އެމެރިކާއިން 345 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އަސްކަރީ އެހީގެ ޕެކޭޖެއް ތައިވާނަށް ފޮނުވަން ނިންމައި އެ ކަން އިޢުލާނުކޮށްފިއެވެ. ތައިވާނަކީ ޗައިނާގެ ސަރަޙައްދެއް ކަމަށް ޗައިނާއިން ދެކޭއިރު، އެމެރިކާއިން ތައިވާނަށް އިތުރު ހަތިޔާރުތަކެއް ފޯރުކޮށްދިނުމަކީ ޗައިނާއިން ނުރުހޭނެ ކަމެކެވެ.
ތައިވާނަށް އަސްކަރީ އެހީގެ ޕެކޭޖެއް ފޯރުކޮށްދޭން އެމެރިކާއިން ނިންމާފައިވީ ނަމަވެސް އެ ޕެކޭޖުގެ ދަށުން ފޯރުކޮށްދޭނީ ކޮން ކަހަލަ ހަތިޔާރުތަކެއް ކަން ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގެ ކޮންގްރެސްއިން ވަނީ "ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީ"ގެ ބާރުގެ ދަށުން 1 ބިލިޔަން ޑޮލަރުގެ އަގުހުރި އަސްކަރީ އެހީގެ ސާމާނު ތައިވާނަށް ފޯރުކޮށްދިނުމުގެ ހުއްދަ ބައިޑަންއަށް ދީފައެވެ.
ތައިވާނުގެ ސިޔާދަތީ ބާރުވެރި ފަރާތަކީ ޗައިނާ ކަމުގައި ޗައިނާއިން ބުނި ނަމަވެސް މިއީ އެމެރިކާގެ ކޮންގްރެސްއިން ގަބޫލުކުރާ ވާހަކައެއް ނޫނެވެ. އަދި، ޗައިނާއާއި އެމެރިކާއާ ދެމެދު މި ވަގުތު ޚިޔާލުތަފާތުވުން އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައެވެ.
ޗައިނާގެ ނުރުހުމަށް ބީރު ކަންފަތެއް ދިނުމަށް ފަހު އެމެރިކާއިން ދަނީ ތައިވާނާ ގާތް ގުޅުންތަކެއް ބާއްވަމުންނެވެ. ތައިވާނަށް އަސްކަރީ އެހީގެ އައު ޕެކޭޖެއް ފޮނުވަން ނިންމާފައިވާއިރު، މިއީ ޗައިނާއިން ދެކޮޅު ކަމެކެވެ. ނަމަވެސް، ތައިވާނާ އެކު އަސްކަރީ ގޮތުން އެންމެ ގާތް ގުޅުމެއް ބާއްވަމުން ދަނީ އެމެރިކާއިންނެވެ.
މި ފަހަރު އެމެރިކާއިން ތައިވާނަށް ފޯރުކޮށްދޭން ނިންމާފައިވާ އަސްކަރީ ހަތިޔާރުގެ ތެރޭގައި "އެމް.ޔިޔު-9އޭ" މަރުކާގެ ހަތަރު ޑްރޯން ހިމެނޭ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އެމެރިކާއިން މި ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ތައިވާނަށް އަސްކަރީ އެހީގެ އައު ޕެކޭޖެއް ފޮނުވަން އެމެރިކާއިން ނިންމުމާ ގުޅިގެން ތައިވާނުގެ ދިފާޢީ ވުޒާރާއިން ވަނީ އެމެރިކާއަށް ޝުކުރު އަދާކޮށްފައެވެ.
ތައިވާނުން މީގެ ކުރިން ވެސް ވަނީ އެމެރިކާގައި އުފައްދާ "އެމް.ކިޔު-9ބީ ސީގާޑިއަން" މަރުކާގެ ހަތަރު ޑްރޯން ގަތުމަށް ނިންމާފައެވެ. އެމެރިކާގެ ޖެނެރަލް އެޓޮމިކްސް ކުންފުނިން އުފައްދާ އެ ޑްރޯންތައް ތައިވާނަށް ފޯރުކޮށްދެވޭނެ ކަމަށް ބެލެވެނީ 2025 ވަނަ އަހަރުއެވެ.
ހުސްވި އަހަރު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކުރީގެ ރައީސާ ނެންސީ ޕެލޯސީ ތައިވާނަށް ދަތުރުފުޅެއް ކުރެއްވުމާ ގުޅިގެން ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ހީނަރުވިއެވެ. އަދި، އެ ކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ޗައިނާގެ އަސްކަރިއްޔާއިން ވަނީ ތައިވާން ވަށައިގެންވާ ވަޔާއި ކަނޑުގެ ސަރަޙައްދުތަކުގައި އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ.
އެއަށް ފަހު މަސްރަޙު އިތުރަށް ހޫނުވީ ތައިވާނުގެ ރައީސް ޓައި އިންގް-ވެން އެމެރިކާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ. އެ ފަހަރު ވެސް ޗައިނާއިން ވަނީ ތައިވާން ވަށައިލައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ.