ޚަބަރު

ސްޕެޝަލައިޒްވުމުގެ ސްކޮލަރޝިޕް 7 ޑޮކްޓަރަކަށް ދީފި


  • ސްޕެޝަލައިޒްވުމުގެ ސްކޮލަރޝިޕް ފުރުޞަތު 7 ޑޮކްޓަރުންނަށް ވަނީ ދީފައި

  • ހުރިޚާ ޚަރަދެއް ބަލަހައްޓަވާނީ ސަރުކާރުން

  • ސްކޮލަރޝިޕްގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ސްޕެޝަލައިޒް ޚިދުމަތް ފުޅާކުން

ހުރިހާ ޚަރަދެއް ސަރުކާރުން ބަލަހައްޓަވާގޮތަށް ޑޮކްޓަރުން ސްޕެޝަލައިލްވުމަށް ހުޅުވާލެއްވި ސްކޮލަރޝިޕް ލިބިވަޑައިގަންނަވާ 7 ޑޮކްޓަރުންގެ ވަގުތީ ލިސްޓް ނެރުއްވައިފިއެވެ.

މިއީ މިއަހަރުގެ އޭޕްރިލްމަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ހުޅުވާލެއްވި ފުރުޞަތެކެވެ.

މި ސްކޮލަރޝިޕް ލިބުނު ޑޮކްޓަރުންގެ ދާއިމީ ލިސްޓު އިޢުލާންކުރައްވާނީ، ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތަށްފަހު މިމަހުގެ 10 ވަނަ ދުވަހުއެވެ.

މި ސްކޮލަރޝިޕް ދީފައިވާ ދާއިރާތަކުގެ ތެރޭގައި އެނެސްތީއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާޖަރީ، ޕީޑިއޭޓްރިކް، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނަކޮލޮޖީ އަދި ޖެނެރަލް ސަރޖަރީ ހިމެނެއެވެ. މި ހަތް ދާއިރާއިން ކޮންމެ ދާއިރާއަކުން އެއް ފުރުޞަތު ވަނީ ދީފައެވެ.

ސްކޮލަރޝިޕް ދެއްވާ، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ދެއްވި މެސެޖެއްގައި ވިދާޅުވީ މަތީ ތަޢުލީމުގެ ފުރުޞަތުތަކުގެ ތެރެއިން، ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން އުފެއްދުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއްކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގައިވެސް ސްޕެޝަލިސްޓް ޚިދުމަތް ފުޅާކުރުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"މި ސްކޮލަރޝިޕް ސަރުކާރުން ފަހިކޮށްދެނީ، އެނބުރި ޤައުމަށް އައިސް މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައި. މީގެ ބޭނުމަކީ އަމިއްލަ ރަށުގައި ނުވަތަ އެ ސަރަޙައްދެއްގައި ތިބެގެން ފަސޭހައިން ލުއިކޮށް ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން." މިނިސްޓަރ ވިދާޅުވިއެވެ.

މި ސްކޮލަރޝިޕް ފުރުޞަތަށް އެދި 49 ޑޮކްޓަރަކު ހުށަހެޅުއްވިއެވެ. މީގެތެރެއިން ފުރުޞަތު ލިބޭ ޑޮކްޓަރުން ކަނޑައަޅުއްވާފައިވަނީ، މަރކްސް ދޭ ޚާއްސަ އުސުލެއްގެ ދަށުންނެވެ. ސްކޮލަރޝިޕަށް ހޮވުނު ޑޮކްޓަރުން، އެކަން އަންގަވާތާ 10 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފައްޓަވަން ޖެހޭނެއެވެ.

މި ސްކޮލަރޝިޕްގައި ކޯސް ފީއާއި، ޓިކެޓާ ބުކް އެލަވަންސް އަދި ވިސާ އަދި އިންޝުއަރެންސްގެ ޚަރަދުވެސް ބަލަހައްޓާނީ ދިވެހި ސަރުކާރުންވެ.

މި ސްކޮލަރޝިޕް ފުރިހަމަކުރާ ޑޮކްޓަރުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ކަނޑައަޅާފައިވާ މުއްދަތަށް ރާއްޖޭގައި ޚިދުމަތް ކުރަން ޖެހޭނެއެވެ.