މި ހިނގާ ޖުލައި މަހަކީ މިހާތަނަށް ކުރިމަތިވި އެންމެ ހޫނު ގަދަ މަސް ކަމަށާއި، މި މަހުގެ ތެރޭގައި ދުނިޔޭގެ ފިނިހޫނުމިން ރެކޯޑު މިންވަރަކަށް އުފުލިފައިވާ ކަމުގައި އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. މި ޖުލައި މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ވަނީ އާދަޔާ ޚިލާފަށް އުފުލިފައެވެ.
ގުތެރޭޝް މިހެން ވިދާޅުވެފައި މި ވަނީ، މި ހިނގާ ޖުލައި މަހުގެ ތެރޭގައި ރެކޯޑު މިންވަރަކަށް ފިނިހޫނުމިން އުފުލޭނެ ކަމަށް ބެލެވޭ ކަމުގައި ދުނިޔޭގެ މޫސުމާ ބެހޭ ޖަމުޢިއްޔާ – ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ)އާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ މޫސުމާ ބެހޭ އިދާރާ – ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސަރވިސްއިން ވެސް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
"މި ހިނގާ ޖުލައި މަސް ނުނިމެނީސް ވެސް އަޅުގަނޑުމެންނަށް އެނގިފައި މި ވަނީ ރެކޯޑު މިންވަރަކަށް ފިނިހޫނުމިން އުފުލިފައިވާ ކަން. 2023 ޖުލައި އަކީ ފިނިހޫނުމިން އުފުލުމުގެ ކުރީގެ ރެކޯޑުތައް މުގުރައިލާނެ މަހެއް. މޫސުމީ ބަދަލުތައް އައިސް އަޅުގަނޑުމެންނާ ބައްދަލުކޮށްފި. މިއީ ބިރުވެރިކަމެއް. އަދި، މިއީ މި ބިރުވެރިކަމުގެ ފެށުން. މިއަދު ފެނިގެން މިދަނީ މުޅި ދުނިޔެ ކެކެމުންދާ ތަން،" ގުތެރޭޝް ވިދާޅުވިއެވެ.
އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން ދުނިޔޭގެ ބައެއް ހިސާބުތަކަށް ހޫނުގެ ތޫފާންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެ ދަނީ އަނދަމުންނެވެ. އޭގެ ތެރެއިން އެއް ޤައުމަކީ ގްރީސެވެ. ގްރީސްގެ ރަށެއް ކަމުގައިވާ ރޯޑްސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާއިރު، ބޮޑު ސަރަޙައްދެއް މިހާރު ވެސް ވަނީ އަނދާފައެވެ. އެމެރިކާގެ ކެލިފޯނިޔާގެ ޖަންގަލިތަކުގައި ވެސް ވަނީ ރޯވެފައެވެ.
މީގެ އިތުރުން ކެނެޑާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ވެސް މުޅިން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އަދި، ހޫނުގެ ތޫފާނާ ކުރިމަތިލާންޖެހިފައިވާ ވިލާތުގެ ޤައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި، ސްޕެއިން އަދި ޖަރުމަނުވިލާތާއި ޕޮލެންޑު ހިމެނެއެވެ. ނަމަވެސް، އޭޝިޔާގެ ބައެއް ސަރަޙައްދުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. މި ކަމާ ގުޅިގެން ފެންބޮޑުވުމާ ކުރިމަތިވެފައިވާ ބައެއް ޤައުމުތަކުގެ ތެރޭގައި ދެކުނު ކޮރެޔާ، ޖަޕާން، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.
ވިލާތުގެ ގިނަ ޤައުތަކުގެ އިތުރުން އޭޝިޔާގެ ބައެއް ސަރަޙައްދުތަކާއި އެމެރިކާގެ ބޮޑު ސަރަޙައްދަކަށް ވަނީ ހޫނުގެ ތޫފާނަކާ ކުރިމަތިވެފައެވެ. ޗައިނާގެ ހުޅަނގުއުތުރުގައިވާ ސަރަޙައްދުތަކުގައި ފިނިހޫނުމިން 52.2 ޑިގްރީ ސެލްސިއެސްއަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.
2019 ވަނަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު މި އަހަރުގެ ޖުލައި މަހުގެ ފިނިހޫނުމިން އެވްރެޖުކޮށް 0.2 ޑިގްރީ ސެލްސިއެސްއިން އުފުލިފައިވާ ކަމުގައި އީ.ޔޫއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. 2019 ވަނަ އަހަރުގެ ޖުލައި މަހަކީ ރެކޯޑުތައް ބަލަހައްޓަމުންދާތާ 174 އަހަރުގެ ތެރޭގައި މިހާތަނަށް ފިނިހޫނުމިން އެންމެ ބޮޑަށް އުފުލުނު މަހެވެ.
މި ހިނގާ ޖުލައި މަހުގެ ފުރަތަމަ ތިން ހަފުތާގެ ތެރޭގައި ވެސް ރެކޯޑު މިންވަރަކަށް ފިނިހޫނުމިން އުފުލިފައިވާ ކަމުގައި ޑަބްލިޔު.އެމް.އޯއިން ބުނެއެވެ. ތެޔޮ އަންދާ މިންވަރު ކޮންޓްރޯލް ނުކުރާ ނަމަ ކުރިއަށް އޮތް ތަނުގައި ވެސް ދުނިޔޭގެ ފިނިހޫނުމިން ރެކޯޑު މިންވަރަކަށް އުފުލިގެންދާނެ ކަމުގައި އެމެރިކާގެ ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިޔާގެ މޫސުމާ ބެހޭ ސައިންޓިސްޓެއް ކަމުގައިވާ މައިކަލް މޭން ވިދާޅުވިއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ޢާންމު ގޮތެއްގައި ޖުލައި މަހުގެ އެވުރެޖު ފިނިހޫނުމިނަކީ 16 ޑިގްރީ ސެލްސިއެސް ނުވަތަ 61 ޑިގްރީ ފެރެންހައިޓެވެ. ނަމަވެސް، މި ހިނގާ ޖުލައި މަހު ދުނިޔޭގެ އެވުރެޖު ފިނިހޫނުމިން 17 ޑިގްރީ ސެލްސިއެސްއަށް ނުވަތަ 63 ޑިގްރީ ފެރެންހައިޓަށް އުފުލިފައިވާ ކަމުގައި ތަފާސްހިސާބުތަކުން ދައްކައެވެ. މި ހިނގާ 2023 ނުވަތަ ކުރިއަށް އޮތް 2024 ވަނަ އަހަރަކީ ރެކޯޑު މިންވަރަކަށް ފިނިހޫނުމިން އުފުލޭނެ އަހަރެއް ކަމުގައި ވެސް ސައިންސްވެރިން ބުނެއެވެ.