ސްވިޑެންގެ ވެރިރަށް ސްޓޮހޯމްގައި ހުންނަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް ޢިމާރާތުގެ ކުރިމަތީގައި ބޭއްވި އެއްވުމެއްގައި އަނެއްކާ ވެސް ކީރިތި ޤުރުއާނުގެ މުޞްޙަފެއްގެ ހުރުމަތް ކެނޑުމުގެ ގޮތުން މުޞްޙަފުގައި ހުޅުޖަހައިފިއެވެ. މި ހަޑި މުޑުދާރު އަމަލު ހިންގާފައި ވަނީ އިރާޤުން ސްވިޑެނަށް ހިޖުރަކޮށްފައިވާ ހައްދުފަހަނަ އެޅި ދެ މީހުން ކަމުގައިވާ ސުލްވާން މޫމީކާއި ސުލްވާން ނަޖުމެވެ.
ޖޫން މަހު ވެސް އެ ދެ މީހުން ވަނީ ސްޓޮކްހޯމްގެ ހުންނަ މައި މިސްކިތުގެ ކުރިމަތީގައި މުޞްޙަފެއްގެ ހުރުމަތް ކަނޑާފައެވެ. އަދި، ޖުލައި މަހުގެ 20 ވަނަ ދުވަހު ވެސް އެ ފަދަ އަމަލެއް ތަކުރާރު ކޮށްފައެވެ. އެ އަމަލުތަކާ ގުޅިގެން މުޅި މުސްލިމް އުންމަތުގެ ނުރުހުމާއި ފާޑުކިޔުންތައް ސްވިޑެނަށް އަމާޒުވިއެވެ. އަދި، ސްވިޑެންގެ ސަރުކާރާ ދެކޮޅަށް ގިނަ ޤައުމުތަކެއްގައި މުޒާހަރާ ކުރިއެވެ. މީގެ ތެރެއިން އިރާޤުގެ ވެރިރަށް ބަޣުދާދުގައި ކުރި މުޒާހަރާގައި އެ ރަށުގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ގެއްލުންދީފައިވެއެވެ. މި ކަމާ ގުޅިގެން ސްވިޑެނާއި ބައެއް މުސްލިމް ޤައުމުތަކާ ދެމެދު އޮތް ޚާރިޖީ ގުޅުންތައް ވަނީ ހީނަރުވެފައެވެ.
މުމީކާއި ނަޖުމު މި ހަޑި މުޑުދާރު އަމަލުތައް ހިންގާފައި ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ދަށުން ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުންނެވެ. އެ ދެ މީހުން ބުނީ، މުޞްޙަފުގެ ހުރުމަތް ކެނޑުމާއި، ކީރިތި ޤުރުއާނާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ބޭނުމަކީ ސްވިޑެންގައި ކީރިތި ޤުރުއާން މަނާ ކުރަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ބާރު އެޅުން ކަމުގައެވެ.
މުމީކާއި ނަޖުމުގެ މުޞްޙަފުގެ ހުރުމަތް ކެނޑުމަށް ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީސް ކުރިމަތީގައި ބޭއްވި ހަރަކާތާ ދެކޮޅަށް ވެސް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އަޑުއުފުލާފައެވެ. އަދި، ކީރިތި ޤުރުއާނުގެ މުޞްޙަފުތައް ހިފައިގެން ތިބި މީހުން ވަނީ މުޞްޙަފުގެ ހުރުމަތް ކެނޑުމުގެ އަމަލު ނުހިންގުމަށް އެ ދެ މީހުންނަށް ގޮވައިލާފައެވެ. ނަމަވެސް، މުމީކާއި ނަޖުމު އެ މީހުންނަށް ފުރައްސާރަކޮށްފައިވީ ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމުގައި ސްވިޑެންގެ ފުލުހުން ބުނެއެވެ.
ސްވިޑެންގައި އަނެއްކާ ވެސް މުޞްޙަފެއްގެ ހުރުމަތް ކެނޑުމުގެ ފުރުޞަތު ފަހިކޮށްދިނުމާ ގުޅިގެން މުސްލިމް އުންމަތުން ދަނީ އެ އަމަލު ކުށްވެރިކުރަމުންނެވެ. އަދި، އެ ކަމާ މެދު ނުރުހުން ފާޅު ކުރަމުންނެވެ. އިރާޤުގެ ބޮޑުވަޒީރާއި ރައީސް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވެސް ވަނީ ސްވިޑެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސްވިޑެންގައި މުޞްޙަފުގެ ހުރުމަތް ކެނޑުމާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯ.އައި.ސީ)ން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، އެ އަމަލު ހިންގުމުގެ ފުރުޞަތު ސްވިޑެންގެ ސަރުކާރުން ދޭތީ އެ ކަމާ ކަންބޮޑުވުމާއި ހިތާމަ ފާޅުކޮށްފައެވެ. އަދި، 57 މެންބަރު ޤައުމު ހިމެނޭ އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން އިބްރާހީމް ޠާހާ ވަނީ އެ ފަދަ އަމަލުތައް ހިންގުމުގެ ފުރުޞަތު ދިނުން ހުއްޓައިލުމަށް ސްވިޑެނާއި ޑެންމާކު ސަރުކާރަށް ގޮވައިލައްވާފައެވެ.
"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ނަމުގައި މި ފަދަ އަމަލުތައް ހިންގަމުންދާތީ، އަދި މި ފަދަ އަމަލުތައް ހިންގުމުގެ ފުރުޞަތު ދޭތީ ހިތާމަ ކުރަން. މިއީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަން ދެނެތިބެ އެ ފުރުޞަތު ދޭތީ ހިތާމަ ކުރަން. އެއީ ދީނަށް އިޙުތިރާމު ކުޑަ ކުރުމުގެ އަމަލުތަކެއް،" ޙުސައިން ވިދާޅުވިއެވެ.
އޯ.އައި.ސީގެ ބައްދަލުވުން ފެށުމުގެ ކުރިން ސްވިޑެންގެ ޚާރިޖީ ވަޒީރު ތޮބިއްޔަސް ބިލްސްޓަމް ވަނީ އެ އިއްތިހާދުގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަދި، މުޒާހަރާތަކާއި އެއްވުންތައް ބޭއްވުމަށް ހުއްދަ ދިނުމުގައި އެ ޤައުމުން ގެންގުޅޭ ސިޔާސަތުތައް ވިދާޅުވެ ދެއްވާފައެވެ. އޭގެ ފަހުން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވީ މުޒާހަރާތަކާއި އެއްވުންތައް ބޭއްވުމުގެ ހުއްދަ ދިނުމަކީ އެ ޤައުމުގެ ފުލުހުންގެ އިހުތިސާސްގައި ހިމެނޭ ކަމެއް ކަމުގައެވެ.
ސްވިޑެންގައި މުޞްޙަފެއްގެ ހުރުމަތް ކަނޑާފައި މި ވަނީ، އެ ފަދަ އަމަލުތައް ތަކުރާރު ކުރުން ހުއްޓުވަން ޤާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް ދިރާސާ ކުރަމުންދާ ކަމުގައި ޑެންމާކުގެ ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން ޑެންމާކުގައި ވެސް އެ ފަދަ އަމަލުތައް ހިންގާފައިވާ ކަން ފާހަގަކުރެވެއެވެ.