ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ އެމްޓިސީސީއާ ހަވާލުކުރައްވައިގެންނެވެ.
4000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އިހަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު މިދިޔަ އަހަރު ފެށިނަމަވެސް، ގާތްގަނޑަކަށް 8 ހެކްޓަރުގެ ބިން ހިއްކާ ނިމުނުފަހުން ޑްރެޖަރު ހަލާކުވެގެން ވަނީ އެ މަސައްކަތް އޮތީ މެދުކެނޑިފައެވެ.
މި މަސައްކަތް ނުނިމި ލަސްވުމާއި ގުޅިގެން އެރަށު ކައުންސިލާއި ރައްޔިތުންގެ އޮތް ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވުމުގެ ގޮތުން ބެލްޖިއަމުން ބޮޑު ޖައްރާފާއެއް ގެނެސް ބިން ހިއްކުމުގެ މަސައްކަތް ފެށީ މި ހިނގާ ޖުލައިމަހު މަހުއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ނިންމާލާފައި މިވަނީ އެ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެެެވެ..
އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް އެމްޓިސީސީން ބުނެއެވެ.
ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން، ހިއްކި ސަރަހައްދުގެ ހިމާޔަތަށް 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެމްޓިސީސީން ބުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ %54 ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ %75 މަސައްކަތް ވަނީ މިހާރު ނިމިފައިވާކަމަށެވެ..
ދައުލަތުގެ ބަޖެޓުން 116.9 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ އިހަވަންދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ގެނުވާނެ މަޝްރޫއުއެއްކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މި މަޝްރޫއުގެ ސަބަބުން ވަޒީފާތައް އުފެއްދުމަށާއި އިގްތިސާދީ ހަރަކާތްތައް ފުޅާކުރާނެ ބިން ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ...