ޔޫކްރެއިންގެ އިރުމަތީގައިވާ ދްނިޔަޕަރަށް ރަޝިޔާގެ އަސްކަރިއްޔާއިން ދިން ވަރުގަދަ މިސައިލް ހަމަލަތަކެއްގައި ޢާންމުންގެ ނުވަ މީހުން ޒަޚަމުވެއްޖެއެވެ. ރަޝިޔާގެ މިސައިލް ހަމަލަތަކުގައި ގެއްލުން ލިބިފައި ވަނީ ދްނިޔިޕަރުގައި ޢާންމުން ދިރިއުޅޭ ދެ އެޕާޓްމަންޓް ޢިމާރާތަށެވެ.
މި ހަމަލާގައި ޒަޚަމުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމުގައި ދްނިޔަޕަރުގެ އޮފިޝަލުން ވިދާޅުވެއެވެ. އެއީ 14 އަހަރާއި 17 އަހަރުގެ ދެ ކުދިން ކަމުގައި ދްނިޔަޕަރް ސަރަޙައްދުގެ ގަވަރުނަރު ސަރްގިޔޭ ލިއްސަކް ވިދާޅުވިއެވެ. މި ހާދިސާގައި ޒަޚަމުވި މީހުންނަށް ފަރުވާދެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާގައި ޢާންމުން ދިރިއުޅޭ ޢިމާރާތެއްގެ އެންމެ މަތީ ފަންގިފިލައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޔޫކްރެއިންގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ އަދާރާ (އެސް.ބީ.ޔޫ)ގެ ޢިމާރާތަކަށް ވެސް ރަޝިޔާގެ މިސައިލް ހަމަލައެއް އަރާފައިވާ ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ. މިއީ، ޔޫކްރެއިންގެ ޢާންމު ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ރަޝިޔާއިން ދީފައިވާ ހަމަލަތަކެއް ކަމުގައި ޒެލެންސްކީ ސިފަކުރެއްވިއެވެ.
ރަޝިޔާއިން ދްނިޕިޔަރަށް ވަރުގަދަ މިސައިލް ހަމަލަތަކެއް ދީފައި މި ވަނީ، ޒެލެންސްކީ ހަނގުރާމައިގެ ކުރީ ސަފަށް ޒިޔާރަތް ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައެވެ. ޒެލެންސްކީ ޒިޔާރަތް ކުރައްވާފައި ވަނީ ޔޫކްރެއިނުގެ އިރުމަތީގައިވާ ހަނގުރާމައިގެ ކުރީ ސަފުގެ ރަށެއް ކަމުގައިވާ ބަޚްމުތަށެވެ. އެއީ، 10 ވަރަކަށް މަހަށް ކުރިއަށްދިޔަ ދިގު އަސްކަރީ ކެމްޕޭނަކަށް ފަހު ރަޝިޔާއިން އަތްގަދަކޮށްފައިވާ ރަށެކެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައި އަތްގަދަކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިންގެ ފައުޖުތަކުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. މި ކެމްޕޭނުގެ ދަށުން އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ބަޚްމުތް ހިމެނެއެވެ. އަދި، ޔޫކްރެއިންގެ ދެކުނުގައިވާ ޒަޕޮރީޜީޔާއާއި އެ ރަށް ވަށައިގެންވާ ސަރަޙައްދުތައް ހިމެނެއެވެ.
ބަޚްމުތަށް ކުރެއްވި ދަތުރުފުޅުގައި ޒެލެންސްކީ ވަނީ ޔޫކްރެއިންގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތްކޮށް، އެ ޤައުމަށް އަރާފައިވާ ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފައުޖުތަކާ ބައްދަލު ކުރައްވާފައެވެ. އެ ފައުޖުތަކާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިން ވަނީ އެއީ ޤައުމީ ބަޠަލުންތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި، ޔޫކްރެއިންގެ ރައްޔިތުންގެ ހައްޤުގައި ކުރަމުންދާ ހަނގުރާމައަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
އޭނާގެ ދަތުރުފުޅާ ދިމާކޮށް ރަޝިޔާއިން ދްނިޔިޕަރަށް ދީފައިވާ ހަމަލާތަކާ ގުޅޭ ގޮތުން އެ ރަށުގެ މޭޔަރު ބޮރިސް ފިލަތޮފް އެސް.ބީ.ޔޫގެ ޢިމާރާތަށް މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ރަޝިޔާގެ ހަމަލަތައް އަމާޒުކޮށްފައިވާ ކަމުގައެވެ. ނަމަވެސް، އެންމެ ފަހުގެ ހަމަލަތައް ދިން ވަގުތު އެ ޢިމާރާތް ހުރީ ހުސްކޮށް ކަމަށާއި، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
މި ހަމަލަތަކުގެ ރައްދުގައި ޔޫކްރެއިނުން ވެސް ވަނީ ރަޝިޔާގެ ރަށްތަކަށް މިސައިލް ހަމަލަތަކެއް ދީފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޤައުމުގެ ދެކުނުގައިވާ ރަސްތޮފަށް ޔޫކްރެއިނުން ދިން ދެ މިސައިލް ހަމަލައެއް ދިފާޢުކޮށްފައިވާ ކަމުގައެވެ. ނަމަވެސް، މިސައިލްގެ ބައިތައް ވެއްޓި، ބަނދަރުމަތީ ރަށެއް ކަމުގައިވާ ތަގާންރޯކްގައި 15 މީހުން ޒަޚަމުވި ކަމުގައި އެ ވުޒާރާއިން ބުންޏެވެ.
"އެސް-200" މަރުކާގެ މިސައިލް ހަމަލަތައް އަމާޒުކޮށްފައި ވަނީ 250,000 މީހުންގެ އާބާދީ އޮންނަ ރަސްތޮފުގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ކަމުގައި ވެސް ރަޝިޔާއިން ތުހުމަތު ކުރެއެވެ. ރަސްތޮފްގެ ގަވަރުނަރު ވަސީލީ ގޮލުބިޔެފް ވިދާޅުވީ އެ ރަށް ކައިރީގައި އޮންނަ އަޒޯފަށް ވެސް ޔޫކްރެއިނުން މިސައިލް ހަމަލަތަކެއް ދީފައިވާ ކަމުގައެވެ. އަދި، އެ ހަމަލަތައް ވެސް ރަޝިޔާގެ އަސްކަރިއްޔާއިން ދިފާޢުކޮށްފައިވާ ކަމުގައެވެ.