ޚަބަރު

ޕާކިސްތާނުގައި ބޮމެއް ގޮއްވައިލާ 40 މީހުން މަރައިލައިފި


ޕާކިސްތާނުގެ ހުޅަނގުއުތުރުގައިވާ ޚައިބަރް ޕަޚްތުންޚްވާ ޕުރޮވިންސުގައި ބޮމެއް ގޮއްވައިލާ 40 މީހުން މަރައިލައިފިއެވެ. ސިޔާސީ ކެމްޕޭން ހަރަކާތެއްގެ ބައިވެރިންނަށް އަމާޒުކޮށް ދިން މި ހަމަލާގައި 130 މީހުން ޒަޚަމުވިއެވެ. މި ހަމަލާ ދީފައި ވަނީ ޚައިބަރް ޕަޚްތުންޚްވާގެ ބާޖޫރް ކިޔާ ރަށެއްގައެވެ.

ބާޖޫރަކީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށެކެވެ. ހަމަލަ އަމާޒުކޮށްފައި ވަނީ ސިޔާސީ ޕާޓީއެއް ކަމުގައިވާ ޖަމުޢިއްޔަތު އުލެމާ އިސްލާމް-ފަޒްލް (ޖޭ-ޔޫ.އައި-އެފު)ން އިންތިޒާމުކޮށްގެން ބޭއްވި ކެމްޕޭން ހަރަކާތަކަށެވެ. މިއީ މީހަކު އަމިއްލައަށް ފުރާނަ ނަގައިލައިގެން ދީފައިވާ ހަމަލާއެއް ކަމުގައި ޚައިބަރް ޕަޚްތުންޚްވާގެ ފުލުހުންގެ އިސްވެރިޔާ އަޚްތަރް ހަޔާތު ވިދާޅުވިއެވެ.

މި ހަމަލައާ ގުޅިގެން ބާޖޫރާއި އެ ސަރަޙައްދުގައި އޮންނަ އެހެން ރަށްތަކުގައި މިހާރު ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައެވެ. އެ ސަރަޙައްދުގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ނަޒީރު ޚާން ވިދާޅުވީ، މި ހާދިސާގައި ޒަޚަމުވި މީހުން ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމުގައެވެ. އަދި، ބައެއް މީހުން އަސްކަރީ ހެލިކޮޕްޓަރުތަކުގައި ޕިޝާވަރުގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހުސްވި 2022 ވަނަ އަހަރަށް ފަހު ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދޭ މި ފަދަ ހަމަލަތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ. ހަމަލަތައް އިތުރުވެފައި ވަނީ، ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ތަހްރީކް ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)އާއި ސަރުކާރާ ދެމެދު ހަމަލަ ބަދަލުކުރުން ހުއްޓައިލުމަށް ހަދާފައިވާ އެއްބަސްވުން އެ ޖަމާޢަތުން އުވައިލި ހިސާބުންނެވެ.

މީގެ ކުރިން ދީފައިވާ މި ފަދަ ގިނަ ހަމަލަތައް އަމާޒުކޮށްފައި ވަނީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާއި އަސްކަރީ އަދި ފުލުހުންގެ މަރުކަޒުތަކަށެވެ. އަދި، މިއީ ސިޔާސީ ހަރަކާތެއްގެ ބައިވެރިންނަށް އަމާޒުކޮށް ފަހުގެ ތާރީޚެއްގައި މި ފަދަ ހަމަލައެއް ދީފައިވާ ފުރަތަމަ ފަހަރު ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޓީ.ޓީ.ޕީއަކީ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތަށް ވާގިވެރިވާ ޖަމާޢަތެކެވެ. އަދި، އަފްޣާނިސްތާނުގެ ޠާލިބާނުން އެ ޖަމާޢަތުގެ މެންބަރުންނަށް ހިމާޔަތް ދެމުންދާ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރެއެވެ. ޠާލިބާނުން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ. އަދި، އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވަނީ ބާޖޫރުގައި ދީފައިވާ ހަމަލަ ކުށްވެރިކޮށްފައެވެ.

ޚައިބަރް ޕަޚްތުންޚްވާއަކީ ޓީ.ޓީ.ޕީގެ އިތުރުން ހަތިޔާރު އެޅި އެހެން ޖަމާޢަތްތައް ވެސް ހަރަކާތްތެރިވާ ސަރަޙައްދެކެވެ. މީގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައި.އެސް) ޖަމާޢަތް ވެސް ހިމެނެއެވެ. ބާޖޫރުގައި ދީފައިވާ ބޮމުގެ ހަމަލަ އަމާޒުކޮށްފައިވާ ޖޭ.ޔޫ.އައި-އެފް ޕާޓީއަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް ކަން ފާހަގަކުރެވެއެވެ. ބާޖޫރުގައި ބޮމުގެ ހަމަލައެއް ދީފައި މި ވަނީ އަންނަ ނޮވެންބަރު މަހު އެ ޤައުމުގެ ޢާންމު އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.