ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އުފަން ރަށް ކަމުގައިވާ ކްރެވޮއީ ރީޔަށް ރަޝިޔާއިން ދިން ވަރުގަދަ މިސައިލް ހަމަލަތަކެއްގައި ޢާންމުންގެ ހަ މީހުން މަރުވެއްޖެއެވެ. ރަޝިޔާގެ ހަމަލަތައް އަމާޒުކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތަކާއި ޔުނިވަރސިޓީއަކަށް ކަމުގައި ޔޫކްރެއިންގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 10 އަހަރުގެ ކުޑަކުއްޖަކާއި އެ ކުއްޖާގެ މައިމީހާ ހިމެނޭ ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު ސަރްހީ ލޫސަކް ވިދާޅުވިއެވެ. މިސައިލް ހަމަލަތަކުގައި އިތުރު 69 މީހަކު ޒަޚަމުވެފައިވާ ކަމަށް ވިދާޅުވެ، ލޫސަކް ވަނީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް ކަނޑައަޅާފައެވެ. ރައީސް ޒެލެންސްކީގެ އުފަން ރަށަށް މީގެ ކުރިން ވެސް ރަޝިޔާގެ ހަމަލަތައް އަމާޒުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
ޖޫން މަހު ރަޝިޔާއިން އެ ރަށަށް ދިން ވަރުގަދަ ހަމަލަތަކެއްގައި ވެސް 11 މީހުން ވަނީ މަރައިލާފައެވެ. ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތްތަކަށް އަމާޒުކޮށް ދިން ހަމަލަތަކުގައި 28 މީހުން ޒަޚަމުވި ކަމަށް ވެސް ޔޫކްރެއިނުން ބުނެއެވެ. ކްރެވޮއީ ރީޔަކީ 600,000 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.
އެ ރަށަށް ރަޝިޔާއިން އެންމެ ފަހުން ދިން ހަމަލަތަކުގައި ޒަޚަމުވި މީހުންގެ ތެރެއިން ގިނަ ބަޔެއްގެ ހާލު ސީރިޔަސް ކަމަށާއި، އޭގެ ތެރެއިން ބަޔެއް މީހުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ. އޭގެ ތެރޭގައި އުމުރުން ހަތަރު އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިން ވެސް ހިމެނެއެވެ.
މި ހަމަލާތަކުގައި ގެއްލުން ލިބުނު ޢިމާރާތްތަކުގެ ދަށުގައި ތާށިވިކަމަށް ބެލެވޭ މީހުން ސަލާމަތް ކުރަން 350 އަށްވުރެ ގިނަ މީހުންގެ ޓީމަކުން ހަރަކާތްތެރިވަމުންދާ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. އޭގެ ތެރެއިން 30 މީހަކު މިހާރު ވެސް ވަނީ ސަލާމަތްކޮށްފައެވެ. އަދި، މި ހަމަލާގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކަށް ނަފްސާނީ ގެއްލުން ލިބިފައިވާ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ. ނަމަވެސް، މި ފަދަ ހަމަލަތަކުގެ ސަބަބުން ޔޫކްރެއިންގެ ރައްޔިތުންގެ އަޒުމެއް ނުގުޑާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި ރަޝިޔާއިން ޔޫކްރެއިންގެ ރަށްތަކަށް ދެމުންދާ ވަރުގަދަ ހަމަލަތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި ޢިމާރާތްތަކަށް އަމާޒު ކުރަމުންދާ ކަމުގައި ޔޫކްރެއިނުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، ރަޝިޔާއިން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.
މި ހަނގުރާމައަށް 524 ދުވަސް ފުރިފައިވާއިރު، ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ އަދި ޒަޚަމުވެފައިވާ ޢާންމުންގެ ޢަދަދު 25,671 އަށް އަރާ ކަމުގައި އ.ދއިން ބުނެއެވެ. ނަމަވެސް، ހަޤީޤަތުގައި އެ ޢަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ކްރެވޮއީ ރީޔްގެ އިތުރުން ރަޝިޔާއިން ދަނީ ޔޫކްރެއިންގެ އެހެން ސަރަޙައްދުތަކުގައިވާ ރަށްތަކަށް ވެސް ވަރުގަދަ ހަމަލަތަކެއް އަމާޒު ކުރަމުންނެވެ.
ޔޫކްރެއިންގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަންދްރީ ޔަރްމާކް ވިދާޅުވީ އެ ޤައުމުގެ ދެކުނުގައިވާ ޚަރްސަނަށް ރަޝިޔާއިން ދިން ވަރުގަދަ ހަމަލަތަކެއްގައި ޢާންމުންގެ ހަތަރު މީހުން މަރުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އުމުރުން 60 އަހަރުވެފައިވާ މީހެއް ވެސް ހިމެނެއެވެ. އެ ހަމަލަތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަމުގައި ވެސް ޔަރްމާކް ވިދާޅުވިއެވެ.
ރަޝިޔާއިން ދެމުންދާ ހަމަލަތަކުގެ ރައްދުގައި ޔޫކްރެއިނުން ވެސް ދަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލަތައް އިތުރު ކުރަމުންނެވެ. މި ގޮތުން، ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަޝިޔާގެ ރަށެއް ކަމުގައިވާ ބްރިޔަންސްކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލައެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު އަލެކްސާންދްރަ ބަގާމާސް ވިދާޅުވިއެވެ. އެ ހަމަލާގައި ގެއްލުން ލިބިފައި ވަނީ ފުލުހުންގެ ސްޓޭޝަނަކަށެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވެސް ޑްރޯން ހަމަލަތަކެއް ދީފައިވެއެވެ. އޭގެ ތެރެއިން ތިން ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. މި ހަމަލަތަކުގެ ފަހަތުގައި އޮތީ ޔޫކްރެއިން ކަމަށާއި، އެމެރިކާއާއި ނޭޓޯގެ އެހެން ބާރުތަކުން މި ކަމުގައި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ. ނަމަވެސް، އެ ޤައުމުތަކުން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.