޮންގް އަލުން ޢައްޔަން ކުރުމަކީ އެ ޤައުމާއި އެމެރިކާއާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުންތައް ރަނގަޅު ކުރަން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބޭނެ ކަމުގެ ހެޔޮ ފާލެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ސަބަބަކީ، ޚާރިޖީ ވަޒީރުގެ މަޤާމުގައި މީގެ ކުރިން ވޮންގް އެމެރިކާއާ އެކު ގާތް ގުޅުމެއް ބާއްވަވާފައި އޮތުމެވެ. އަދި، އޭނާއަކީ ޚާރިޖީ ދާއިރާއަށް އައު މޫނަކަށް ނުވުމެވެ. ޚާރިޖީ ވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ކުރިން ވޮންގް ހުންނެނީ ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ ޚާރިޖީ ސިޔާސަތާ ބެހޭ އިދާރާގެ ޑިރެކްޓަރު ކަމުގެ މަޤާމުގައެވެ.

ނަމަވެސް، އެމެރިކާ-ޗައިނާ ގުޅުންތައް ބަދަހިކުރަން ކުރަމުންދާ މަސައްކަތްތަކަށް ވޮންގާ އެކު ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލުނުކުރާ މީހުން ވެސް މަދެއް ނޫނެވެ. ޗިންއަކީ ރައީސް ޝީ ޖިންޕިންގްގެ ވަރަށް އަރިސް ބޭފުޅެކެވެ. ޚާރިޖީ ވަޒީރު ކަމުގެ މަޤާމުން ޗިން ވަކިކޮށްފައި މި ވަނީ ހަ މަސް ދުވަހަށް ފަހުއެވެ. އޭނާ އެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ ހުސްވި 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

ޗިން އެންމެ ފަހުން ޚާރިޖީ މައިދާނުން ފެނިފައި ވަނީ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ ވަނީ ޗައިނާއަށް ވަޑައިގެންނެވި ބޭރު ޤައުމެއްގެ ވަފުދެއްގެ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް، އެއަށްފަހު އޭނާ ފެނިފައެއް ނުވެއެވެ. އަދި، އެ ކަމާ ގުޅިގެން ބައިނަލްއަޤުވާމީ މައިދާނުގައި ކަންބޮޑުވުންތައް އުފެދި، ގިނަ ބަޔަކު އެ ކަމާ ސުވާލު އުފައްދަން ފެށިއެވެ.

ވޮންގަކީ ވަރަށް ތޫނުފިލި ބޭފުޅެއް ކަމުގައި ޚާރިޖީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އޭނާއަކީ ޗައިނާ ސަރުކާރުގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާޢީދުކުރައްވައި، އެ ސިޔާސަތުތައް ދިފާޢުކުރަން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ވޮންގާ އެކު ޗައިނާ-އެމެރިކާގެ ގުޅުން ބަދަހިކުރަން ފަސޭހަވެގެންދާނެ ކަމަށް އެމެރިކާއިން ވެސް ގަބޫލުކުރެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނުގެ ނައިބު ވިދާންތް ޕަޓޭލް ވިދާޅުވީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއާ ވޮންގް މީގެ ކުރިން ވެސް ބައްދަލު ކުރައްވާފައިވާ ކަމުގައެވެ.

ޚާރިޖީ ވަޒީރު ކަމުގެ މަޤާމަށް އަލުން ވޮންގް ޢައްޔަން ކުރުމުން އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުންތައް ހަރުދަނާ ކުރަން ޝީ ބޭނުންފުޅުވެ ވަޑައިގަންނަވާ މިންވަރު ދޭހަވާ ކަމަށް ވެސް މަސްރަޙު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. ސެޕްޓެންބަރު މަހު އިންޑިޔާގައި ބާއްވާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 އިޤުތިޞާދު ހިމެނޭ ގްރޫޕް އޮފް ޓުވެންޓީ (ޖީ20)ގެ ސަމިޓުގައި ޝީއާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައްދަލުކުރައްވާނެ ކަމަށް ބެލެއެވެ.