ލުބުނާނުގެ ދެކުނުގައިވާ ޞައިދާގައި އޮންނަ ރެފިއުޖީ ކޭމްޕެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި ފަލަސްޠީނުގެ ހަ މީހުން މަރުވެއްޖެއެވެ. ހަމަނުޖެހުންތައް ހިނގާފައި ވަނީ ޢައިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕުގައެވެ. އެއީ، ލުބުނާނުގައި އޮންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ. އެ ތަނުގައި 63,000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރެފިއުޖީން ދިރިއުޅޭ ކަމުގައި އ.ދއިން ބުނާއިރު، އެ ޢަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ޢައިން އަލް-ޙުލްވާގައި ހަމަނުޖެހުންތައް ހިނގާފައި ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ފަތަޙް ޖަމާޢަތާއި، އެ ޖަމާޢާތަކާ ދެކޮޅު އެހެން ޖަމާޢަތްތަކުގެ މެންބަރުންގެ މެދުގައެވެ. 1948 ވަނަ އަހަރު ގާއިމުކޮށްފައިވާ ޢައިން އަލް-ޙުލްވާގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރޭގައި ފަތަޙް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ހިމެނޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޞައިދާގެ ރަށްބޭރުގައި އޮންނަ ޢައިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕަކީ ލުބުނާނުގެ ސަލާމަތާއި އަމަން ބަލަހައްޓާ ބާރުތަކުގެ އިހުތިސާސްގައި ހިމެނޭ ތަނެއް ނޫނެވެ. އެހެންކަމުން އެ ތަނުގެ އަމަން ބެލެހެއްޓުމުގެ ޒިންމާތައް އަދާކުރަނީ ފަލަސްޠީނުގެ ޖަމާޢަތްތަކުންނެވެ. މި ކަމުގެ ތެރޭގައި މީގެ ކުރިން ވެސް ދެކޮޅުވެރި ޖަމާޢަތްތަކުގެ މެންބަރުންގެ މެދުގައި ހަމަނުޖެހުންތައް ހިނގާފައިވެއެވެ.
އަލް-ޙުލްވާ ރެފިއުޖީ ކޭމްޕުގައި ހަމަނުޖެހުންތަކެއް ފެށުނީ އަލް-ޝަބާބް އަލް-މުސްލިމް ޖަމާޢަތަށް ނިސްބަތްވާ އިސް މީހަކު މަރައިލުމާ ގުޅިގެންނެވެ. އޭނާ މަރައިލުމަށް ދިން ހަމަލާގައި އެ ޖަމާޢަތުގެ އިތުރު ހަ މީހަކު ޒަޚަމުވި ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ކަމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި މަރުވެފައި ވަނީ ފަތަޙް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ އަޝްރަފް އަލް-ޢަރޫޝީއެވެ. ފަތަޙް ޖަމާޢަތުން ވަނީ އޭނާގެ މަރާ ގުޅިގެން ނުރުހުން ފާޅުކޮށް، އޭނާއަށް ދީފައިވާ ހަމަލާ ކުށްވެރިކޮށްފައެވެ.
ރެފިއުޖީ ކޭމްޕުގައި ހިނގި ހަމަނުޖެހުންތަކުގައި ލުބުނާނުގެ އަސްކަރިއްޔާގެ ސިފައިންގެ ބަޔަކު ޒަޚަމުވި ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ. ލުބުނާނުގައި ތިބޭ ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އ.ދގެ އިދާރާ – ޔޫ.އެން އޭޖެންސީ ފޯރ ޕަލެސްޓީނިއަން ރެފިޔުޖީން އިން ލެބެނަން (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)ގެ ޑިރެކްޓަރ ޑޮރޮތީ ކްރައުސް ވިދާޅުވީ ކޭމްޕުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ އިދާރާގެ މަސައްކަތްތަކަށް ހުރަސް އެޅުނު ކަމަށާއި، ވަގުތީ ގޮތުން ޚިދުމަތްތައް މެދުކަނޑައިލަން ޖެހުނު ކަމުގައެވެ.
ޔޫ.އެން.އާރް.ޑަބްލިޔު.އޭގައި ރަޖިސްޓްރީ ކޮށްފައިވާ 479,000 އަށްވުރެ ގިނަ ރެފިއުޖީން ލުބުނާނުގައި ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން ދަނީ ޤައުމުގައި އޮންނަ 12 ރެފިއުޖީ ކޭމްޕެއްގައެވެ. އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ޔޫ.އެން.އާރް.ޑަބްލިޔު.އޭއިން ބުނެއެވެ.