ޚަބަރު

ތުކްސުރީގައި ފިލިޕީންސުން މަރުވި މީހުންގެ ޢަދަދު 36އަށް


ބާރުގަދަ ތޫފާނެއް ކަމުގައިވާ ތުކްސުރީ ފިލިޕީންސްގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 36 އަށް އަރައިފިއެވެ. ފިލިޕީންސަށް ފަހު ތޫފާން ތުކްސުރީ ދަތުރުކޮށްފައި ވަނީ ތައިވާނާއި ޗައިނާގެ އިރުދެކުނުގައިވާ ސަރަޙައްދުތަކަށެވެ.

މި ތޫފާނުގައި ބާރު ވަޔާ އެކު ބޯކޮށް ވާރޭވެހެމުންދާ ކަމުގައި އެ ޤައުމުތަކުގެ މޫސުމާ ބެހޭ އިދާރާތަކުން ހާމަކުރެއެވެ. އަދި، ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. މިއީ 2016 ވަނަ އަހަރަށް ފަހު އެ ޤައުމުތަކަށް އަރާފައިވާ ދެވަނައަށް އެންމެ ބާރުގަދަ ތޫފާން ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ފިލިޕީންސްގައި މި ތޫފާނާ ގުޅިގެން މަރުވި މީހުންގެ ޢަދަދު 36 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 25 މީހުން މަރުވީ ވެރިރަށް މައިނީލާގެ އައްސޭރިފަށަށް ފެރީއެއް ބަންޑުންޖަހައިލުމާ ގުޅިގެންނެވެ. ފެރީ ބަންޑުން ޖަހައިލާފައި ވަނީ އާދަޔާ ޚިލާފަށް ވައި ބާރުވުމާ ގުޅިގެން ކަމަށް ފިލިޕީންސްގެ އޮފިޝަލުން ވިދާޅުވެއެވެ. މި ތޫފާނާ އެކު ގަޑިއަކު 187 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ތޫފާން ތުކްސުރީ މިހާރު ދަތުރުކުރަމުން ދަނީ ޗައިނާގެ އިރުދެކުނުގައިވާ ފުޖިއާން މަތިންނެވެ. މި ފަދަ ބާރުގަދަ ތޫފާނެއް އެ ސަރަޙައްދަށް އެންމެ ފަހުން އަރާފައި ވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު އުފެދުނު ތޫފާން މެރާންތީގެ ސަބަބުން ޗައިނާއިން 11 މީހުން މަރުވެ، ބޮޑެތި ޢުމްރާނީ ގެއްލުންތަކެއް ލިބުނެވެ. އަދި، ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކުރިއެވެ.

ތުކްސުރީގެ ސަބަބުން ޗައިނާގެ އިރުދެކުނުގައިވާ ބޮޑު ސަރަޙައްދަކަށް ބޯކޮށް ވާރޭވެހެމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ތޫފާނުގެ އަސަރު ކުރަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ޝިއާމެން، ޗިއަންޖޯ އަދި ޕޫޓިއެން ހިމެނޭއިރު އެ ސަރަޙައްދުތަކަށް ގަޑިއަކު 50 މިލިމީޓަރުގެ ވާރޭ ވެހެމުންދާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.

ފުޖިއާންގެ އައްސޭރިފަށުގައިވާ ގިނަ ސަރަޙައްދުތަކުގައި ސްކޫލްތަކާއި ވިޔަފާރިތަކާއި ކާރުޚާނާތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި، ޝިއާމެންގައި ފެންބޮޑުވާނެ ކަމުގެ އިންޒާރު ކޮށްފައިވާއިރު، ސިޗުވާނާއި ގުއޭޖޯގެ އިތުރުން ޔުންނާނާއި ޗޮންގްޗިންގް ސިޓީއަށް ވެސް ބޯކޮށް ވާރޭ ވެހެމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ތޫފާން ތުކްސުރީ އެރުމާ ގުޅިގެން ތައިވާނުގައި ވެސް ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި، ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކޮށްފައިވާއިރު، ތޫފާނުގެ ނުރައްކާ އޮތް ފަރުބަދަމަތީ ސަރަޙައްދުތަކުގައި ދިރިއުޅޭ 5,700 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ބައެއް ސަރަޙައްދުތަކުގައި ވަނީ ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާނެ ކަމުގެ އިންޒާރު ކޮށްފައެވެ.

މި ތޫފާނާ އެކު ތައިވާނުގައި ފެރީ ދަތުރުތައް މެދުކެނޑިފައިވާއިރު، 100 އަށްވުރެ ގިނަ ފްލައިޓު ވެސް ވަނީ ކެންސަލް ކޮށްފައެވެ. ތައިވާނުގެ އިރާއި ދެކުނުގެ ސަރަޙައްދުތަކުގައި ރޭލު ދަތުރުފަތުރުގެ ޚިދުމަތް ވެސް ވަނީ މެދުކަނޑައިލާފައެވެ. އެ ސަރަޙައްދުތަކަށް 700 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި ތައިވާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، 49,000 އަށްވުރެ ގިނަ ގޭބީސީން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.