މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިޞާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްތައް 21 އަހަރަށް ކުއްޔަށް ދޫކުރެވޭނެ ގޮތަށް "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްރަކްޗާއިން އެކުލަވާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ މި ގަވާއިދަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ނުވަތަ އިންޑަސްޓްރިއަލް ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެއްކަމަށެއެވެ.
މި ގައިވާއިދުގައިވާ ގޮތުން އިޤްތިޞާދީ ނުވަތަ އިންޑަސްޓްރިއަލް ނޫން ބޭނުންތަކަށް ދޫކުރާ ފަޅު ރަށްތައް ދޫކުރެވެނީ ގިނަވެގެން 21 އަހަރަށެވެ. އެހެން ނަމަވެސް މުއްދަތު އިތުރުކުރަން ހުށަހަޅައިފި ހާލަތެއްގައި ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ކުލީގެ މުއްދަތު 50 އަހަރަށް އިިތުރުކުރެވެއެވެ. ހަމައެގޮތަށް ގަވާއިދުގައި އެކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ވާނަމަ ސަބްލީސްކުރުމާއި ރަށުގެ ލީސް ރަހުނުކުރެއެވެ.
އެހެންނަމަވެސް މުއްދަތު އިތުރުކުރާއިރު، އެރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުމާއި އަދި މަސައްކަތުގެ މަދުވެގެން 75 އިންސައްތަ ފުރިހަމަ ކޮށްފައިވޭތޯ ބަލަން ޖެހެއެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މިގަވާއިދު ހިނގާނީ ކަނޑައެޅިފައިވާ ދާއިރާތަަކަށް ނުފެތޭ ގޮތުން ދޫކުރާ ފަޅުރައްރަށުގެ މައްޗައްކަމަށެއެވެ. އެގޮތުން އެ ރަށްރަށަކީ ޤާނޫނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް، އިޤުތިޞާދީ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ދޫކުރެވޭ ފަޅުރަށްރަށް، އަދި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށެވެ.
މި ގަވާއިދުގައިވާ ގޮތުން ދޫކުރާ ރަށްތަކުގެ ތެރެއިން ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށްތަކުގެ ތެރެއިން ދޫކުރެވޭ ފަޅު ރަށްރަށް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ. ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށްތައް ކުއްޔަށް ދޫކުރަނީ އެ ރަށެއް ނިސްބަތްވާ ކައުންސިލުންނެވެ.
މި ޤާނޫނުގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފަށް ފަޅުރަށް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ރަށް ނުވަތަ ރަށުން ބައެއް ބޭނުންކޮށްފިކަމުގައި ވާނަމަ އެއްބަސްވުމުގައި އެކަމުގައި ކަނޑައަޅާފައިވާ ފިޔަވަޅުގެ އިތުރުން އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.
އޭގެ އިތުރުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އިންވެސްޓްމަންޓް ވިއްކާލައިފިނަމަ ނުވަތަ ދެވަނަ ފަރާތަކަށް ދޫކޮށްފިނަމަވެސް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.